"ބިދޭސީން، ބިދޭސީން، އެތާވެސް ބިދޭސީން، މިތާވެސް ބިދޭސީން، މުޅި އޮޑީގައިވެސް ބިދޭސީން" މިއީ ސައި ހޮޓަލަކަށް މިއަދު ވަން މީހާކު އަޑުހަރުކޮށް ކިޔަމުން ދިޔަ ބަންޖެކެވެ.

އަހަރެންގެ ސަމާލުކަން އޭނާއަށް ހުއްޓުނީ، މި ދުވަސް ވަރަކީ ބިދޭސީންގެ ވާހަކަ ދެއްކުން ގިނަ ވެފައިވާ ދުވަސްވަރަށް ވެފައި އޭނާގެ އެ ބަނދީގައި އަސަރެއް ހުރިކަން ފާހަގަ ވެގެންނެވެ. މޭޒު ކައިރީގައި އިށީނދެ އޭނާ ދެން ފެށީ މާ އަސަރުގަދަ ވާހަކައެކެވެ.

"މަގޭ އަންހެނުންވެސް ޖަހައިގެންފި..." އޭނާގެ ވާހަކަ ފެށިއެވެ. ވަކި މީހަކަށް އެވާހަކަ ކިޔައިދިނުމުގެ ވިސްނުމެއް އޭނާގެ ހުރި ކަމަކަށް ނުބެލެވެއެވެ. ހޮޓަލުގައި ސައިބޯން ތިބި ހާ ބަޔަކަށް އޭނާގެ ވާހަކަ އަޑު އިވޭނެތީއެވެ.

އިންސާނެއްގެ ހިތުގެ އުދާސްތައް އެންމެ ފަސޭހައިން ފިލައިގެން ދަނީ، އެ އުދާސްތަކެއްގެ ވާހަކަ އެހެން މީހަކާ ހިއްސާ ކުރުމުންނޭ ބުނާ މުހާވަރާއިން އަހަރެން ހިތްވަރު ލިބިގަތީމެވެ. އޭނާގެ ފަރާތުން ބައެއް ކަންކަން ސާފުކޮށްލުމަށެވެ. އޭނާ ބުނީ 'އެ ބަންގާޅީ ގެނައީ ގެ ފޮޅާ ސާފު ކުރުމަށް' ކަމަށެވެ. ދުވަސްކޮޅެއް ނުވެ 'އޭނާގެ ފަރިތަކަން ބޮޑުވެ ގޭ ތެރެއަށް އޮޅުވެއްޖެ' ކަމަށެވެ. 'ގޭގެ އޮޅިގަނޑު ގިރާކޮށް ވަދެއްޖެ' ކަމަށެވެ.

އޭނާގެ ވާހަކަ އެހާ ހިސާބުން ނިންމައެއް ނުލިއެވެ. ރާއްޖޭގައި ބިދޭސީން ގިނަކަމާއި، އުޅޭ މުއްސަނދި ދިރިއުޅުމުގެ ވާހަކައާއި، ކުރާ ވިޔަފާރިތަކުގެ ވާހަކަވެސް ދެއްކިއެވެ. އަހަރެންގެ ޝައުގުވެރިކަން އެންމެ ބޮޑަށް ހުއްޓުނީ އެމީހުން ކުރާ ވިޔަފާރިތަކުގެ ތެރެއިން މާލޭ ބަނދަރުމަތީގައި ހުންނަ އާންމު ފާހާނާ ބަރީގެ އެންމެ އެތެރޭގައި ބޮޑު ސިންގާ ބޯ ކޮށާ ތަނެއް ހިންގާ ވާހަކައަށެވެ.

