އަންނަ މަހު އޮންނަ ހޮލީވުޑްގެ ބޮޑު ނީލަމުގައި ވިއްކާލާ އަގު އުފުލިގެންދާނެ ތެކެތީގެ ތެރޭގައި، "ދި އެމްޕަޔާ ސްޓްރައިކްސް ބެކް"ގައި ޑާތް ވޭޑާ ބޭނުންކުރި މާސްކާ ހެލްމެޓް ހިމެނޭ ކަމަށް ޚަބަރު ލިބިއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ހެލްމެޓަށް އެކަނިވެސް 500000 ޑޮލަރު ލިބޭނެއެވެ.

މި ހެލްމެޓަކީ 1980ގެ އަހަރުތަކުގެ ބްލޮކްބަސްޓާ ފިލްމް "ސްޓާ ވޯޒް"ގައި ޑޭވިޑް ޕްރޯޒޭ ބޭނުންކުރި މަދު ހެލްމެޓްތަކުގެ ތެރެއިން ހެލްމެޓެއް ކަމަށް މައުލޫމާތު ލިބެއެވެ.

ސްޓާ ވޯޒް ފްރެންޗައިޒްގެ ފިލްމުތަކަކީ މިހާރުވެސް އޭގެ ހޫނުކަން ފިނިވެފައި ނުވާ ފިލްމުތަކަކަށްވާއިރު، ލަފާކުރާ ވަރަށްވުރެވެސް ބޮޑު އަގެއްގައި މި ހެލްމެޓް ވިއްކާލުމުގެ ފުރުސަތު އެބައޮތް ކަމަށް ނީލަން އިންތިޒާމް ކުރާ ޕްރޮފައިލްސް އިން ހިސްޓަރީ އިން ބުނެއެވެ.

"އައިކަންސް އެންޑް ލެޖެންޑްސް އޮފް ހޮލީވުޑް"ގެ ނަމުގައި ކުރިއަށް ގެންދާ ބޮޑު ނީލަން ކުރިއަށްދާނީ އަންނަ މަހުގެ 25 އަދި 26 ގައި، އެމެރިކާގެ ލޮސް އެންޖަލީސްގައެވެ. މި ނީލަމުން ފެނިގެންދާނެ އިތުރު އައިޓަމްތަކުގެ ތެރޭގައި، "ވިޒާފް އޮފް އޯޒް"ގެ ކޮސްޓިއުމަކާ، ޓައިޓޭނިކްގައި "ރޯޒް" ނުވަތަ ކޭޓް ވިންސްލެޓް ބޭނުންކުރި ހެދުމެއްވެސް ހިމެނޭކަމަށް މައުލޫމާތު ލިބެއެވެ.