ހޮލީވުޑްގެ މަޝްހޫރު އެކްޓާ އަދި ރެޕާ ވިލް ސްމިތް ރާއްޖެއައީ މީގެ ދުވަސްތަކެއް ކުރިން އޭނާ ފެށީ ބަކެޓް ލިސްޓް ޗެލެންޖްގެ ހުވަފެންތަކުގައި ހަގީގީ ކުލަ ޖެއްސުމަށް ކަމަށް ޚަބަރު ލިބިއްޖެއެވެ.

ވިލް ސްމިޓްގެ ބަކެޓް ލިސްޓް ޗެލަންޖަކީ، އޭނާ ކުރަން ބޭނުންވާ އާދަޔާ ހިލާފު ކަންކަމާ، އޭނާ ދެކެމުންދާ އާދަޔާ ހިލާފު ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އޭނާ ކުރާ މަސައްކަތްތަކަށް ކަމަށްވާއިރު، ވިލް ސްމިތް ވަނީ މި ހުވަފެންތައް އޭނާގެ ފޭނުންނާވެސް ހިއްސާކޮށްފައެވެ.

ވިލް ސްމިތްގެ ބަކެޓް ލިސްޓް ޗެލެންޖުގައި ހިމެނޭ ބައެއް ކަންކަމަށް ބަލާއިރު ދުބާއީގައި ސްކައިޑައިވް ކުރުމާ، ބަންޖީ ޖަމްޕް ކުރުމާ، ބޮލީވުޑް ފިލްމެއްގައި ފެނިލުން ފަދަ ކަންކަން ހިމެނެއެވެ.

މިމަހުގެ 1 ވަނަ ދުވަހު ވިލް ސްމިތް ރާއްޖެ އައިސްފައިވާއިރު، ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަކީވެސް އޭނާގެ ބަކެޓް ލިސްޓު ޗެލެންޖުގައި ހިމަނާފައިވާ ކަމެކެވެ.

އުމުރުން 50 އަހަރު ފުރުމާއެކު އާދަޔާ ހިލާފު ކަންކަން ކުރުމަށް އަމާޒު ހިފި ވިލް ސްމިތް ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ ކޮން ރިޒޯޓެއް ނުވަތަ ރަށެއްގައި ކަން އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ. ނަމަވެސް އޭނާ ރާއްޖެ އައިސްފައި މިވަނީ، ބަކެޓް ލިސްޓުން ހުވަފެނެއް ހަގީގަތަކަށް ހަދާ، އެ ގޮޅީގައި ހެޔޮ ފާހަގަ ޖަހާލުމަށްކަން ވަނީ ޔަގީނާ ގާތަށް ކަށަވަރު ކުރެވިފައެވެ.