މުސާރައަށް 50 ޕަސެންޓްގެ ކުރިއެރުމެއް ދިނުމަށް ޑިމާންޑްކޮށް، އުރުދުންގެ އާންމު ސްކޫލްތަކުގެ ޓީޗަރުން ކުރަމުންދާ ހަޅުތާލު ދެވަނަ ހަފުތާއަކަށް ދިގުލާ ހިނގައްޖެއެވެ.

ލައްކައަކަށް ވުރެ ގިނަ ޓީޗަރުން، ވިދިވިދިގެން ދެ ހަފުތާ ވަންދެން ކުރަމުންދާއިރު އެމީހުންނަށް މިހާރު ލިބޭ މުސާރައަކީ އިންތިހާ ފަގީރުކަމުގެ ބޯޑަރާ ދާދި ކައިރީ މިންގަނޑެއްގެ މުސާރައެއް ކަމަށް މައުލޫމާތު ލިބެއެވެ.

50 ޕަސެންޓަށް މުސާރަ ބޮޑުކޮށްދިނުމަކީ އުރުދުން ސަރުކާރުގެ ވައުދަކަށްވާއިރު، 5 އަހަރު ދުވަސްވީ މި ވައުދަށް އިހުތިރާމުކުރުމަށް ޓީޗަރުން ދަނީ ޑިމާންޑްކުރަމުންނެވެ. މިދަނޑިވަޅަކީ އުރުދުންގެ ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލި، ދިރިއުޅުމުގެ އާންމު ހާލަތު އިންތިހާއަށް ނުތަނަވަސްވެފައިވާ ދަނޑިވަޅެކެވެ. އުރުދުންގައި އާންމު ދިރިއުޅުމުގެ ކަންކަމަށް ހިނގާ ހަރަދުތައްވެސް މިހާރު ވަނީ އަތް ނުފޯރާ ފަށަށް އުފުލިފައިކަމަށް ޚަބަރު ލިބެއެވެ.

ޓީޗަރުން ހަޅުތާލު ކުރަމުންދާއިރު، އުރުދުންގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުނު ފަހުން ސްކޫލަށް ނުދާ 1.3 މިލިއަނެއްހާ ދަރިވަރުން މިއަދު އެގައުމުގައި އެބަތިއްބެވެ.

ޓީޗަރުންގެ އެންމެ ބޮޑު ޝަކުވާއަކީ، އެމީހުންގެ ކަންބޮޑުވުންތައް ސަރުކާރުން އޮޅުވާލަމުންދާ ދިއުމެވެ.

"ސަރުކާރުން ދޭ މުސާރައިން ކިރިޔާ ފަރުޖައްސާލެވެނީ. އެހެންވެ އަހަރަމެންނަށް މަޖުބޫރުވަނީ ދެވަނަ ވަޒީފާއެއް ހޯދަން. އާއިލާ ބަލަންޖެހިފައި ތިބި ޓީޗަރުން އިތުރު އާމްދަނީ ހޯދަންޖެހެނީ ޓެކްސީ ކޮންގެން... އެހެންނޫނީ ލޭބަރުންގެ ގޮތުގައި މަސައްކަތްކޮށްގެން" އުރުދުންގެ ވެރިރަށް އައްމާނުން މީޑިއާއާއި ވާހަކަ ދެއްކި ޓީޗަރަކު ކިއާދިނެވެ.

އައްމާނުގައި ހަޅުތާލު ކުރަމުންދާ ޓީޗަރުންދަނީ، ދަށުން މަސައްކަތްކުރައްވާ އޮފިޝަލުންނަށް ކަންކަން މިމައްސަލަ ހައްލުކޮށްދެއްވުމަށް ބޮޑުވަޒީރު އުމަރު އަލް-ރައްޒާޒު ސީދާ ގޮތުން ބައިވެރިވެވަޑައިގަތުމަށް ޑިމާންޑްކުރަމުންނެވެ.

