ކުރީގެ ކެލާ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ތަރުޒަމާނު އަލީ އާރިފާއި ކުރީގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމް ކައުންސިލް މެންބަރު އިބްރާހިމް ފަލާހު ޕީޕީއެމުން އިސްތިއުފާ ދެއްވައިފިއެވެ.

އާރިފާއި ފަލާހް ޕީޕީއެމުން އިސްތިއުފާ ދެއްވި ކަން އިއުލާން ކުރައްވަމުން ޕީއެންސީގެ ކުރީގެ ނައިބު ރައީސް އަހްމަދު ނިހާން ވަނީ ދާދި ދެންމެ އަކު ޓްވީޓެއް ކުރައްވާފައެވެ.

މީގެ ކުޑަ ވަގުތުކޮޅެއް ކުރިން ޕީއެންސީގެ ނައިބު ރައީސް ކަމުން ނިހާން ވަކިވެ ވަޑައިގެންނެވި އިރު، އޭނާ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ ގުޅިވަޑައިގަންނަވާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. މިކަމާ ގުޅޭ ގޮތުން ޖޭޕީން ބުނީ، މިރޭ އެޕާޓީއާ ގިނަ އަދަދެއްގެ މެންބަރުން ގުޅި ވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް، ނިހާން، އާރިފް ނުވަތަ ފަލާހް އެ ޕާޓީއާ ގުޅި ވަޑައިގަންނަވާނެ ކަމެއް އެ ޕާޓީން ކަށަވަރު ކޮށް ދީފައެއް ނުވެއެވެ.