ދިވެހި ޒުވާނުންނަށް ބާރުގަދަ ޑްރަގް ދޫކުރުން އަދި ބެހުން އެއީ ރާވައިގެން ހިންގި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ މިއަދު ފެށި އެމްޑީޕީގެ "ޒުވާނުންގެ ކޮންގްރެސް 2019" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގައި ހަކުރު ބޯން ފެށީ 1994 ވަނަ އަހަރު ކަމަށާއި، ހަކުރު ބޯން ފެށުމުގެ ކުރިން ވެސް ކުރި ކަމެއް އެމަނިކުފާނުގެ ހަނދާނުގައި އެބަހުންނެވި ކަމަށެވެ. އަދި އެއީ އެއިރު މާލޭގައި ތިބި ފަތްބޯ ހުރިހާ އެންމެން ހިފާ ހައްޔަރުކޮށް، ފަތްވިއްކާ ހުރިހާ އެންމެން ވެސް ހިފާ ހައްޔަރުކުުރުން ކަމަށެވެ. ނަމަވެސް ދެން ކުއްލިއަކަށް ފެނިގެން ދިޔައީ މާވަރުގަދަ އެއްޗެއް މާލެތެރޭގައި އުޅޭތަން ކަމަށާއި، އެއީ ހަކުރު ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު އެއިރު ވެސް ދެންނެވިން އަދި މިހާރު ވެސް މި ދަންނަވަނީ އެއީ ރާވައިގެން ހިންގާ ކަމެކޭ. ދިވެހި ޒުވާނުންނަށް ބާރުގަދަ ޑްރަގް ދޫކުރުން އަދި ބެހުން އެއީ ރާވައިގެން ހިންގި ކަމެއް. އަޅުގަނޑު އެ ނޫންގޮތަކަށް އެކަމެއް ނުދެކޭނަން. މާ ބޮޑަށް ދިމާވަނީ. އަޅުގަނޑު މި ދެންނެވިހެން ފަތްބޯ މީހުންނާ ވިއްކާ މީހުން ގެންގޮސް ހިފާ ހައްޔަރުކޮށްފައި، އޭގެ އަނެއް ހަފްތާގައި ފެނުނީ މުޅި މާލޭގައި ހެރޮއިން އޮއްވާ. ދެން އެ އެއްޗެއް ބޯން ފެށީ،"
ނަޝީދު

ނަޝީދު ވިދާޅުވީ މިއަދާ ހަމައަށް އައި އިރު ވެސް އެކަމަކުން އަރައި ނުގަނެވޭ ކަމަށެވެ. އަދި އެ ކަމުގައި އެހެން ވިސްނުމެއް ގެންނާކަށް ވެސް އެނގިވަޑައިނުގެންނެވި ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ކިހިނެއްތޯ އަޅުގަނޑުމެން މިކަމާ އުޅެގަންނާނީ،"
ނަޝީދު

ނަޝީދު ވިދާޅުވީ އެކަމުގެ މަޝްވަރާ ވެސް އެ ބަހުސް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދު ފުއްދުމުގެ ތެރޭގައި މިއަދުު މި ފެށޭ ކޮންގްރެސްއިން ފެށިގެން ފެންނަމުންދާނެ ކަމަށެވެ. އަދި ސަރުކާރު ގެންގުޅެންވީ ސިޔާސަތުތައް ވެސް އަދި ރައްޔިތުންގެ މަޖިލީހުން ހެދިގެން އަންނަންވީ ގާނޫނުތައް ވެސް އެނގިގެންދާނެކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގެ ޒުވާނުން އެކިއެކި ތަންތަނުގައި އެމީހުން ކުރާ މަސައްކަތްތަކަށް އެހީތެރިވެދެމުން ދިޔައީ އެމްޑީޕީން ކަމަށެވެ. އަދި ޕާޓީގެ ސިޔާސަތުތައް އެކުލަވާލާފައިވަނީ ރައީސް ސޯލިހުގެ ސަރުކާރު އެ ހިންގަވަނި ހުރިހާ ޒުވާނުންނަށް ގޮތްތަކެއް ހޯދައި ދެއްވުމަށްކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ބާރުގަދަ ޑްރަގުގެ ވަބާގައި ޖެހި ޝިކާރައަކަށްވެ މަގުން ކައްސާލާފައިވާ ޒުވާނުން ގިނަ ކަމަށާ، މުޅި މާލޭގެ މަގުތަކުގައި [އެފަދަ ޒުވާނުން] އިތުރުވެފައިވާ ކަމަށް ހިތަށް އަރައިގެން އުޅޭ ޒުވާނުން އިންތިހާއަށް ގިނަ ކަމަށެވެ. އަދި ހަގީގަތުގައި މި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުވެސް ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ އެއް އަމާޒަކީ އަދި ސިޔާސަތަކީ ވަޒީފާ ހޯދަން އުޅޭ ޒުވާނުންގެ ދަފްތަރެއް އެކުލަވާލެއްވުން ކަމަށާ، އެކަމުގެ ގާނޫނު އިރާދަކުރެއްވިއްޔާ އަދި އަންނާނެ ކަމަށެވެ. އަދި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގައި އެންމެ މުހިންމު ކަމަކަށް ވާންޖެހެފައިވަނީ، އެ އަމާޒު ދަނީ ޒުވާނުންނާ ގުޅޭތީކަމަށް ނަޝީދު ފާހަގަ ކުރެއްވިއެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުކުތުމަށް ގޭގެއަށް ވަތް އިރު، މާލޭގައި އަދި ރާއްޖޭގެ ހުރިހާ ދާއިރާއެއްގައި ވެސް ގޭގޭގައި ބިއްޖެހިފައި ތިބިކުދިން ރަނގަޅުވާން ބޭނުންވާ ކަމަށެވެ. އަދި އެފަދަ ގިނަ ޒުވާނުންނަށް ދިމާނުވާ އެއްކަމެއްވެސް ނެތް ކަމަށެވެ.

"ހަމަ ގައިމުން ވެސް އަޅުގަނޑު ވަތް ގޭގޭގައި ކުޑައިރު އެކުދިންނާ ބެހުނުއްސުރެ ފަށައިގެން، ދެން ޖައްސަވާ ލިސްޓެއްގައި މީހަކަށް ދިމާވާނެ ބަދު ނަސީބު ހުރިހާ ކަމެއް. އެ ކަންކަން އޮތީ އޭނާއަށް ދިމާވެފައި. މަންމައާއި ބައްޕައާއި ޖަލަށް ލައިފި، ދެމީހުން ވެސް ބޮައިގެން. ދޮށްޓަށް ހުރި ކުއްޖާ (އެކުއްޖާގެ ބޭބެ) އަމިއްލައަށް މަރުވެއްޖެ ޑްރަގް ބޮައިގެން،"
ނަޝީދު

ނަޝީދު ވިދާލުވީ ރާއްޖޭގައި ތިބަ ޒުވާނުން، އާއިލާތައް އަދި ކުދިންތަކަށް އަޅާލުމުގެ ފުޅާ ވިސްނުމެއް ގެންގުޅުއްވަން ޖެހޭކަމަށެވެ.