ބަންގްލަދޭޝްގައި ތިބި މިޔަންމާގެ ރެފިއުޖީން އަނބުރާ ގައުމަށް ގެންދިއުމަށް ކުރި މަސައްކަތް 2 ވަނަ ފަހަރަށްވެސް ފެއިލްވެފައިވަނީ ބަންގްލަދޭޝްގެ ސަބަބުން ކަމަށް މިޔަންމާއިން ބުނެފިއެވެ.

މިޔަންމާގެ ރާހީން ސްޓޭޓްގައި ދިރިއުޅެމުންދިޔަ ރޯހިންޏާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން ހިންގި ލައިންސާނީ ޖަރީމާތަކުން ސަލާމަތްވުމަށް ބަންގްލަދޭޝްއަށް އެތެރެވި 7 ލައްކައަށްވުރެ ގިނަ ރެފިއުޖީންގެ ތެރެއިން 3450 މީހަކު އަނގުރާ މިޔަންމާއަށް ގެންދިއުމަށް އެގައުމުން ރުހުންދި، ބުރާސްފަތި ދުވަހު އެމީހުން ގައުމަށް ގެންދިއުމުގެ އިންތިޒާމު ހަމަޖެއްސިއެވެ. ނަމަވެސް މިޔަންމާއަށް ރެފިއުޖީން އުފުލާ ބަސްތަކުގެ ދަތުރު ފަށާ ގަޑި ޖެހުނުއިރު އެއްވެސް ރެފިއުޖީއަކު އެ ސަރަހައްދަށް ހާޒިރުވެފައެއް ނުވެއެވެ.

މިކަމާ ގުޅިގެން މިޔަންމާގެ ހާރިޖިއްޔާއިން ބުނީ ރެފިއުޖީން ބަދަލުކުރުމުގެ މަސައްކަތަކީ ދެގައުމުން ވެފައިވާ އެއްބަސްވުމަކަށް އަމަލުކޮށްގެން ކުރެވޭނެ ކަމެއް ކަމަށާ، މިކަން ފެއިލްވެފައިވަނީ ބަންގްލަދޭޝްގެ ސަބަބުން ކަމަށެވެ.

މިޔަންމާއަށް އެނބުރި ދިއުމަށް ބަންގްލަދޭޝްގައި ތިބި ރެފިއުޖީން އިންކާރުކުރީ އެމީހުންނަށް މިޔަންމާއިން ދާއިމީ ރަށްވެހިކަން ދީފައި ނުވާތީ ކަމަށް ބުނާއިރު، މިޔަންމާއިން ބުނާ ގޮތުގައި އެކަން ހަމަޖައްސާ ނުދެވުނީ ލިޔެކިއުމުގެ މަސައްކަތްތައް ފުރިހަމަ ކުރުމަށް ބަންގްލަދޭޝް ފެއިލްވުމުގެ ސަބަބުންނެވެ.

މިޔަންމާއަށް އެނބުރި ދިއުމަށް އެއްވެސް ރެފިއުޖީއަކު ހާޒިރު ނުވުމަކީ އެގައުމުން ހިތާމަކުރާ ކަމެއް ކަމަށް ބަންގްލަދޭޝްގެ ހާރިޖީ ވަޒީރު އޭކޭ ޢަބްދުލް މޫމިންވަނީ ފާހަގަކުރައްވާފައެވެ. އަދި ރަށްވެހިކަމުގެ ނަމުގައި ރޯހިންޏާ ދަރިކޮޅުގެ ރެފިއުޖީން ދަނީ ގައުމު "ރަހީނު" ކުރަމުން ކަމަށްވެސް ބަންގްލަދޭޝްގެ ވަޒީރު ވަނީ ސިފަކުރައްވާފައެވެ.

މިޔަންމާގައި ދިރިއުޅެމުންދިޔަ ރޯހިންޏާ ދަރިކޮޅުގެ މުސްލިމުންނަށް އެގައުމުން ދާއިމީ ރަށްވެހިކަން ދިނުމަށް މިޔަންމާގެ ކަމާބެހޭ ފަރާތްތަކުން އިންކާރު ކުރަމުން ދަނީ، ރޯހިންޏާ ދަރިކޮޅުގެ މުސްލިމުންނަކީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދަރިފަސްކޮޅެއް ކަމަށް ބުނެއެވެ.