މިސްރުގެ ރައީސް ޢަބްދުލް ފައްތާހު އަލް ސީސީގެ އިސްތިއުފާއަށް ގޮވާލާ އެ ގައުމުގެ ބަނދަރުމަތީ ސިޓީއެއްކަމަށްވާ ސުވައިސްގައި ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުންތަކެއް ހިންގައިފިއެވެ.

ސީސީގެ އިސްތިއުފާއަށް ގޮވާލާ، އެތައް ސަތޭކަ ބަޔަކު ސުވައިސްގެ މަގުތަކުގައި މުޒާހަރާކުރަމުންދާއިރު، މުޒާހަރާތައް ކޮންޓްރޯޅް ކުރުމުގެ ނަމުގައި ސަލާމަތީ ބާރުތަކުން ވަނީ ކަރުނަ ގޭހުގެ އިތުރުން ލައިވް ވަޒަންވެސް ބޭނުންކޮށްފައި ކަމަށް ޚަބަރު ލިބެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މުޒާހަރާ ކުރަމުންދިޔަ ގިނަ ބަޔަކު މިހާރު ވަނީ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށްވެސް ގެންގޮސްފައެވެ.

މިސްރުގައި ޑިމޮކްރަޓިކް އިމުގެ ތެރެއިން ފުރަތަމަ ފަހަރަށް އިންތިހާބުކުރި ސަރުކާރު، އަސްކަރީ ބަގާވާތަކުން ވައްޓާލުމަށްފަހު ވެރިކަމަށް އަރާ ހުންނެވި ސީސީގެ ވެރިކަމާ ދެކޮޅަށް މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މިސްރުގެ އެކި ހިސާބުތަކުގައި ދަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.

މުޒާހަރާގެ ބައިވެރިންނާ ސަލާމަތީ ބާރުތަކުން ކުރިމަތިލާފައިވަނީ ބާރާއެކުގައި ކަމަށްވާއިރު، ބައެއް މީހުންނަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާކަމަށްވެސް މުޒާހަރާގެ ބައިވެރިންނާ ހަވާލާދީ ބައިނަލްއަގުވާމީ ޚަބަރުތައް ބުނެއެވެ. އަދި ކަރުނަ ގޭސް ޖަހާލެއް ގިނަކަމުން، ކިލޯމީޓަރެއްހާ ހިސާބު ދުރުގައި ހުންނަ ގެތަކަށްވެސް އޭގެ އަސަރު ކުރަމުންދާކަމަށް މިސްރުގެ ރައްޔިތުންވަނީ ބުނެފައެވެ.

ކަންމިހެން އޮތްއިރު، މިސްރު ތެރޭގައި މިނިވަންކަމާއެކު ހަރަކާތްތެރިވެ އުޅުމުގެ ފުރުސަތެއް ނޫސްވެރިންނަކަށް ނޯވެއެވެ. މެދުއިރުމަތީގެ ޚަބަރުތައް ގެނެސްދިނުމުގައި ބައިނަލްއަގުވާމީ ފެންވަރުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ އަލްޖަޒީރާއިންވެސް ވަނީ އެ އިދާރާގެ ނޫސްވެރިންނަށް މިސްރު ތެރެއިން ސީދާ ރިޕޯޓްތައް ގެނެސްދިނުން މަނާކޮށްފައިވާކަން ހާމަކޮށްފައެވެ.

މިސްރުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ، ބޭރުގެ މީޑިއާތަކުން މިސްރުގެ މުޒާހަރާގެ ވާހަކަތައް ގެނެސްދޭ ގޮތް ވަރަށް ގާތުން ވިލަރެސް ކުރަމުންދާކަމަށް ބުނެ، އިންޒާރުކޮށްފައެވެ.

އެމެރިކާގައި ދިރިއުޅޭ މިސްރުގެ ރައްޔިތުންވެސް މި ދަނޑިވަޅުގައި ދަނީ މުޒާހަރާކުރަމުންނެވެ. އެމެރިކާގައި ދިރިއުޅޭ މިސްރުގެ ރައްޔިތުން މުޒާހަރާކުރަމުންދަނީ އެމެރިކާގެ ނިއު ޔޯކް ހުންނަ ސީސީގެ ގެކޮޅު ކައިރީގައެވެ. މާދަމާ ފަށާ އދގެ މެމްބަރު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ވަޑައިގަންނަވާ، ސީސީ ހުންނަވާނީވެސް މި ސަރަހައްދުގައި ކަމަށް ޚަބަރު ލިބެއެވެ.