އިއްޔެ ރައީސް ނަޝީދު ވިދާޅުވީ އެންމެނަށް ވަޒީފާ ނުދެވޭނެ ވާހަކަ ނޫން ކަމަށާ، ސިޔާސަތުތަކެއް ނުހިންގާ ދެމެހެއްޓެނިވި ވަޒީފާއެއް ހަމަނުޖެއްސޭނެ ވާހަކަ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ އިއްޔެ އެމަނިކުފާނު ދެއްކެވި ވާހަކަފުޅާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު އެމަނިކުފާނަށާއި ސަރުކާރަށް ފާޑުކިޔަން ފެށުމާ ގުޅިގެންނެވެ.

"އިއްޔެ އަޅުގަނޑު ދެއްކި ވާހަކަ ވަނީ ވަރަށް ބޮޑަށް އޮޅިފައި، އަޅުގަނޑުގެ ނުކުތާއަކީ އެންމެނަށް ސަރުކާރު ވަޒީފާ ހަމަޖެއްސުމަކީ ވާނެ ކަމެއް ނޫންކަން ފާހަގަ ކޮށްލުން" ނަޝީދު ދެއްކެވި ވާހަކަ ބަޔަކަށް އޮޅުނު ކަމަށް ވާނަމަ ސާފުކޮށް ދެއްވަމުން ނަޝީދު ވިދާޅުވިއެވެ.

މީގެ ކުރިން ނަޝީދު ވިދާޅުވެފައިވާ ގޮތުގައި، ސަރުކާރު ވަޒީފާތަކުގައި މިހާރުވެސް ތިބީ ކުރީގެ ސަރުކާރުގައި ވެސް ވަޒީފާތަކުގައި ތިބި މީހުން ކަމަށާ، އެ މީހުން ވަޒީފާތަކުން ވަކިކޮށް، އެމްޑީޕީގެ އެކްޓިވިސްޓުންނަށް ވަޒީފާ ނުދީގެން އެފަރާތްތަކުން ޝަކުވާ ކުރާކަމަށެވެ. އަދި މި ސަރުކާރު ވެރިކަމަށް އައީ އިންސާފުވެރިކަމާއެކު ކަންކަން ކުރުމަށް ކަމަށާއި، ވަޒީފާގައި ހުރި މީހަކު ނަގައި އެއްލާ ނުލެވޭނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވެފައި ވަނީ، ވަޒީފާ ނުދޭކަމަށް ބުނެ އެމްޑީޕީ އެކްޓިވިސްޓުން ޝަކުވާ ކުރުމަކީ ލަދުވެތިކަމެއް ކަމަށާއި އެމީހުންނަށް ވެސް ގޮތެއް އޮންނަންޖެހޭކަން ގަބޫލުފުޅު ކުރައްވާ ކަމަށެވެ. ނަމަވެސް ކަމެއްގެ ތެރެއަށް ނުކުމެ ކަމެއް ހޯދުމަކީ އެމީހާގެ އަމިއްލަ ކަމެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.