އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރު ބޮރިސް ޖޯންސަންއަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފިއެވެ.

ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީގެ މެމްބަރުންގެ އިއްތިހާދަކުންވެސް ޖޯންސަންއާއި ދެކޮޅަށް ވޯޓު ދީގެން، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވަނީ އެއްބަސްވުމަކާ ނުލާ ވިއަސް އިނގިރޭސިވިލާތުން ވިލާތުގެ މެމްބަރުކަން ދޫކޮށްލުމަށް (ބްރެގްޒިޓް) ސަރުކާރުން ތަނަވަސް ކުރަމުން ދިޔަ މަގަށް ހުރަސް އަޅުއްވާފައެވެ.

ކަންމިހެން އޮތްއިރު ޕާޓީގެ ވިޕްލައިނާ ހިލާފުވެވަޑައިގެން ވޯޓު ދެއްވި މެމްބަރުންނަށް، ޕާޓީގެ މެމްބާޝިޕް ގެއްލިގެންދާނެއެވެ. އަދި ކުރިއަށް އޮތް އިންތިހާބުތަކުގައި ކޮންޒަވޭޓިވް ޕާޓީގެ ޓިކެޓްގައި ވާދަކުރެއްވުމުގެ ފުރުސަތުވެސް މިމެމްބަރުންނަށް ގެއްލިގެންދާނެއެވެ. ނުސީދާ ގޮތަކުން ދަންނަވަނީނަމަ އެ ބޭފުޅުންގެ ސިޔާސީ ކެރިއާގައި ސިއްކަ ޖެހުނީއެވެ.

ބޮޑުވަޒީރު ޖޯންސަން ވިދާޅުވީ އިންތިހަބެއް ބޭނުންފުޅުނުވާ ކަމަށާ ނަމަވެސް މެމްބަރުން މި ނެންވުމާއެކު ވިލާތުގެ އިއްތިހާދަށް ވަޑައިގެން މަޝްވަރާކުރައްވަން ބޭނުންފުޅު ނުވާކަމަށާ، އެކަންކުރައްވާނެ ބޭފުޅަކު އަލުން އިންތިހާބުކުރަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

ބްރެގްޒިޓް މައްސަލާގައި އިނގިރޭސިވިލާތުގެ ސަރުކާރުގެ ސިޔާސަތު މަޖިލީހުގެ ތަޅުމުގައި ޖޯންސަން ތަފްސީލްކޮށްދެއްވަމުން ގެންދެވި ވަގުތުވެސް މެމްބަރަކު ވަނީ ވެރިކަން ކުރާ ޕާޓީ ދޫކުރައްވާ، އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންފައެވެ.

ޖޯންސަން ސަރުކާރުގެ ފިކުރި ހުރީ އެއްބަސްވުމަކާ އެކުގައިވިއަސް، އެއްބަސްވުމަކާ ނުލާ ކަމުގައި ވިއަސް އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ސުންގަޑި ޖެހޭއިރު އިނގިރޭސިވިލާތުން ވިލާތުގެ އިއްތިހާދުގެ މެމްބަރުކަން ދޫކޮށްލުމަށެވެ. ނަމަވެސް އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ގެންދަވަނީ އެއްބަސްވުމަކާ ނުލާ ވިލާތުގެ އިއްތިހާދުގެ މެމްބަރުކަން ދޫ ކޮށް ނުލާ ވާނެ ހުރިހާ މަގުތަކެއް ހޯއްދަވަން މަސައްކަތްކުރައްވަމުންނެވެ.