ތައިލޭންޑްގެ ޔުނިވާސިޓީތަކުގައި ތައުލީމު ހާސިލުކުރަމުންދާ މުސްލިމު ދަރިވަރުންނާ ބެހޭ މައުލޫމާތާ ވަނަވަރު އެއްކުރުމަށް އެގައުމުގެ ފުލުހުން ފަށާފައިވާ މަސައްކަތް ދިފާއުކުރައްވާ ތައިލޭންޑްގެ ބޮޑުވަޒީރު ޕްރާޔޫތު ޗާން-އޯޝާ ވާހަކަފުޅުދައްކަވައިފިއެވެ.

މުސްލިމު ދަރިވަރުންގެ ވަނަވަރު އެއްކުރުމަށް ތައިލޭންޑްގެ ފުލުހުން ކުރިއަށްގެންދާ ހަރަކާތަކީ ތަފާތުކުރުމުގެ އަމަލެއް ކަމަށާ، އެއީ ޣައިރު ގާނޫނީ އަމަލެއް ކަމަށް ގިނަ ބަޔަކު ބުނަމުންދަނުކޮށް ބޮޑުވަޒީރު ޗާން-އޯޝާ ވިދާޅުވީ، މިއީ ތައިލޭންޑްގެ ޔުނިވާސިޓީގައި "ނުބައި ނިޔަތުގައި" އުޅޭ ފަރާތްތައް ހޯދުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ތައިލޭންޑްގައި މަތީ ތައުލީމު ހާސިލުކުރަމުންދާ މުސްލިމު ދަރިވަރުންގެ މައުލޫމާތު އެއްކުރުމުގެ ހާއްސަ ހުއްދައަކަށް ތައިލޭންޑްގެ ފުލުހުން އެދިފައިވަނީ، މިއަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ތައިލޭންޑްގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ކަމަށް ޚަބަރު ލިބެއެވެ. މިހަމަލާތަކުގެ އިލްޒާމު އަޅުވާފައިވަނީ މުސްލިމުންގެ ބޮލުގައެވެ.

ކަންމިހެން އޮތްއިރު، ތައިލޭންޑްގައި މަތީ ތައުލީމު ހާސިލުކުރަމުންދާ މުސްލިމު ދަރިވަރުންގެ މައުލުމާތާ ވަނަވަރު އެއްކުރަންޖެހޭނީ ގައުމީ ސަލާމަތާ ބެހޭ ޑޭޓާބޭހެއް ގާއިމުކުރުމަށް ކަމަށްވެސް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި މިކަން ކުރުމުގައި އެއްވެސް ބައެއްގެ ހައްގު ނިގުޅައިގަނެފައިނުވާ ކަމަށްވެސް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

ތައިލޭންޑްގައި މަތީ ތައުލީމު ހާސިލުކުރަމުންދާ މުސްލިމު ދަރިވަރުންނާ ގުޅިގެން ތައިލޭންޑްގެ ފުލުހުން ހޯދަމުންދާ މައުލޫމާތުގެ ތެރޭގައި ޔުނިވާސިޓީތަކުގައި ތިބި މުސްލިމު ދަރިވަރުންގެ އަދަދާ، އެ ދަރިވަރުންގެ އުފަން ވަޒަނާ، ދީނީ ފިކުރާ މަޒްހަބު ފަދަ ތަފްސީލީ މައުލުމާތު ހިމެނެއެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ސިފަކުރާ ގޮތުގައި މިއީ ޒާތީ ހައްގުތަކަށް އަރައިގަތުމުގެ ޣައިރު ގާނޫނީ އަމަލެކެވެ. އަދި މިއީ ދީނީ ފިކުރަށް ބިނާކޮށް ހިންގާ ތަފާތުކުރުމުގެ އަމަލެއްކަމަށްވެސް އެފަރާތްތަކުން ސިފަކުރެއެވެ.

ތައިލޭންޑްގެ އާބާދީއަށް ބަލާއިރު 90 ޕަސެންޓް ހިއްސާކުރަނީ ބުދިސްޓުންނެވެ.