ޔަމަނު ހަނގުރާމާގައި ސައުދީ އަރަބިއްޔާ އިސްވެ އޮވެ އެކުލަވާފައިވާ އަސްކަރީ ކޯލިޝަނުން، ޔަމަނުގެ ޑިޓެންޝަން ސެންޓަރަކަށް ދިން ވައިގެ ހަމަލާއެއްގައި 100 އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވާކަމަށް އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައި.ސީ.އާރް.ސީ)އިން ބުނެފިއެވެ.
ސައުދީގެ ކޯލިޝަނުން ބުނީ ހަމަލާ އަމާޒުކޮށްފައިވަނީ، އިދިކޮޅު ހޫތީ ހަނގުރާމަވެރިން ޑްރޯންއާއި މިސައިލް ރައްކާކުރާ މަރުކަޒަކަށް ކަމަށެވެ. ނަމަވެސް އިދިކޮޅު ހަނގުރާމަވެރިން ބުނާ ގޮތުގައި ސައުދީގެ ހަމަލާގައި ބިމާ ހަމަކޮށްލާފައި ވަނީ ޖަލެއްގެ ގޮތުގައި ބޭނުންކުރަމުން ދިޔަ އިމާރާތެކެވެ.
އދއިން ބުނީ މި ހަމަލާގައި 52 ގައިދީއެއްގެ ފުރާނަ ގެއްލިފައިވާއިރު 68 މީހަކަށް ވީ ގޮތެއް ނޭނގި ގެއްލިފައިވާ ކަމަށެވެ. މީހުން ސަލާމަތްކުރުމުގެ މަސައްކަތްތައް ކުރިއަށްދާވަރަކަށް، މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށްވެސް އދއިން ވަނީ ބުނެފައެވެ.
ކުރިން ކޮލެޖެއް ހިންގަމުންދިޔަ އިމާރަތަކީ ފަހުން ޑިޓެންޝަން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރި އިމާރާތެއްކަން، ހަމަލާގެ ކުރިންވެސް އެސަރަހައްދަށް ޒިޔާރަތްކޮށްފައިވާ އައި.ސީ.އާރް.ސީއިން ވަނީ ކަށަވަރުކޮށްދީފައެވެ.
ޔަމަނުގައި ހަރަކާތްތެރިވާ އައި.ސީ.އާރް.ސީ މިޝަންގެ އިސްވެރިޔާ ފްރާން ރޯޝެންސްޓީން ވިދާޅުވީ، ޖަލެއްގެ ގޮތުގައި ބޭނުންކުރަމުން ދިޔަ އިމާރާތަކަށް ހަމަލާދިނުމަކީ ހައިރާންވެ ހިތާމަކުރައްވާ ކަމެއް ކަމަށާއި، ގައިދީންނަކީ ބައިނަލްއަގުވާމީ ގާނޫނުތަކުން ހިމާޔަތް ލިބިދީފައިވާ ބައެއް ކަމަށެވެ.
ސައުދީ ކޯލިޝަނުގެ މި ހަމަލާއާއިއެކު ޔަމަނުގެ އިންސާނީ އެހީގެ ހިދުމަތްތަކަށް ވެސް ވަނީ ލޮޅުން އަރާފައެވެ. އެގޮތުން އެގައުމުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮލެރާ ރޯގާއަށް ފަރުވާކުރުމަށް ކަނޑައެޅުނު ސިއްހީ ވަސީލަތްތައް މިހާރު ބޭނުންކުރަންޖެހިފައި ވަނީ ސައުދީ ކޯލިޝަނުގެ ހަމަލާގައި އަނިޔާ ލިބުނު ފަރާތްތަކަށް ފަރުވާ ކުރުމަށް ކަން އދއިން ވަނީ ފާހަގަކޮށްފައެވެ.
ޔަމަނުގެ ދާހިލީ ހަނގުރާމައިގެ ތެރެއަށް ސައުދީގެ އަސްކަރީ ކޯލިޝަނުން ވަނީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ފަހުން އަދާ ޖެހެންދެކަށްވެސް ޔަމަނު ހަނގުރާމައަށް ސުލްހަވެރި ހައްލެއް ހޯދި، އެކަން އަމަލީ ގޮތުން ތަންފީޒު ކުރެވިފައެއް ނުވެއެވެ. ސައުދީގެ އަސްކަރީ ކޯލިޝަނަކީ ކުޑަކުދިން މަރާ ހަރަކާތެއް ކަމަށް ބުނެ، އެ ކޯލިޝަން މިހާރު ވަނީ ބްލެކްލިސްޓް ވެސް ކޮށްފައެވެ.
ފަހުގެ ހަމަލާއާއި ގުޅިގެން ސައުދީއިން ބުނަމުންދަނީ، ހަމަލާ ދިނުމުގެ ކުރިން، އާންމު ރައްޔިތުން ހިމާޔަތް ކުރުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާފައިވާނެ ކަމަށެވެ.