ރޯހިންޏާ ދަރިކޮޅުގެ މުސްލިމުން މިޔަންމާގައި ދިރިއުޅެމުން ދިޔަ އަވަށްތައް އެކީ އެކައްޗަކަށް ސުންނާފަތި ކޮށް، ސަރުކާރުގެ ބޭނުންތަކަށް އެ ބިންތައް ނަގާފައިވާކަން ހާމަވެއްޖެއެވެ.

އާންމު ދިރިއުޅުމުގެ ރޯހިންޏާ ދަރިކޮޅުގެ މުސްލިމުން ބޭނުންކުރަމުންދިޔަ ބިންތަކުގައި މިހާރު ހުރީ މިޔަންމާ ފުލުހުންގެ ބެރެކްތަކާ، ސަރުކާރުގެ އިމާރާތްތަކުގެ އިތުރުން ރެފިއުޖީން ރީލޮކޭޓްކުރުމަށް ހާއްސަކޮށްގެން ޖަހާފައިވާ ކޭމްޕުތަކެކެވެ.

ސެޓެލައިޓް ފޮޓޯތަކުންނާ އެ ސަރަހައްދަށް ޒިޔާރަތްކުރި ބައެއް ނޫސްވެރިންގެ ފަރާތުން އެކަން ކަށަވަރުވީ ނަމަވެސް، މިޔަންމާގެ ސަރުކާރުން ދަނީ މިކަމަށް އިންކާރު ކުރަމުންނެވެ. ރޯހިންޏާ ވަޒަންވެރިން ދިރިއުޅެމުންދިޔަ ސަރަހައްދު ސުންނާފަތިކޮށް، އެ ސަރަހައްދަށް ވެރިވެގެންފައި ނުވާނެ ކަމަށް މިޔަންމާ ސަރުކާރުން ދަނީ ބުނަމުންނެވެ.

ބުދިސްޓު ދީނުގެ މެޖޯރިޓީ އޮންނަ މިޔަންމާގައި ދިރިއުޅެމުންދިޔަ ރޯހިންޏާ ދަރިކޮޅުގެ 700000 އެއްހާ މުސްލިމުން އެ ގައުމުން ބޭރުކޮށްލީ، ނަސްލު ދިވެލުމަށް ހިންގި ލާއިންސާނީ ގަތުލު އާންމެއްގައި، 2017 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. އެ ގަތުލު އާންމާން ގުޅިގެން ރޯހިންޏާ މުސްލިމުން ދިރިއުޅެމުންދަނީ ބަންގްލަދޭޝްގެ ކޮކްސް ބާޒާރު ސަރަހައްދުގައި، ރެފިއުޖީންގެ ގޮތުގައެވެ.

މިޔަންމާގައި ރޯހިންޏާ މުސްލިމުން ދިރިއުޅުނު ކަމުގެ ނިޝާނެއްވެސް މިއަދު ނެތް/ފޮޓޯ: ބީބީސީ

މިޔަންމާގެ ސެޓެލައިޓް ފޮޓޯތައް ދިރާސާކުރަމުންދާ އޮސްޓްރޭލިއަން ސްޓްރެޓީޖިކް ޕޮލިސީ އިންސްޓިޓިއުޓްއިން ބުނާ ގޮތުގައި، 2017 ވަނަ އަހަރުގެ ޖަރީމާތަކުގައި ރޯހިންޏާ ދަރިކޮޅުގެ ވަޒަންވެރިން ދިރިއުޅެމުންދިޔަ ސަރަހައްދުގެ 40 ޕަސެންޓް ވަނީ ސުންނާފަތިކޮށްލާފައެވެ. އޭގެ ފަހުން އަދާ ހަމައަށް އައިއިރު، މުޅި ސަރަހައްދު އެކީ އެކައްޗަކަށް ސުންނާފަތިކޮށްލާފައިވާކަމަށް އެ އިދާރާއިން ބުނެއެވެ.

ބަންގްލަދޭޝްއަށް ދިޔަ ރެފިއުޖީންގެ ތެރެއިން 3000 އެއްހާ މީހުންނަށް އަނބުރާ ގައުމަށް އާދެވިދާނެ ކަމަށް މިޔަންމާއިން ބުނި ނަމަވެސް، މިޔަންމާއަށް ގޮސް ކުރީގެ ދިރިއުޅުމުގައި އުޅުމުގެ ފުރުސަތު އެ ރެފިއުޖީންނަށް މިއަދަކު ނެތެވެ. އެއީ މުސްލިމުން އިރެއްގައި ދިރިއުޅުނު ސަރަހައްދެއްކަން އެނގޭނެ ނިޝާނެއްވެސް އެ ވަޒަނަކު ނެތެވެ.