އާންމު ފާހާނާ ބަރީގެ އެތެރެ / ފޮޓޯ: ހަސަން އަތޫފު ދަޕްރެސް

ބޯ ކޮށާ ތަން

'ދަޕްރެސް' ގެ ޓީމު އެތަން ބަލަން ދިޔައީ ބޯ ކޮށަން ޖެހިއްޖެއްޔާ ކޮށާ ގޮތަށެވެ. އެތަނަށް ގޮސް އެތެރެއަށް ވަދެގެން ދިޔަ އިރު އެއީ އެއްގޮތަކަށްވެސް ފެންވަރާ، ފާހާނާ ކުރުން ނޫން ކަމެއް ހިންގާ ތަނެއް ކަމުގެ އިހުސާސެއް ނުކުރެވެއެވެ. އާންމު ފާހާނާ ބަރިއެއްގައި ނަމަވެސް ހުންނަން ވާ ސާފުތާހިރު ކަމެއް ނެތުމާއި ދުވާ ވަހުން، އިތުރު ކަމެއް ސިކުނޑީގެ ތެރޭގައި އެވަގުތު ހިންގާލެވޭ ވަރެއް ނޫނެވެ. ފުން ނޭވާއެއް ލުމަށް ފަހު، އެތެރެއަށް ނޭވާ ހިފަހައްޓައިގެން ވަދެއްޖައީމެވެ. އެންމެ އެތެރެއަށް ވަދެވުނު އިރު، އެއީ ހަމަ ބޮޑުސިންގާ ބޯ ކޮށާ ތަނެކެވެ.

އާންމުކޮށް މާލޭގައި ހަދާފައި ހުންނަ ބޯ ކޮށާ ތަންތަނާ އެތަނަކާ ތަފާތެއް ނެތެވެ. ނުދޮވެ ގިނަ ދުވަސްވެފައި އޮންނަ ގައިމަތީ ފޮތިގަނޑާ، ހަމަ އެހުންނަ ކަހަލަ ބޯކޮށާ ގޮނޑިއާއި ސްޕްރޭ ކުރަން ގެންގުޅޭ ފެންފުޅިއާއި، ބޮލުގައި ފުނާ އަޅަން ގެންގުޅޭ ދަތި ފުނާވެސް އޮތެވެ. ދެން ހަމަ މަދީ ކުޑަ އޭސީއަކާ ޓީވީއެކެވެ. އެނޫން ހުރިހާ އާލާތެއް ހުއްޓެވެ.

"ކޮބާ ބޯ ކޮށަން ވީ، ދިގު ވަނީ ނު" ހަމަ ވަން ގޮތަށް ވަދެ އަހަރެން ބުނެފީމެވެ. ބޭނުމަކީ އެތާނގައި އެވަގުތު ހުރި މީހާއާ 'ފްރެންޑް' ވެލުމެވެ.

"ދިގު ނެތީނު... އިށީނދޭ" އޭނާ އަހަންނަށް ޖަވާބު ދެމުން ބޯ ކޮށާ ގޮނޑީގައި އިށީންނަށް އިޝާރާތް ކުރިއެވެ.

އަހަރެން އިށީނުމާއެކު އެއްކަލަ 'ކަރުވެފައި އޮތް ފޮތިގަނޑު' ނަގާ ފޮޅާލައިފައި އަހަރެންގެ ކަރުގައި އައްސައިފިއެވެ.

"ތުނި ބޭނުން؟" އަހަރެންގެ ބޮލުގައި އަތް ކާއްތާލަމުން ބޯކޮށަށް އަހަރެން ބޭނުންވެފައި ހުންނާނެ ކަމަށް އޭނާއަށް ފެންނަ ގޮތް އަހާލިއެވެ. އޭނާ އެހެން އެހީ އަހަރެންގެ ބޯ ހުރީ ތުނިކޮށް ކަމަށް ވެފައި، ހުރި ވަރަށް ވުރެ ތުނި ކުރާނެ މީހަކު ނޫނިއްޔާ ބޯ ކޮށާ ގޮނޑިއަކު ނީށިއިންނާނެ ކަން އެނގޭތީއެވެ.

