ގުދުރަތީ ދިރުންތަކުން އިންތިހާ މުއްސަނދިކަން ލިބިފައިވާ ދުނިޔޭގެ އެންމެ ބިޔަ ޖަންގަލީގެ ގޮތުގައި ސިފަކުރަމުން އަންނަ ބްރެޒީލްގެ އެމޭޒަން ޖަންގަލީގެ އެކި ހިސާބުތަކުގައި ރޯކޮށްފައިވާ އަލިފަންގަނޑުތައް ނިއްވުމަށް، ހޮލީވުޑްގެ މަޝްހޫރު ބަތޮލް އަދި ތިމާވެށީގެ އެކްޓިވިސްޓް ލިއަނާޑޯ ޑިކެޕްރިއޯ ނިކުމެއްޖެއެވެ.
ލިއޯގެ ތިމާވެށި ޖަމިއްޔާ އާތް އެލާޔަންސްއިންވަނީ، އެމޭޒަން ޖަންގަލީގައި ރޯކޮށްފައިވާ އަލިފާންގަނޑުތައް ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މަދަނީ ޖަމާއަތްތަކާ އާބާދުތަކަށް 5 މިލިއަން ޑޮލަރު ދިނުމަށް ނިންމާފައެވެ.
ބްރެޒީލްގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޭސް ރިސާޗްއިން ބުނީ މިއަހަރުގެ މިހާ ހިސާބަށް އައިއިރު އެމޭޒަން ޖަންގަލީގެ އެކި ހިސާބުތަކުގައި 72000 އަލިފާންގަނޑު ޖަހާފައިވާކަމަށެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 40000 އަލިފާންގަނޑު އިތުރު އަދަދެކެވެ.
ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ ފަރާތްތަކުން މި އަލިފާންގަނޑުތަކުގެ ޒިންމާ އަޅުވަނީ، ބްރެޒީލްގެ މިހާރުގެ ރައީސް ޖެއިސް ބޮލްސޮނާރޯގެ އިސްތަށިފުޅުގައެވެ. އެހެނީ، ބޮލްސޮނާރޯގެ ސަރުކާރަކީ، ދަނޑުވެރިކަމުގެ ބޭނުމަށް އެމޭޒަން ޖަންގަލީގައި ހުޅުޖަހައިގެން ބިން ސާފުކުރުމަށް ދަނޑުވެރިންނަށް ހިތްވަރުދެއްވާ ލީޑަރެއް ކަމުގައި ވުމެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި ބޮލްސޮނާރޯއަށް ފާޑުކިއުންތައް އަމާޒުވި ނަމަވެސް، އޭނާ އެކަމަކަށް ފަރުވާލެއް ނުދެއްވައެވެ.