އިއްޔެ ހދ ނޮޅިވަރަމްފަރުން ފުރައިގެން އެއަތޮޅު ހަނިމާދުއަށް ދަތުރު ކުރަމުން ދަނިކޮށް ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި ކަނޑުވި މީހުންގެ ތެރެއިން ދެމީހަކަށް އަދިވެސް ދަނީ ފަރުވާ ދެމުންނެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭގެތެރެއިން އެކަކުގެ ހާލު އަދިވެސް ސީރިއަސް އެވެ. ނަމަވެސް މަޑުމަޑުން ހަމައަކަށް އެޅެމުން އަންނަ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އިއްޔެގެ އެ ހާދިސާގައި ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ ދެމީހުންގެ ތެރެއިން ހާލު ސީރިއަސް މީހަކީ ނޮޅިވަރަމްފަރު ސްކޫލުގެ މުދައްރިސު އަބްދުއްޝުކޫރު ހުސެއިން އެވެ. އޭނާ އަކީ އިއްޔެގެ ހާދިސާގައި ނިޔާވި އައިސްތު (އާންމު ނަން) ގެ ފިރި މީހާއެވެ. އޭނާގެ އިތުރުން ދެން ހޮސްޕިޓަލުގައި އޮތީ އާސިމާ (އާންމު ނަން) ނޮޅިވަރަމްފަރު ސްކޫލުގެ ޓީޗަރެކެވެ. އާސިމާއަކީ އިއްޔެގެ ހާދިސާގައި ނިޔާވި ހުސެންބެ (ބޮޑު ޓީޗަރު) ގެ ދެބެންގެ ދެދަރި މީހެކެވެ. އޭނާގެ ހާލު މިވަގުތު ރަނގަޅުކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ޝުކޫރާއި އައިސްތު އިއްޔެ ދަތުރު ކުރީ އިންޑިއާއަށް ފުރަން ވެގެންނެވެ. އިއްޔެގެ އެ ހާދިސާއާގައި ޝުކޫރުވެސް ކަނޑުވިއެވެ. އަދި މިހާރު ފަރުވާ ލިބެމުންދާ އިރު، ނިޔާވި މީހުންގެ ޖަނާޒާރަށް ރޭ ޝުކޫރު ގެންދިޔައީވެސް އަތުލަފިކޮށްގެންނެވެ.

އިއްޔެގެ ލޯންޗު ހާދިސާގައި 5 މީހަކު ނިޔާވެ 5 މީހަކު ވަނީ ސަލާމަތް ވެފައެވެ.