އިންޑިއާގެ އަންދްރަ ޕްރަދޭޝްގައި ގިނަ އަދަދެއްގެ ފަތުރުވެރިން ގޮވައިގެން ދަތުރުކުރަމުންދަނިކޮށް ގޯދާވަރީ ކޯރަށް ފެރީއެއް ބަންޑުން ޖަހާލާ، 12 މީހުން މަރުވެ، 20 މީހުންނަށް ވީނުވީއެއް ނޭނގި ގެއްލިއްޖެއެވެ.

60 އަކަށް މީހުންނާއެކު ދަތުރުކުރަމުންދިޔަ ފެރީ ބަންޑުން ޖަހާލީ ބޮޑު ގަލެއްގައި ޖެހިގެން ކަމަށް ޚަބަރު ލިބެއެވެ. މިހާދިސާގައި 26 މީހަކު ސަލާމަތްކުރެވިފައިވާކަން އޮފިޝަލުންވަނީ ބައިނަލްއަގުވާމީ މީޑިއާއަށް ކަށަވަރުކޮށްދެއްވާފައެވެ.

ކަމާބެހޭ ފަރާތްތަކުން މިހާރުވެސް ދަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ.

އަންދްރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޖަގަން މޯހާން ރެޑީ ވަނީ، ހާދިސާ ހިނގި ސަރަހައްދުން ދަތުރުކޮށްއުޅުން މިހާރުން މިހާރަށް މަނާކުރުމަށް އަމުރެއް ނެރުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީވަނީ މިހާދިސާގައި ފުރާނަ ގެއްލިދިޔަ މީހުންގެ އާއިލާތަކަށް ޓްވިޓާ މެދުވެރިކުރައްވާ ތައުޒިޔާ ފޮނުއްވާފައެވެ.

މިހާދިސާގައި ބަންޑުން ޖަހާލި ފެރީއަކީ ލައިސަންސް އޮތް ފެރީއެއް ނޫންކަން، އިންޑިއާގެ ފަތުރުވެރިކަމާބެހޭ ވަޒީރު ވަނީ ކަށަވަރުކޮށްދެއްވާފައެވެ. މީގެ އިތުރުން ބޯޓުފަހަރުގެ އެންމެ ގިނަވެގެން އުފެލޭ ފަސެންޖަރުންގެ އަދަދަށްވުރެ އެތައް ގުނައެއް އިތުރަށް ފަސެންޖަރުން އަރުވައިގެން ދަތުރުތައް ކުރުމަކީވެސް އެގައުމުގައި އާންމުކަމެކެވެ.