ރަލާއި އޫރުމަސް ކެއުމަށްވުރެ އެ ހުއްދަކަމުގައި ދެއްކުމަކީ މާ ބޮޑު ފާފައެއް ކަމަށް ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޒައިދު ވިދާޅުވީ، ރަލާއި އޫރުމަސް ވިއްކުމާއި ކެއުމަށް ވުރެ ﷲގެ ހަޒްރަތުގައި ފާފައިގެ ގޮތުން ބޮޑީ އެ ތަކެއްޗަކީ ހުއްދަ ތަކެތިކަމުގައި ދެއްކުން ކަމަށެވެ. ޒައިދު ވިދާޅުވީ، ރަލާއި އޫރުމަސް ހުއްދަކަމުގައި ދެއްކުމަށް ކިޔަނީ ލާދީނީ ވުން ކަމަށެވެ. އެގޮތުން، ޒައިދު ވިދާޅުވީ، ރަލާއި އޫރުމަހުގެ ވާހަކަ 2018ގައި ވެސް ދެއްކެވި ކަމަށެވެ.
ޒައިދު ވިދާޅުވީ ރަލާއި އޫރުމަހަކީ، ވަކި އިރަކަށް ހަރާމްވާ އެއްޗެއް ނޫން ކަމަށާއި، އެއީ ގިޔާމަތާ ޖެހެންދެން ވެސް ހަރާމް އެއްޗެއް ކަމަށެވެ. އެގޮތުން، ރަލާއި އޫރުމަސް ރާއްޖެ އެތެރެ ކުރުމަކީ ކަނޑައެޅިގެން ހަރާމް ކަމެއް ކަމަށާއި، ބިސްމި ލިޔެގެން ރާ އެތެރެ ކުރާ ސެޓްފިކެޓް ހަދާފައިވުމަކީ ލަދުވެތި ކަމެއް ކަމަށް ޒައިދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.އިގްތިސޯދީ ގޮތުން ވެސް އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ޒައިދު ވިދާޅުވިއެވެ.
ޒައިދު މި މޭރުމުން ވާހަކަ ދައްކަވާފައިވާއިރު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ، ރާއްޖޭގައި ރަލާއި އޫރުމަސް ވިއްކުން މަނާ ކުރުމަށް ގޮވާލާ ގަރާރެއް ހުށަހަޅާފައެވެ. އެ ގަރާރުގައި ޖާބިރު ވަނީ، ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއް ކަމަށް ވީއިރު، އަދި ގާނޫނު އަސާސީ ބަޔާންކޮށްފައިވާ ގޮތުން ވެސް ރާއްޖޭގައި އިސްލާމް ދީނުގައި މަނާ އަދި ހަރާމްކޮށްފައިވާ ކަންކަން ކުރުމަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމެއް ކަމަށް ވާތީ، ރަލާއި އޫރު މަހަކީ އިސްލާމް ދީނުގައި ހަރާމް ތަކެއްޗަށް ވާއިރު، އެތަކެތި ރާއްޖެ އެތެރެކޮށް، ވިއްކުމާއި ބޭނުން ކުރުމަކީ އިސްލާމް ދީނުގެ އަސާސްތަކާ ހިލާފުކަމެއް ކަމަށް ވިދާޅުވެފައެވެ.
ޖާބިރު ހުށަހެޅުއްވި އެ ގަރާރު 55 މެންބަރުންގެ ވޯޓާއެކު މަޖިލީހުން ބަލައިނުގަންނަން ވަނީ ފާސްކޮށްފައެވެ. 55 މެންބަރުން އެ ގަރާރައި ދެކޮޅަށް ވޯޓު ދެއްވިއިރު އެގަރާރު ބަލައިގަންނަން ވޯޓު ދެއްވީ އަށް މެންބަރެކެވެ. އަދި ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވާ ދެ މެންބަރެއް އިންނެވިއެވެ.