ބައެއް ޓީޗަރުން ޑިމާންޑްތަކާއެކު މަގުތަކަށް ނިކުމެފައިވާއިރު ފުލުހުންނާއި ޕެރާ މިލިޓްރީ ބާރުތަކުގެ ފަރާތުން ފުރައްސާރައާއި އަނިޔާ ތަހައްމަލުކުރަންޖެހިފައިވާކަމަށް ޓީޗަރުންގެ އިއްތިހާދުން ވަނީ ބުނެފައެވެ. ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް 50 ޓީޗަރަކު ގެންދިޔަ ނަމަވެސް މިހާރު އެމީހުން މިނިވަންކޮށްފައިވާކަމަށްވެސް ޚަބަރު ލިބެއެވެ.

އުރުދުންގެ އާންމު ސްކޫލެއްގައި މަސައްކަތްކުރާ ޓީޗަރަކަށް މަހެއްގެ މައްޗަށް ޖެހެނީ ގާތްގަނޑަކަށް 500-635 ޑޮލަރެވެ. މިއީ 5 މީހުންގެ އާއިލާއެއްގެ ނިސްބަތުން ބަލާއިރު އިންތިހާ ފަގީރު ކަމުގެ ގިންތީގެ ގޮތުގައި ކަނޑައަޅާފައިވާ 479 ޑޮލަރާ ގާތް އަދަދެކެވެ.

އުރުދުން ސަރުކާރުން ބުނާ ގޮތުގައި ޓީޗަރުންގެ ޑިމާންޑާއެކު 163 މިލިއަން ޑޮލަރު ހަރަދުކުރަން ޖެހެއެވެ. ނަމަވެސް އެތަނަވަސްކަމެއް ސަރުކާރުގައި ނެތްކަމަށް އުރުދުންގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އޮފިޝަލުން ވަކާލާތުކުރާ ގޮތުގައި ޓީޗަރުންނަށް މުސާރައިގެ ކުރިއެރުން ދެވޭނީ އެމީހުންގެ މަސައްކަތްތެރިކަމަށް ބަލައިގެންނެވެ. އެގޮތުން މިނިވަން ދިރާސާތައް ކުރުމާ، ކޯސްތައް ފުރިހަމަ ކުރުމާ، އިލްމީ ސެމިނާތަކުގައި ބައިވެރިވާ ޓީޗަރުންނަށް މަޖުބޫރުވެއެވެ. ނަމަވެސް މިކަމަކީ މަދު ޓީޗަރަކު ނޫނީ މިކަމަށް ވެސް ކުފޫ ހަމަނުވެއެވެ.

"ސްކޫލް މަސައްކަތް ކުރަމުން، އާއިލާ ބަލަހައްޓަމުން އިތުރު ދިރާސާތައްކޮށް، އެބުނާ ސެމިނާތަކެއްގައި ބައިވެރިވެގެން ސަރުކާރުން ކަނޑައަޅާ މުސާރަ ގިންތިއަށް ބަދަލުވާނެ ވަގުތު ހޯދާނީ ކޮންތާކުން؟" ސަރުކާރުގެ ޖަވާބަށް ރައްދުދިން ޓީޗަރަކު އޭނާގެ ޝަކުވާ އުފުލިއެވެ.

އުރުދުންގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވެސް ޓީޗަރުންގެ ވާހަކަތަކަށް ތާއީދުކުރައްވައެވެ. ނަމަވެސް ހަޅުތާލާ މުޒާހަރާތައް ހުއްޓުމަކަށް ގެނެސް، ކިޔަވައިދިނުމައިގެން ކުރިއަށް ދިއުމަށް ޓީޗަރުން އިންކާރު ކުރަމުންދާތީ މަޖިލީސް މެންބަރުންގެ ރުހުންވެސް އުރުދުންގެ ޓީޗަރުންނަށް ދަނީ ގެއްލެމުންނެވެ.