ޖާސޫސްކުރުމުގެ ކުށުގެ ތުހުމަތުގައި ޕާކިސްތާނުގައި ހައްޔަރުކޮށް، މަރުގެ ހުކުމް އިއްވާފައިވާ އިންޑިއާގެ އަސްކަރީ އޮފިޝަލު ކުލްބުޝާން ޔާދަވްއަށް ޕާކިސްތާނުން ފޯރުކޮށްދޭ ކޮންސިއުލާ ހިދުމަތް ބަލައިގަތުމަށް އިންޑިއާއިން އެއްބަސްވެއްޖެއެވެ.

މި އެއްބަސްވުމާއެކު، ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަވާ އިންޑިއާގެ ޑެޕިއުޓީ ހައިކޮމިޝަނަރު ގޯރާވް އަހްލުވާލިއާ އާއި ކުލްބުޝާންއާއި ދެމެދު، 2 ގަޑިއިރުގެ ބައްދަލުވުމެއް ކުރިއަށްދާނެ ކަމަށް ޚަބަރު ލިބެއެވެ.

ކުލްބުޝާންއަށް ކޮންސިއުލާ ހިދުމަތް ހޯދައިދިނުމަށް އިންޑިއާއިން މަސައްކަތްކުރާތާ މިހާރު ވަނީ ތިން އަހަރެއްހާ ދުވަސް ވެފައެވެ.

ޕާކިސްތާނު ހާރިޖިއްޔާގެ ތަރުޖަމާނު މުޙައްމަދު ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިފަހަރުގެ ފުރުސަތު ހުޅުވާލާފައިވަނީ އައި.ސީ.ޖޭގެ ހުކުމާ، ކޮންސިއުލާ ހިދުމަތާ ބެހޭ ވިއޭނާ ކޮންވެންޝަނާ، ޕާކިސްތާނުގެ ގާނޫނު އަސާސީގެ އިމުގެ ތެރެއިންކަމަށެވެ.

މިއީ ކުލްބުޝާންއަށް ކޮންސިއުލާ ހަމަޖައްސައިދިން ދެވަނަ ފަހަރެވެ. މީގެ ކުރިން، ޖުލައި 30 ވަނަ ދުވަހު ޕާކިސްތާނުން ވަނީ ކުލްބުޝާންއަށް ކޮންސިއުލާ ހިދުމަތް ހަމަޖައްސާދީފައެވެ. ނަމަވެސް އެކަމަށް އިންޑިއާއިން އެފަހަރު ވަނީ އިންކާރުކޮށްފައެވެ. އިންޑިއާ އެފަހަރު މި ހިދުމަތަށް އިންކާރު ކުރީ އެންމެ ފުރިހަމަ ގޮތުގައި ކޮންސިއުލާ ހިދުމަތް ހަމަޖެހިފައި ނުވާކަމުގެ ޝަކުވާ ކުރުމަށް ފަހުގައެވެ.

ޕާކިސްތާނުގެ ފަސްގަނޑުގައި އިންޑިއާއަށް ފާރަލާދޭ ކަމުގެ ކުށުގެ ތުހުމަތުގައި ޕާކިސްތާނުން ކުލްބުޝާން ހައްޔަރުކުރީ 2016 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. އޭގެ އަހަރެއްހާ ދުވަސް ފަހުން، އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނީ ޕާކިސްތާނުގެ އަސްކަރީ ކޯޓަކުންނެވެ.