ބަންގްލަދޭޝްގައި ދިރިއުޅެމުންދާ ރޯހިންޏާ ދަރިކޮޅުމުގެ މުސްލިމު ރެފިއުޖީންނަށް ހާއްސަކޮށްފައިވާ ނޭޝަނަލް ވެރިފިކޭޝަން ކާޑު (ވީއެންސީ) ނުވަތަ ގައުމިއްޔަތު އަންގައިދޭ ކާޑު ދޫކުރުމުގެ މަޝްރޫއަކީ، ރޭވިފައިވާ ނިޒާމެއްގެ ތެރެއިން އެ ދަރިކޮޅުގެ އައިޑެންޓިޓީ ނައްތާލުމަށް މިޔަންމާގެ ކަމާބެހޭ ފަރާތްތަކުން ފަށަފައިވާ ކެމްޕޭނެއް ކަމަށް އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފޯޓިފައި ރައިޓްސްއިން ބުނެފިއެވެ.

ފޯޓިފައި ރައިޓްސްއިން މިއަދު އާންމު ކުރި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި، ދާއިމީ ރަށްވެހިކަން ދިނުމުގެ ބަދަލުގައި އެންވީސީ ދޫކުރުމަށް މިޔަންމާއިން ހިންގާ ޕްރޮގްރާމަކީ، ބައިމަދު ރޯހިންޏާ ދަރިކޮޅުގެ މުސްލިމުންނަށް ކުރަމުންދާ އަނިޔާތަކާ ގުޅިގެން ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން މިދިޔަ އަހަރު ފެށި ތަހުގީގު އިހުތިސޯސްގެ ތެރެއަށް ވަންނަ ކަމެއް ކަމަށެވެ.

އިދާރީ މަރުހަލާތަކެއްގެ ތެރެއިން މިޔަންމާގެ ސަރުކާރުން މަސައްކަތްކުރަމުންދަނީ ރޯހިންޏާ ދަރިކޮޅުގެ މީހުންގެ އަސާސީ ހައްގުތައް ނިގުޅައިގަނެ، އެމީހުން ނެތިކޮށްލުމަށް ފޯޓިފައި ރައިޓްސްގެ ޗީފް އެގްޒެކެޓިވް އޮފިސާ މެތިއު ސްމިތް ވަނީ ވިދާޅުވެފައެވެ. މިއީ ރޯހިންޏާ ކާރިސާގެ މުލާ ގުޅިފައިވާ މައްސަލައެއް ކަމަށާ، މިކަމަށް ހައްލެއް ނުހޯދެނީ، ރޯހިންޏާ ކާރިސާއަށްވެސް ނިމުމެއް ނެތްކަން ސްމިތް ވަނީ ފާހަގަކުރައްވާފައެވެ.

"ޓޫލްސް އޮފް ޖެނޯސައިޑް: ނޭޝަނަލް ވެރިފިކޭޝަން ކާޑްސް އެންޑް ޑިނާޔަލް އޮފް ސިޓިޒަންޝިޕް އޮފް ރޯހިންޏާ މުސްލިމްސް އިން މިޔަންމާ" ނުވަތަ "ގަތުލުޢާންމުގެ ހަތިޔާރު: ގައުމިއްޔަތު ކަށަވަރުކުރާ ކާޑާ، މިޔަންމާގެ ރޯހިންޏާ މުސްލިމުންނަށް ރަށްވެހިކަން ދިނުމަށް އިންކާރުކުރުން" މި ނަމުގައި އާންމުކޮށްފައިވާ ރިޕޯޓް ބުނާ ގޮތުގައި، ވީއެންސީގެ ސަބަބުން ރޯހިންޏާ ދަރިކޮޅުގެ މުސްލިމުންގެ ހައްގުތަކަށް ވަނީ އިންތިހާ އުނިކަން ލިބިފައެވެ. އެގޮތުން މިނިވަންކަމާއެކު ހަރަކާތްތެރިވެ އުޅުމާ، ތައުލީމު ހާސިލުކުރުމުގެ ހައްގާ، ހިޔާލު ފާޅުކޮށް މިނިވަންކަމާއެކު ދިރިއުޅުމުގެ ހައްގަށްވެސް ވީއެންސީ އިޖުރާއަތުގެ ތެރެއިން ހުރަސްއެޅިފައިވާކަމަށް މި ރިޕޯޓް ބުނެއެވެ.

މީގެ އިތުރުން ވީއެންސީ ކާޑު މަޖުބޫރުން ގަބޫލުކުރުވުމަށް ރޯހިންޏާ މުސްލިމުންނަށް ލައިންސާނީ އަނިޔާ ދީފައިވާކަމަށްވެސް މި ރިޕޯޓް ބުނެއެވެ.

މިޔަންމާގެ ރަށްވެހިކަމާބެހޭ ގާނޫނު 1982 ބުނާ ގޮތުގައި، އެގައުމުން ދާއިމީ ރަށްވެހިކަން ލިބުމުގެ ހައްގު އޮންނަނީ ގައުމީ ނަސްލީ ޖަމާއަތްތަކުގެ ގޮތުގައި އެގައުމުން ބަލައިގެންފައިވާ 135 ގުރޫޕަކަށް ނިސްބަތްވާ މީހުންނަށެވެ. މި ގުރޫޕުތަކުގެ ތެރޭގައި ހިމެނެނީ އިނގިރޭސިން އެންމެ ފުރަތަމަ މިޔަންމާއަށް ވެރިވެގަތް ދުވަސްވަރު ކަމަށްވާ 1824 ވަނަ އަހަރުގެ ކުރިން މިޔަންމާގައި ވަޒަންވެރިވި ގުރޫޕުތަކެވެ. މިޔަންމާއިން ބުނާ ގޮތުގައި ރޯހިންޏާ ދަރިކޮޅުގެ މުސްލިމުން ނިސްބަތްވަނީ ބަންގްލަދޭޝްއަށެވެ. ނަމަވެސް ބަންގްލަދޭޝްއިން ދަނީ މިކަމަށް އިންކާރު ކުރަމުންނެވެ.