އިއްޔެ ހިނގި ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި ހުސެއިން އަބްދުﷲ ނުވަތަ (ބޮޑު ޓީޗަރު)ގެ މިހާރު ދުނިޔޭގައި ހުރީ އެންމެ ދަރިއެކެވެ. ނޮޅިވަރަމްފަރު ބޮޑު ޓީޗަރުގެ ހަމަ އެކަނި މިހާރު ހުރި ދަރި އަކީވެސް ޒިންމާދާރު ވަޒީފާއެއް އަދާ ކުރާ މީހެކެވެ. އޭނާ ވަޒީފާ އަދާކުރަނީ މާލޭގައެވެ.
އިއްޔެ ހިނގި ލޯންޗު ބަންޑުން ޖަހާލި ހިތާމަވެރި ހާދިސާގައި ނިޔާވި ބޮޑު ޓީޗަރާއި، އޭނާގެ އަންހެނުން މަރިޔަމް މަނިކެ އަދި އޭނާގެ ދަރިފުޅު ގުރައިޝާ އަބްދުﷲ އަކީ އޭނާގެ އާއިލާގައި ތިބި ހަމަ އެކަނި މެންބަރުންނެވެ.
އާއިލާގެ މެންބަރުންގެ ވަކިވެ ދިޔުމާއެކު އޭނާއަށް ވަނީ ވަރަށް ބޮޑު އަސަރެއް ކޮށްފައެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބޮޑު ޓީޗަރުގެ އާއިލާގެ މެންބަރަކު ބުނީ މިހާރު ދުނިޔޭގައި ހުރި ހަމަ އެކަނި ދަރި ދިރިއުޅެނީ މާލޭގައި އޭނާގެ އާއިލާއާ އެކު ކަމަށެވެ.
އަދި އޭނާ އަކީ އަހުލާގު ރަނގަޅު މީހެއް ކަމަށާ މިވަގުތު އާއިލާގެ މީހުންގެ ޖަނާޒާއަށްޓަކައި އޭނާ ހުރީ ހަނިމާދޫގައި ކަމަށެވެ.
އިއްޔެ ލޯންޗު ބަންޑުން ޖަހާލައި 5 މީހަކު ނިޔާވި ހާދިސާ ހިނގީ ހދ ނޮޅިވަރަމްފަރުން ފުރައިގެން އެއަތޮޅު ހަނިމާދުއަށް ލޯންޗު ވަންނަން އުޅެނިކޮށެވެ. މިހާނަށް އެނގިފައިވަނީ ލޯންޗް ބަންޑުން ޖަހާލީ ރާޅަކާ އެކު ކަމަށެވެ. މިހާދިސާގައި ސަލާމަތްވި މީހުންގެ ތެރެއިން ހޮސްޕިޓަލުގައި އަދިވެސް ދެމީހަކަށް ދަނީ ފަރުވާ ދެމުންނެވެ.