"ކުޑަ ރީތި ކުރަނީ..." އަތުގެ އިޝާރާތުން އަހަރެންގެ ކަންހުޅިއާއި ތުނބުޅި ދައްކަމުން އޭނާ ކައިރީ ބުނީމެވެ. އަހަރެންގެ ބޭނުމަކީ ބޯކޮށުން ކަމަށް ނުވާތީ، ބޯކޮށާ ތަނަށް ފުންކޮށް ނަޒަރު ހިންގާލުމަށް ފަހު ސަމާސާގެ ތެރެއިން އަހަރެން އޭނާއާ ސުވާލު ކުރަން ފެށީމެވެ.

އޭނާގެ ވާހަކައިން އެނގުނު ގޮތުގައި އޭނާ ރާއްޖޭގައި މަސައްކަތް ކުރާތާ 4 އަހަރު ވެއްޖެއެވެ. އުމުރުން 28 އަހަރުގެ އެ މީހާ (ނަން އުނި ކުރެވިފައި) ބޮލެއް ކޮށައި ދެނީ -/25ރ އަށެވެ. އަދި އެތަނުގައި އޭނާ މަސައްކަތް ކުރާތާ ލައްކަ ދުވަސް ވެއްޖެއެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އޭނާގެ 'ބޮސް' އަކީ ކޮންނަމެއް ކިޔާ ކާކު ކަމެއް އޭނާއަކަށް ނޭނގެއެވެ. އޭނާގެ ވާހަކައިން އެނގުނު ގޮތުގައި އޭނާ އެ މަސައްކަތް ކޮށްދެނީ ދިވެއްސަކަށެވެ. މުގުުލުގައި ހުރީ ދިވެއްސެކެވެ. އޭނާއަށް އެމީހާގެ ނަން ނޭނގުމަކީ މި ރިޕޯޓު ލިޔުމުގައި ގޮން ޖެހުމަކަށް ވި ކަމެކެވެ.

އާންމު ފާހާނާ ބަރީގެ އެތެރޭގައި ހުރި ބޯކޮށާތަން / ފޮޓޯ: ހަސަން އަތޫފު | ދަޕްރެސް

އާންމު ފާހާނާ ބަރިތައް

ޖޫން 8، 2010 ގައި މާލޭގައި އާންމު ފާހާނާ ބަރިތަކެއް ހެދީ މާލޭގައި ދިރިއުޅޭ މީހުންނާއި ދަތުރުވެރިންނާއި އަދި ފަތުރުވެރިންނަށްވެސް ވަދެ ފާހާނާކޮށް ހެދޭ ގޮތަށް، އެ ވިސްނުން އާންމު ކުރަމުންނެވެ. ނަމަވެސް އެހެން ކުރާ ކޮންމެ ކަމެއްގައި ފޮރުވިފައި އޮންނަ 'އެޖެންޑާ އެއް'، ކަން ކުރަން ތިބޭ މީހުން ގެންގުޅޭ ގޮތަށް، މިކަމުގައިވެސް ވީ އެހެންނެވެ. ފާހާނާ ބަރިތައް ހަދާ އާންމު ބޭނުމަށް ހުޅުވާލުމުން ދުވަސްކޮޅަކު ރަނގަޅަށް ހިނގަމުން ދިޔައެވެ. ނަމަވެސް އެމަސައްކަތަށް ހަދާފައި އޮތް އެގްރީމެންޓްގެ މުއްދަތު ހަމަ ވެގެން އާ ކުރަން ޖެހުނު ހިސާބުން ކޮރަޕްޝަނުގެ މައްސަލަތައް ފެންމަތިވިއެވެ. އެކަމުގައި އޭރު އޮތް ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރުކަން ކުރެއްވި ގ. ޗާންދަނީމާގޭ އިބްރާހިމް ޝުޖާއުގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށްވެސް ފޮނުވިއެވެ.

