އަމިއްލައަށް މަރުވާ މީހުންގެ ނިސްބަތް މަދުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދިޔަ ނަމަވެސް ކޮންމެ 40 ސިކުންތަކުން މީހަކު އަމިއްލައަށް މަރުވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ ޑައިރެކްޓާ ޖެނެރަލް ޑރ ޓެޑްރޯޒް އެޑަނޮމް ވިދާޅުވެއްޖެއެވެ.
އަމިއްލަ މަރުވާ މީހުން ހުއްޓުވުމާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތާ ދިމާކޮށް ޑަބްލިއު.އެޗް.އޯއިން އާންމުކުރި އަހަރީ ރިޕޯޓުގެ މައިގަނޑު ހޯދުންތަކަށް އިޝާރާތްކުރައްވާ ޑރ ޓެޑްރޯޒް ވިދާޅުވީ، އަމިއްލައަށް މަރުވާ މީހުން ހުއްޓުވުމަށް ބޭނުން ހިފިދާނެ ސާބިތު ހިފޭ އިސްތިރާޖުތަކާ މަޝްރޫއުތައް، ހުރިހާ ގައުމަކުންވެސް ގައުމީ ފެންވަރެއްގައި، ތައުލީމީ އަދި ސިއްހީ ދާއިރާގައި ހިންގަންޖެހޭ ކަމަށެވެ.
ކޮންމެ މީހެއްގެ ވަކިވެ ދިއުމަކީ އާއިލާއާއި، ރަހުމަތްތެރިންނާ އެކުގައި މަސައްކަތްކުރާ މީހުންނަށް ލިބޭ ފުން ހިތާމައެއްކަން ފާހަގަކުރައްވާ ޑަބްލިއު.އެޗް.އޯގެ ޑައިރެކްޓާ ޖެނެރަލް ވިދާޅުވީ، އަމިއްލައަށް މަރުވުމުގެ ގިނަ ހާދިސާތަކަކީ ހުއްޓުވުމުގެ ފުރުސަތު އޮތް ހާދިސާތަކެއް ކަމަށެވެ.
އދގެ ތަފާސް ހިސާބުތަކަށް ބަލާއިރު އަހަރެއްގެ މައްޗަށް 8 ލައްކައެއްހާ މީހުންނަކީ އަމިއްލައަށް މަރުވާ މީހުންނެވެ. އަދި މިއިން ކޮންމެ މަރަކަށް، އަމިއްލަ މަރުވާން މަސައްކަތްކުރުމުގެ 20 އެޓެމްޕްޓް ރެކޯޑްކުރެވިފައިވެއެވެ. އަހަރީ ރެކޯޑްތަކަށް ބަލާއިރު ގާތިލުންގެ ސަބަބުންނާ ހަނގުރާމައިގެ ސަބަބުން މަރުވާ މީހުންގެ ޖުމުލަ އަދަދު އެއްކޮށްލުމަށްވުރެ އިތުރު އަދަދެއްގެ މީހުން މަރުވަނީ އަމިއްލައަށްކަން ރިޕޯޓުން ހާމަވެއެވެ. އަދި މިއީ އުމުރުން 15 އަހަރާއި 29 އަހަރާ ދެމެދުގެ ޒުވާނުން މި ދުނިޔެއާއި ވަކިވާ 2 ވަނަ ސަބަބުކަމަށްވެސް ޑަބްލިއު.އެޗް.އޯއިން ފާހަގަކުރެއެވެ.
ދުނިޔޭގެ ނިސްބަތުން ބަލާއިރު އަމިއްލައަށް މަރުވާ މީހުންގެ 79 ޕަސެންޓް ހިއްސާކުރަނީ ދަށް އަދި މެދު ފަންތީގެ ގައުމުތަކުންނެވެ.
އަމިއްލައަށް މަރުވުމާ ނަފްސާނީ ސިއްހަތާ ގުޅުވައިގެން ދެކެވޭ ވާހަކަތަކަށް އިޝާރާތްކޮށް ޑަބްލިއު.އެޗް.އޯއިން ބުނީ، މުއްސަނދި ގައުމުތަކުގައި މިކަން ހިނގަނީ ކާރިސާއެއް ދިމާ 'ހިނދުކޮޅުގައި ޖެހޭ ޖަޒުބާތަކުން" ކަމަށެވެ. އަމިއްލައަށް މަރުވުމަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ މީގެ ކުރިން އެކަމަށް މަސައްކަތްކޮށްފައި ހުރުން ކަމަށްވާއިރު، މުޖުތަމައުގެ ގަބޫލުކުރުންތައް ހުންނަ ގޮތުން އެކަމަށް އެކަށީގެންވާ ފަރުވާ ހޯދުމަށް ގިނަ މީހުން ފަސްޖެހުމަކީވެސް ނުރައްކަލެއްކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ފާހަގަކުރެއެވެ
އަމިއްލައަށް މަރުވާން މަސައްކަތްކުރާ މީހުން ހުއްޓުވުމާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، ކޮންމެ އަހަރެއްގެވެސް ސެޕްޓޭމްބަރު މަހުގެ 10 ވަނަ ދުވަހެވެ.