5 ވަރަކަށް މަސްދުވަހުގެ ތެރޭގައި ހިނގި މަތިންދާ ބޯޓު ވެއްޓުމުގެ 2 ހާދިސާގައި ފުރާނަ ގެއްލިދިޔަ މީހުންގެ އާއިލާތަކަށް މާލީ ބަދަލު ދިނުމަށް ނިންމާ، އެ އާއިލާތަކަށް ވަކި ވަކީން 144500 ޑޮލަރު ދިނުމަށް ބޮއިންގް ކުންފުނިން ނިންމައިފިއެވެ.
މި ފައިސާއަކީ މިދިޔަ ޖުލައި މަހު ބޮއިންގް ކުންފުނިން އިއުލާންކުރި 50 މިލިއަން ޑޮލަރުގެ މާލީ އެހީގެ ފަންޑުން ކުރާ ހޭދައެއް ކަމަށް މައުލޫމާތު ލިބެއެވެ.
މާލީ ބަދަލު ބޭނުންވާ އާއިލާތަކުން 2020 ވަނަ އަހަރުގެ ކުރިން އެ ކުންފުންޏަށް އެކަން ހުށަހަޅަންޖެހެއެވެ.
ކަންމިހެން އޮތްއިރު، މިއީ ބޮއިންގް ކުންފުނިން ޖައްސާ ޕަބްލިސިޓީ ސްޓަންޓެއް ކަމަށް މަތިންދާ ބޯޓު ވެއްޓުމުގެ ހާދިސާތަކާ ގުޅިގެން ބޮއިންގް ކުންފުންޏާ ދެކޮޅަށް ދައުވާ ކުރަމުންދާ އާއިލާތަކުގެ ވަކީލުން ދަނީ ބުނަމުންނެވެ.
ބޮއިންގް ކުންފުނީގެ ޝިކާރައަކަށްވީ 15 އާއިލާއެއްގެ ފަރާތުން އެ ކުންފުންޏާ ދެކޮޅަށް ވަކާލާތު ކުރަމުން އަންނަ ނޫމާން ހުސައިން ބުނީ ފައިސާގެ ބަދަލު ދިނުމަށް ނިންމާފައިވާއިރު، އެކަމުން އާއިލާތަކަށް ހިތްހަމަޖެހުމެއް ނެތް ކަމަށާ، އާއިލާތަކުން ބޭނުންވަނީ ޖަވާބެއް ކަމަށެވެ.
2018 ވަނަ އަހަރުގެ ފަހުކޮޅާ، މިއަހަރުގެ ކުރީ ކޮޅު ލަޔަން އެއާގެ މަތިންދާ ބޯޓަކާ އިތިއޮޕިއަން އެއާލައިންސްގެ މަތިންދާ ބޯޓެއް ވެއްޓިގެން ހިނގި ހިތާމަވެރި ހާދިސާތަކުގައި އެތައް ސަތޭކަ ބައެއްގެ ފުރާނަ ގެއްލިފައިވާއިރު، މި 2 ހާދިސާގައިވެސް ވެއްޓިފައިވަނީ ބޮއިންގް މެކްސް އެއިޓް މޮޑެލްގެ ބޯޓުތަކެކެވެ. މި ބޯޓުތަކުގައި ބޮޑެތި މައްސަލަތަކެއް އުޅޭކަން މިހާރު ދަނީ ހާމަވަމުންނެވެ.