ޖޫން 23، 2014 ގައި އޭސީސީން ނެރުނު ބަޔާނުގައި ބުނެފައި އޮތީ ފާހާނާ ބަރިތައް ހިންގުމަށް ޖޫން 8، 2010 ގައި އެގްރިމެންޓު ކުރުމަށްފ ަހު އެ އެއްބަސްވުމަށް ސުޖާއު އަމިއްލަ އަށް އިސްލާހު ގެންނަވައި މުއްދަތު އިތުރު ކުރެއްވި ކަމަށެވެ. އަދި އޭނާ އެކަން ކުރެއްވީ ކައުންސިލަށްވެސް ނޭނގި އަމިއްލައަށް ކަމަށާ "މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއް ކަމަށް ކަނޑައަޅައި މި މައްސަލައިގައި މާލޭ ސިޓީ ކައުންސިލްގެ ކައުންސިލަރުގެ މަގާމުގައި ކުރިން ހުރި ގ. ޗާންދަނީމާގޭ، އިބްރާހިމް ސުޖާއުގެ މައްޗަށް ކޮރަޕްޝަން މަނާ ކުރުމާއި ހުއްޓުވުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ހުށަހެޅުމަށް" ޕީޖީއަށް ފޮނުވި ކަމަށް އޭސީސީގެ ބަޔާނުގައިވެ އެވެ.

މާލޭގައި އާންމު ފާހާނާ ބަރީގެ 5 ތަނެއް ހެދިއެވެ. މާލޭގެ އެކި ސަރަހައްދުތަކުގައި އާންމު ފަސޭހަށް ހެދި މި ތަންތަނަކީ މިއަދު އާންމުން ވަދެ އުޅެން އެކަށީގެންވާ ވަރަށް ވުރެ 'މުޑުދާރު' ތަންތަނެވެ. ފާހާނާ ތަށި ހުރިއްޔާ މައްޗެއް ނެތެވެ. ފްލަޝް ޓޭންކް ވެސް ހުރީ އެހާލުގައެވެ. ހޭންޑް ޝަވަރު ހަލާކުވެފައެވެ. ތަޅުންގަނޑާއި ފާރުތައް މުޑުދާރުވެފައި ހުރި ވަރުން ޖަހާފައި ހުރި ޓައިލްސްގެ ޑިޒައިންވެސް ވަކި ކުރަން އުނދަގުލެވެ. އޭގެ އިތުރުން ލޯބީގެ މެސެޖުތަކާއި އެކި ކަންކަމާ ގުޅޭ ގޮތުން ގުޅަންވީ ނަންބަރުތައްވެސް ފާރުތަކާއި ދޮރުތަކުގައި ލިޔެފައި ހުއްޓެވެ. އޭގެ ތެރޭގައި 'ނަންބަރާ އެކު އަގު' ވެސް ޖަހާފައި ހުރިތަން ފެނުނެވެ.

ޒިންމާ އުފުލާނެ ފަރާތަކާ މެދު ސުވާލު އުފެދިފައި!

2018 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ އާބާދީއަކީ 512،038 އެވެ. އޭގެތެރެއިން 145،862 މީހުންނަކީ ބިދޭސީންނެވެ. އެއީ 132،806 ފިރިހެނުންނާއި 13،055 އަންހެނުންނެވެ. ދާދި ފަހުން އިމިގްރޭޝަނުން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގައި މިހާރު 144,607 ބިދޭސީން އުޅެއެވެ. އޭގެތެރެއިން 63،000 އުޅެނީ ގަވައިދާ ޚިލާފަށް ކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެވެ. ރާއްޖެއިން ޑީޕޯޓް ކުރެވިފައިވާ ބިދޭސީންގެ ތަފާސްހިސާބަށް ބަލާއިރު، މިދިޔަ އަހަރު ޖިނާއީ ކުށްތަކުގައި ތުހުމަތު ކުރެވިގެން 112 މީހުން ޑީޕޯޓް ކޮށްފައިވާ ކަމާއި ސިއްހީ މައްސަލަތަކުގައި 513 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓް ކޮށްފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ.

