ޓެރަރިޒަމަށް ފައިސާ ހަރަދުކުރުން ހުއްޓުވުމަށާ، ކަޅުފައިސާ ދޮވުމުގެ އަމަލުތައް ހުއްޓުވުމަށް ޕާކިސްތާނުން އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާތީ، މިކަމަށް ދެކޮޅަށް މަސައްކަތްކުރާ އޭޝިއާ ޕެސިފިކް ގައުމުތަކުގެ ސަރުކާރުތަކުގެ ގުޅިފައިވާ އިއްތިހާދު އޭޝިއާ ޕެސިފިކް ގްރޫޕް (އޭޕީޖީ) ގްރޫޕް އޮން މަނީ ލޯންޑަރިންގްއިން ޕާކިސްތާނު ބްލެކްލިސްޓުކުރުން އެކަށީގެންވާކަމުގެ އިޝާރާތެއް ލިބިއްޖެއެވެ.

ފައިނޭންޝަލް އެކްޝަން ޓާސްކް ފޯސްގެ އޭޝިއާ ގްރޫޕް ނުވަތަ އޭޝިއާ ޕެސިފިކް ގްރޫޕް (އޭޕީޖީ) ގްރޫޕް އޮން މަނީ ލޯންޑަރިންގްއިން ޕާކިސްތާނު ވިލަރެސް ކުރި 11 ދާއިރާއެއްގެ ތެރެއިން 10 ކަމެއްގައި ޕާކިސްތާނު ފެއިލް ވެފައިވާކަމަށް ޚަބަރު ލިބެއެވެ.

އޮސްޓްރޭލިއާގެ ކެންބަރާގައި މިހާރު ކުރިއަށްދާ އޭޕީޖީގެ އަހަރަކީ ޖަލްސާގައި ޕާކިސްތާނުގެ މަސްރަހު މުރާޖައާ ކުރަމުންދާއިރު، މިކަމުގައި އެ ގުރޫޕުން ނިންމާ އެންމެ ފަހުގެ ނިންމުން މިއަދުގެ ވަގުތެއްގައި އިއުލާންކުރުމަށްވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުންތަކުގައި ޕާކިސްތާނުގެ ދިފާއަށް ވަކާލާތު ކުރަމުންދާ 10 މެމްބަރުންގެ ގުރޫޕުގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރައްވަނީ ޕާކިސްތާނުގެ ދައުލަތުގެ ބޭންކުގެ ގަވަރުނަރު ރިޒާ ބާޤިރެވެ.

މިކަމުގައި އޭޕީޖީއިން ބަލަމުންދާ ރިޕޯޓަކީ، ޕާކިސްތާނުން ހޯދާފައިވާ ކުރިއެރުންތަކަށް ރިއާޔަތްކޮށްފައި ނުވާ ރިޕޯޓެއް ކަމަށް ޕާކިސްތާނުގެ މާލީ ވުޒާރާރިން ދަނީ ބުނަމުންނެވެ.

އޭޕީޖީގެ މައި ޖަމިއްޔާ ފައިނޭންޝަލް އެކްޝަން ޓާސްކް ފޯސްގެ ބައްދަލުވުން އޮކްޓޯބަރު މަހަށް ތާވަލުކޮށްފައިވާއިރު، ބައެއް ކަންކަން އިސްލާހުކޮށް ސަލާމަތް ހޯދުމަށް ޕާކިސްތާނަށް ކުޑަ މުހުލަތެއް އެބައޮތެވެ. މި ބައްދަލުވުމުގައި ޕާކިސްތާނުގެ ކޮޅަށް ވަކާލާތު ކުރާނެ ކަމަށް ބެލެވޭ ގައުމުތަކުގެ ތެރޭގައި ތުރުކީވިލާތާ ސައުދީ އަރަބިއްޔާގެ އިތުރުން ބައިނަލްއަގުވާމީ ފެންވަރުގެ ގިނަ ކަންކަމުގައި ޕާކިސްތާނަށް ބޮޑު އެއްބާރުލުމެއް ދެމުންދާ ޗައިނާވެސް ހިމެނެއެވެ.