އުތުރު އެފްރިކާއާއި މެދުއިރުމަތީގެ ގައުމުތަކުގައި އޮތް ވެރިކަމާ ދެކޮޅަށް 2011 ވަނަ އަހަރު ފެށި އަރަބި ބަހާރުގެ އިންގިލާބުގެ ތެރެއިން ފުރަތަމަ ވެރިކަމުން ވައްޓާލެވުނު ތޫނިސްގެ ކުރީގެ ރައީސް ޒައިނުލް އާބިދީން ބިން އަލީ އަވަހާރަވެއްޖެއެވެ.

އަރުވާލެވިގެން ގައުމުން ބޭރުގައި ދިރިއުޅުއްވަމުން ގެންދަވަނިކޮށް، އުމުރުފުޅުން 83 އަހަރުގައި އާބިދީން އަވަހާރަވީ ސައުދީ އަރަބިއްޔާގައިކަން ތޫނިސްގެ ހާރިޖިއްޔާއިންވަނީ ކަށަވަރުކޮށްދީފައެވެ. އާބިދީން އަވަހާރަވެފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. ނަމަވެސް އާބިދީން އަވަހާރަވީ ސަބަބެއް، ތޫނިސްގެ ހާރިޖިއްޔާއިން ތަފްސީލު ކޮށްދީފައެއް ނުވެއެވެ.

އާބިދީންގެ ވަކީލު މުނީރު ބިން ސަހްލާއާއި އާބިދީންގެ ޑޮކްޓަރު އަދި އޭނާގެ އާއިލާއިންވެސް ވަނީ އާބިދީން އަވަހާރަވެއްޖެކަން ކަށަވަރުކޮށްދީފައެވެ.

1987 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރުގެ ނިޔަލަށް ތޫނިސްގެ ވެރިކަމުގައި ހުންނެވި އާބިދީން މަޝްހޫރުވެވަޑައިގެންފައިވަނީ ހައްދުފަހަނައަޅާދިއުމާ ދެކޮޅަށް މަސައްކަތްކުރެއްވި ލީޑަރެއްގެގޮތުގައެވެ. ނަމަވެސް ސިޔާސި ގޮތުން އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑާލައްވަން މަސައްކަތްކުރެއްވުމާ، ޑިމޮކްރަސީ ބަލައިގެންނެވުމަށް އިންކާރުކުރެއްވުމުގެ ސަބަބުން ގިނަ ބައެއްގެ މެދުގައި އާބިދީންގެ މަގުބޫލުކަން ކުޑަވެ، ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވިއެވެ.

އިގުތިސޯދީ އަދި މާލީ ހީނަރުކަމުގެ ތެރެއިން ޑިމޮކްރަސީއަށް ގޮވާލާ ތޫނިސްގެ ރައްޔިތުން ކުރި މުޒާހަރާތަކުގައި އެ ރައްޔިތުންނަށް ނަސްރު ލިބުމާއެކު، ތޫނިސް ދޫކުރައްވާ އާބިދީން ސައުދީއަށް ވަޑައިގެންނެވީ 2011 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 14 ވަނަ ދުވަހުއެވެ. ކުށްލި ގޮތަކަށް އާބިދީން ވެރިކަން ދޫކޮށްލެއްވުމާއެކު އުތުރު އެފްރިކާއާއި މެދުއިރުމަތީގެ ގައުމުތަކުގައި ޑިމޮކްރަސީގެ ވިންދުޖަހާ، ރޫހު ދިރި، އެ ސަރަހައްދުގެ ގިނަ ގައުމުތަކެއްގެ ވެރިކަން ބަދަލުކޮށްލިއެވެ.