ރާއްޖޭގެ މި ކުޑަ އާބާދީއަށް ނުކަތާވަރަށް ބިދޭސީން ރާއްޖޭގައި އުޅުމަކީ، ފާއިތުވެ ދިޔަ ހުރިހާ ސަރުކާރެއްގެ ގުޅުންހުރި މުއައްސަސާތަކުން އިހުމާލުވެފައި ވާ ކަމުގެ ފުރިހަމަ ހެތްކެކެވެ. އަދުގެ ސަރުކާރުން ބިދޭސީންގެ ކަންކަން ހައްލު ކުރުމަށް 'ފޫ ގަޅައިގެން' ނުކުންނެވި ކަން އިއުލާނު ކުރައްވައި، އެ މެންޑޭޓު އޮތް ވަޒީރު، އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވަނީ ބިދޭސީންގެ މައްސަލަ ހައްލު ނުކުރެވިއްޖެ ނަމަ އިސްތިއުފާ ދެއްވާނެ ކަމަށެވެ.

ނަމަވެސް ފާހާނާ ބަރިތެރޭގައި ބޯކޮށާތަން ހަދައިގެން އުޅޭ މައްސަލައިގައި ސިޓީ ކައުންސިލާއި، އިމިގްރޭޝަނާއި ފުލުހުންނާއި، މިނިސްޓްރީއަށް މިހާތަނަށް ކުރެވުނު އެއްވެސް ކަމެއް ނެތެވެ. އެތާނގައި އެ ބޯކޮށާ ތަން ހުންނަކަމާއި ހިންގަމުން ދާކަން އެ ފަރާތްތަކަށް އެނގެއެވެ. ޢަދި މައްސަލައާ ގުޅޭގޮތުން މި މުއައްސަސާތަކުން މަޝްވަރާވެސް ވަނީ ކޮށްފައެވެ. ސިޓީ ކައުންސިލުން ބުނަނީ އެމީހުނަށް އެތަނަށް ވަދެވެން ނެތީ، އެތާނގެ އެގްރީމެންޓް އަތުނުޖެހި އޮތީމައި ކަމަށެވެ. ފުލުހުން ބުނަނީ އެމީހުން އެތަނަށް ވަދެ، މަސައްކަތް ކުރަން ތިބި މީހުން ހައްޔަރު ކުރިއަސް 24 ގަޑި އިރު ވުމުން ދޫކޮށްލަން ޖެހޭނެ ކަމަށެވެ. އިމިގްރޭޝަނާއި މިނިސްޓްރީން ބުނަނީ އެގޮތަށް އުޅޭ ބިދޭސީން ބައިތިއްބާނެ ތަނެއް (ސޭފް ހައުސް) އެއް ނެތް ކަމަށެވެ. ނުވަތަ ބައިތިއްބާނެ ޖާގައެއް ނެތް ކަމަށެވެ. އަދި އެހެން އުޅޭ މީހުންނަކީ ކޮން ބައެއްކަން ދެނެގަނެވޭނެ ގޮތެއްވެސް ނެތް ކަމަށެވެ. މަޝްވަރާތައް ދިޔަގޮތް 'ދަޕްރެސް' އަށް ކިޔައި ދެމުން އެ މަޝްވަރާތަކުގެ އެއްފަރާތުން ބުނެފައިވެއެވެ.

ދެން އެހެން ވިއްޔާ ހެޔޮތާއެވެ. ފާހާނާ ބަރީގައި ބޯ ކޮށާތަން، ކީއްކުރަންތޯ ސަރުކާރުގެ މުއައްސަސާތަކުގެ ގުދަން ބިއްދޮށުގައި އޭޓީއެމް ވެސް ބަހައްޓައިގެން ވިޔަފާރި ކުރަންވީތާއެވެ. މި ދާ ރޭޓުން ދަންޏާ 'ފުށްޑަން' ބިއްދޮށުގައިވެސް އެވެރިންގެ ވިޔަފާރި ހިންގާނެއެވެ.