އިހާނެތި ގޮތަކަށް މަރާލާފައިވާ ސައުދީ އަރަބިއްޔާގެ ތަޖުރިބާކާރު ސިޔާސީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ އެންމެ ފަހު ވަގުތު ކޮޅުގެ އާ ވާހަކަތަކެއް އިވިގެންދާ ރެކޯޑިންގްއެއްގެ ޓްރާންސްކްރިޕްޓް އާންމުކޮށްފިއެވެ.

ތުރުކީވިލާތުގެ ސަރުކާރާ ގާތް ގުޅުމެއް އޮންނަ ސަބާހް ނޫހުން ޓްރާންސްކްރިޕްޓް އާންމުކޮށްފައި ވާއިރު، މީގައި ވާ މައުލޫމާތަކީ ތުރުކީވިލާތުގެ ޖާސޫސީ އިދާރާއިން އެއްކޮށްފައިވާ މައުލޫމާތު ކަމަށް އެ ނޫހުން ބުނެއެވެ.

ސައުދީގެ ޝާހީ އާއިލާއާ އެކުގައި މަސައްކަތް ކުރުމަށް ފަހު ސައުދީގެ ސަރުކާރާ ޝާހީ އާއިލާގެ ބައެއް ނިންމުންތަކާ ހިތްހަމަ ނުޖެހި، ސައުދީއަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށް ހުޅަނގުގެ މީޑިއާގައި ޚަޝޯގީ ލިޔަން ފެށި ހިސާބުން ސައުދީގެ ޝާހީ އާއިލާއިން އޭނާއަށް ފާރަވެރިވި ކަމަށް ބުނެވެއެވެ.

އެންމެ ފަހުން އާންމު ކުރި ޓްރާންސްކްރިޕްޓްގައި ހިމެނޭ ބައެއް ވާހަކަތަކަށް ބަލާއިރު، ޚަޝޯގީ މަރާލުމުގެ އަމަލު ހިންގި ޑެތް ސްކޮޑްގައި ހިމެނޭ މާހިރު ޢަބްދުލްޢަޒީޒު މުތްރިބް ޚަޝޯގީއާ ވާހަކަ ދައްކައެވެ. އެގޮތުން ޚަޝޯގީ ރިޔާދަށް ގެންދަންޖެހޭ ކަމަށާ، އެއީ އިންޓަޕޮލް ނޯޓިސްއެއް އޭނާއާ ދެކޮޅަށް ނެރެފައި އޮތުމުން ކަމަށް މުތްރިބު ބުނާ ކަމަށް ވެއެވެ. ނަމަވެސް އެކަމާ ޚަޝޯގީ ދެކޮޅު ހަދާކަމަށާ، ޚަޝޯގީއާ ދެކޮޅަށް ޝަރުއީ އެއްވެސް ދައުވާއެއް ނުހިނގާ ކަމަށާ، ކޮންސިއުލޭޓްގެ ބޭރުގައި އޭނާގެ ލޯބިވެރިޔާ ހުންނާނެ ކަމަށް ޚަޝޯގީ ބުނާ ކަމަށްވެސް ޓްރާންސްކްރިޕްޓްގައި ވެއެވެ.

މީގެ އިތުރުން އޭނާގެ ފަރާތުން ޚަބަރެއް ނުވެއްޖެނަމަ ކަންބޮޑު ނުވުމަށް އެދި ޚަޝޯގީގެ ދަރިފުޅަށް މެސެޖެއް ކުރުމަށްވެސް ޑެތް ސްކޮޑުން ޚަޝޯގީއަށް ޑިމާންޑް ކުރެއެވެ. ނަމަވެސް، އެކަމަށްވެސް ޚަޝޯގީ އިންކާރު ކުރެއެވެ. އަދި އެއްވެސް މެސެޖެއް ނުލިޔާނެ ކަމަށް ޚަޝޯގީ ބުނާކަމަށް ވެއެވެ. ދެން އިވިގެންދަނީ ޑެތް ސްކޮޑަށް އެއްބާރުލުން ދިނުމަށް ޚަޝޯގީއަށް ޑިމާންޑްކުރާ އަޑެވެ. އަދި އެއްބާރުލުން ނުދީފިނަމަ ކަންވެގެންދާނެ ގޮތް ޚާޝޯގީއަށް އެނގޭނެ ކަމަށް މުތްރިބު ބުނާކަމަށް ވެއެވެ.

މީގެ ކުރިން އާންމު ކުރި ރެކޯޑިންގްތަކުގައިވެސް ބުނެފައިވާ ފަދައިން ސަބާހްއިން އާންމު ކުރި ޓްރާންސްކްރިޕްޓްގައި، ޚަޝޯގީގެ އެންމެ ފަހު ބަސްތަކެއްގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ އޭނާ ނޭވާ ހާސް ނުކުރުމަށް ޚަޝޯގީ އެދެމުންދިޔަ ވާހަކަތަކެކެވެ. އޭނާއަކީ ނޭވާ ހިއްލާ މީހެއް ކަމަށާ، އޭނާގެ އަނގަމަތި ބަންދު ނުކުރުމަށް ޚަޝޯގީ އެދެމުންދާ ކަމަށް ޓްރާންސްކްރިޕްޓްގައިވެއެވެ.

ވަރިކައިވެނީގެ ލިޔެކިއުންތަކެއް ހަމަޖައްސުމަށްޓަކައި، ތުރުކީވިލާތުގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ޚަޝޯގީ ވަތްތާ މާ ގިނައިރުތަކެއް ނުވަނީސް، ސައުދީގެ މަތީ ފެންވަރުގެ ޑެތް ސްކޮޑަކުން އިހާނެތި ގޮތަކަށް އޭނާ މަރާލާފައިވާއިރު، އަދާ ޖެހެންދެކަށްވެސް އޭނާގެ ހަށިގަނޑު ފެނިފައެއް ނުވެއެވެ. މިމައްސަލާގައި އަދި މިހާތަނަށް އެއްވެސް މީހެއްގެ މައްޗަށް ހުކުމެއްވެސް އިއްވާފައި ނުވާއިރު، ގިނަ ބަޔަކު ތުހުމަތުގެ އިނގިލި އަމާޒުކުރަމުންދަނީ ސައުދީގެ ނުފޫޒުގަދަ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާންއަށެވެ. ނަމަވެސް ސައުދީއިން މިކަން ދޮގުކުރެއެވެ.