އެމްޑީޕީގެ އެކި މުޒާހަރާތަކުގައި އަދި ސަރުކާރު ގެނައުމަށް މަސައްކަތްކުރި އިރު، ޕެޕަސްޕްރޭ ޖެހި އެންމެންނަށް ސަރުކާރުން ވަޒީފާ ދިނުމަކީ ކުރެވޭނެކަމެއް ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީއަށް މަސައްކަތް ކުރި މީހުންނަށް ވަޒީފާ ނުލިބޭ ކަމަށް ބުނެ ސޯޝަލް މީޑިއާއާ އެކިއެކި ޕްލެޓްފޯމްތަކުގައި ދައްކާ ވާހަކަތަކަށް ޖަވާބު ދެއްވަމުން "އެމްޑީޕީ ޔޫތު ކޮންގްރެސް 2019" ގައި ނަޝީދު ވިދާޅުވީ ސަރުކާރުން ވަޒީފާ ދީގެން އެންމެން ނުގެންގުޅެވޭނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ، ސަރުކާރު ވަޒީފާތަކުގައި މިހާރުވެސް ތިބީ ކުރީގެ ސަރުކާރުގައި ވެސް ވަޒީފާތަކުގައި ތިބި މީހުން ކަމަށާއި، އެ މީހުން ވަޒީފާތަކުން ވަކިކޮށް، އެމްޑީޕީގެ އެކްޓިވިސްޓުންނަށް ވަޒީފާ ނުދީގެން އެފަރާތްތަކުން ޝަކުވާ ކުރާކަމަށެވެ. އަދި މި ސަރުކާރު ވެރިކަމަށް އައީ އިންސާފުވެރިކަމާއެކު ކަންކަން ކުރުމަށް ކަމަށާއި، ވަޒީފާގައި ހުރި މީހަކު ނަގައި އެއްލާ ނުލެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ޕެޕާ ސްޕްރޭ ޖެހި އެންމެނަށް ކޮންމެވެސް ގޮތެއް އޮތުމަކީ ބޭނުންތެރި ކަމެއް. އަޅުގަނޑަށް އަނެއްކާވެސް އެވަނީ ވަރަށް ލަދުވެތި ވާހަކައަކަށް. ތިމަންނާ އެވެނި ކަމެއް ކުރީމޭ. އެހެން ހެދީމޭ. ތިމަންނައަށް ނެތޭ އެއްވެސް ކަމެއް،"
ނަޝީދު

ނަޝީދު ވިދާޅުވީ، ވަޒީފާ ނުދޭކަމަށް ބުނެ އެމްޑީޕީ އެކްޓިވިސްޓުން ޝަކުވާ ކުރުމަކީ ލަދުވެތިކަމެއް ކަމަށާއި އެމީހުންނަށް ވެސް ގޮތެއް އޮންނަންޖެހޭކަން ގަބޫލުފުޅު ކުރައްވާ ކަމަށެވެ. ނަމަވެސް ކަމެއްގެ ތެރެއަށް ނުކުމެ ކަމެއް ހޯދުމަކީ އެމީހާގެ އަމިއްލަ ކަމެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ހުރިހާ ބޭފުޅުންނަށް ސަރުކާރުން ވަޒީފާ ދީގެން މި ރާއްޖެ ފުލް އެމްޕްލޯއިމެންޓަށް ނުގެންދެވޭނެ ކަމަށާއި، އެއީ ވާނެކަމެއްނޫން ކަމަށެވެ.