2017 ވަނަ އަހަރު ރާއްޖޭގެ ސިއްހީ ދާއިރާއަށް 6 ބިލިއަން ރުފިޔާއަށް ވުރެން ގިނަ ހަރަދު ކޮށްފައިވާކަން ހާމަވެއްޖެއެވެ.
މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ސިއްހީ ކަންކަމަށް ކުރެވޭ ހޭދަ އަންދާޒާ ކުރުމަށާއި، ސިއްހީ ވަސީލަތްތައް ބެހިގެންދާ ގޮތް ދެނެގަތުމަށްޓަކައި އެކުލަވާލެވިފައިވާ މޯލްޑިވްސް ނެޝަނަލް ހެލްތް އެކައުންޓްސް 2015-17 ވަނީ އިފްތިތާހުކޮށްފައެވެ. މި ރިޕޯޓްގެ ނަތީޖާތަކުން ދައްކާގޮތުގައި 2017 ގައި ރާއްޖޭގެ ސިއްހީ ކަންކަމަށް 6000 މިލިއަން ރުފިޔާއަށް ވުރެން ގިނަ ހަރަދު ކޮށްފައިވެއެވެ.
ރާއްޖޭގެ ސިއްހީ ކަންކަމަށް ކޮށްފައިވާ ހަރަދުތަކުގެ ތެރެއިން 77 ޕަސެންޓަކީ ސަރުކާރުން ސިއްހަތަށް ކޮށްފައިވާ ހަރަދުތަކެވެ. އަދި ސިއްހީ ހަރަދުތަކުގެ 60 ޕަސެންޓް ޑޮކްޓަރަށް ދެއްކުމަށް ހޭދަކޮށްފައިވާއިރު އެޑްމިޓް ކުރުމަށް ހޭދަވެފައިވަނީ 19 ޕަސެންޓެވެ. މީގެ އިތުރުން، 2017 ވަނަ އަހަރު ސަރުކާރުގެ ބަޖެޓުގެ 32.3 ޕަސެންޓް ހޭދަކޮށްފައިވަނީ ސިއްހީ ދާއިރާއަށެވެ. ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގައި ސަރުކާރުގެ ބަޖެޓުން ސިއްހަތަށް ހޭދަކޮށްފައިވަނީ ދިވެހި ރާއްޖެއެވެ. މިއީ ސަރުކާރުން ސިއްހަތަށްދޭ އަހަންމިއްޔަތުކަން ދައްކުވައިދޭ ކަމެކެވެ.
ދުނިޔެގެ ސިއްހަތު ޖަމިއްޔާއާއި ދުނިޔޭގެ އެކި ގައުމުތަކުން ބޭނުންކުރަމުން ގެންދާ ހާއްސަ ފްރޭމްވޯކެއްގެ މައްޗަށް ބިނާކޮށް އެކުލަވާލެވިފައިވާ މޯލްޑިވްސް ހެލްތް އެކައުންޓްސް 2015-17 އަކީ މިނިސްޓްރީ އޮފް ހެލްތާއި ދުނިޔެގެ ސިއްހަތު ޖަމިއްޔާއާ ގުޅިގެން މިފަދަ ރިޕޯޓެއް އެކުލަވާލައި ޝާއިއު ކުރެވުނު ތިންވަނަ ފަހަރެވެ.
މި ރިޕޯޓުގެ ހޯދުންތަކުގެ އަލީގައި ސިއްހީ ދާއިރާއަށް ކުރާ ހޭދަ އެންމެ އެދެވޭ ގޮތެއްގައި ބޭނުންކުރުމަށްޓަކައި މުހިންމު ސިޔާސަތުތައް ކަނޑައެޅުމަށް މަގުފަހި ވެގެންދާނެއެވެ.