ސްރީލަންކާގެ ސަރުކާރުން ސާފު އިބާރާތުން ވަކި އެއްޗެއް އަންގަންދެން، އެގައުމުގައި ދިރިއުޅޭ މުސްލިމުންގެ ތެރެއިން މޫނު ބުރުގާ އަޅާ މީހުން، ބުރުގާއާއިއެކު މޫނު ނިވާ ނުކުރުމަށް ސްރީލަންކާގެ ދީނީ އިމާމުން ގޮވާލައްވައިފިއެވެ.

ސްރީލަންކާގައި މޫނު ބުރުގާ އަޅައިގެން އުޅުމަކީ ޣައިރު ގާނޫނީ ކަމެއް ކަމުގައި ކަނޑައެޅީ، މިއަހަރުގެ އޭޕްރިލް މަހު އެގައުމަށް ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ތަންފީޒުކުރަން ފެށި ކުށްލި ހާލަތުގެ އަމުރާ އެކުގައެގެ. ސަލާމަތީ ފިޔަވަޅެއްގެ ގޮތުގައި ކަމަށް ބުނެ، ސްރީލަންކާގައި މޫނު ބުރުގާ އެޅުން މަނާކޮށްފައިވީ ނަމަވެސް، ސްރީލަންކާގައި ކުރިން އިއުލާންކުރި ކުށްލި ހާލަތު މިހާރު ވަނީ އުވިގެންގޮސް އާންމު ހާލަތަށް ބަދަލުވެފައެވެ. ނަމަވެސް މޫނު ބުރުގާގެ މައްސަލާގައި ސްރީލަންކާގެ ސަރުކާރުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ސްރީލަންކާގެ ކިނިޔާމާގައި ހުންނަ އަބްރާރް މިސްކިތަށް ގެއްލުންދީ ސުންނާފަތިކޮށްލާފައި/ފޮޓޯ: ރޮއިޓާޒް

އޯލް ސިލޯން ޖަމީއަތުލް އުލަމާގެ ތަރުޖަމާނު ފަޒީލު ފާރޫގު ވިދާޅުވީ، މީގެ ކުރިންވެސް މޫނު ނިވާނުކޮށް އުޅުނު ފަދައިން އަދި ކުޑަ ހިތްވަރެއް ކޮށްލުމަށް އެދިވަޑައިގަންނަވާ ކަމަށާ، އަވަސް އަރުވާލައިގެން މޫނު ނިވާކުރުމާ ދުރުވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

އޭޕްރިލް މަހުގެ ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ސްރީލަންކާގެ މުސްލިމުންނަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ޖިސްމާނީ ގޮތުންނާ ނަފްސާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ތަހައްމަލުކުރަންޖެހުނުއިރު، ހަމަލާތަކާ ވިދިގެން މުސްލިމުންގެ މުދަލާ ތަކެއްޗަށް ގެއްލުންދެމުންދިޔަ މިންވަރުވެސް ވަނީ އިންތިހާއަށް އިތުރުވެފައެވެ.