ގާނޫނުތައް ފަރުމާ ކުރާއިރު މާދަމާ ތިމާމެންވެސް ހަމަ އެ މަޅީގައި ބެދި ދާނެ ކަމަށް ވިސްނަން ޖެހޭނެ ކަމަށް ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ޓެރަރިޒަމްގެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހާއި ގުޅޭ ގޮތުން ޑރ. އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއިރެއްގައި އޮންނަ ސަރުކާރަކުން ހައްޔަރު ކުރަން ބޭނުންވާ މީހަކު ހައްޔަރު ކުރުމަށްޓަކައި ކޮންމެ މީހަކީ ޓެރަރިސްޓެއް ކަމަށް ހަދައިގެން ހައްޔަރު ކުރެވިދާނެ ކަމަށެވެ. ނަމަވެސް މާދަމާ ވެރިކަމުން ފޭބުމުން ތިމާމެންވެސް އެ މަޅީގައި ޖެހިދާނެ ކަމަށް ވިސްނަވަންވާނެ ކަމަށްވެސް ޑރ. އިޔާޒު ވިދާޅުވިއެވެ.

ޑރ.އިޔާޒު ވިދާޅުވީ މީހަކު ލައިއުޅޭ ހެދުމަކުން ނުވަތަ ފާޅުކުރާ ހިޔާލަކުން އެމީހަކީ ޓެރަރިސްޓެއް ކަމަށް ނިންމަން ވެއްޖެނަމަ އެއިރެއްގައި އޮންނަ ސަރުކާރަކުން ހައްޔަރުކުރަން ބޭނުން ކޮންމެ މީހަކު އޮންނާނީ ޖަލު ގޮޅީގައި ކަމަށެވެ. ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސްކުރާއިރު އެކަމާއި މެދު ފުންކޮށް ވިސްނަންޖެހޭ ކަމަށްވެސް ޑރ. އިޔާޒު ވިދާޅުވިއެވެ.

މި މައްސަލާގައި އިތުރަށް ޑރ. އިޔާޒު ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރެވޭ ގޮތަށް ގާނޫނު ހަދަން ޖެހުނު ސަބަބަކީ ކުރީގައި ވެރިކަން ކުރެއްވި ބޭފުޅަކު ބޭނުންވެވަޑައިގަންނަވާ ބަޔަކު ވަކި މުއްދަތެއް ނެތް ގޮތަކަށް ނިޒާމުން ގެއްލުވާލުމަށްފަހު ދޫނިދޫ ގޮޅިއަށް ލާތީ ކަމަށެވެ.

ސަރުކާރުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން ކޯޓު އަމުރެއް ނެތިވެސް ތަންތަން ބަލާ ފާސްކުރުމާއި މީހުން ހައްޔަރު ކުރުމުގެ ބާރު ކަމާ ގުޅުންހުރި މުއައްސަސާތަކަށް ލިބިގެންވެއެވެ. ނަމަވެސް މިކަމަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިިކަމުގައި ކުރަމުން ދިޔަ ކަމެކެވެ. އޭރު އެމްޑީޕީން ބުނަމުން ދިޔައީ އެކަން ރައީސް މައުމޫން ކުރައްވަމުން ގެންދަވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ކަމަށެވެ. އަދި އެއީ އިންސާނުންނާ ދޭތެރޭ ކަން ކުރަންޖެހޭ ގޮތެއް ނޫން ކަމަށްވެސް އޭރު އެމްޑީޕީން ދިޔައީ ބުނަމުންނެވެ.