ދުނިޔޭގައި މިވަގުތު އޮތް އެންމެ ބިޔަ އަދި ގުދުރަތީ ދިރުންތަކުގެ މުއްސަނދިކަން އިންތިހާއަށް ލިބިފައިވާ ބްރޭޒިލްގެ އެމޭޒަން ޖަންގަލީގެ އެކި ހިސާބުތަކުގައި ރެކޯޑް މިންވަރަކަށް ރޯވަމުންދާ އަލިފާންގަނޑުތަކުގެ ކާރިސާއަކީ ބައިނަލްއަގުވާމީ ފެންވަރުގެ ކާރިސާއެއް ކަމަށް ފަރަންސޭސިވިލާތުގެ ރައީސް އިމެނުއަލް މެކަޣޯން ވިދާޅުވެއްޖެއެވެ.

އިގުތިސޯދީ ގޮތުން އެންމެ ކުރިއަރާފައިވާ 7 ގައުމު (ޖީ-7)ގެ ސަމިޓް ފެއްޓެވުމުގެ ކުރިން ކުރެއްވި ޓްވީޓެއްގައި މެކަޣޯން ވިދާޅުވީ ރޯވަމުން އެދަނީ "އަމިއްލަ ގެދޮރުގައި" ކަމަށެވެ.

މެކަޣޯންގެ ވާހަކަފުޅަށް ބްރެޒީލްގެ ރައީސް ޖެއީރު ބޮލްސޮނާރޯ ވަނީ ވަރުގަދަ ރައްދެއް ދެއްވާފައެވެ. އެގޮތުން މެކަޣޯން އެ ގެންދަވަނީ ހާދިސާއިން ސިޔާސީ ފައިދާތަކެއް ނަންގަވަމުން ކަމަށް ބޮލްސޮނާރޯ ވަނީ ސިފަކުރައްވާފައެވެ.

ޖީ-7ގެ ސަމިޓްގެ އެޖެންޑާގައި އެމޭޒަން ޖަންގަލީގައި ރޯވުމުގެ ކާރިސާ ހިމަނާ އެކަމާ މަޝްވަރާ ކުރަންޖެހޭކަމަށް މެކަޣޯން ވިދާޅުވެފައިވާއިރު، އެ މިސަމިޓެއްގެ ހާޒިރީގައި ބްރެޒީލް ނުހިމެނޭ ސަމިޓެއްގައި، ބްރެޒީލްގެ ކަމަކާ ބެހޭ ގޮތުން މަޝްވަރާކުރަން ނިންމުމަކީ، އިސްތިއުމާރީ އަޅުވެތި ކަމުގެ ފިކުރުގެ މިސާލެއް ކަމަށްވެސް ބޮލްސޮނާރޯ ވަނީ ސިފަކުރައްވާފައެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޭސް ރިސާޗްއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރަކީ ބްރެޒީލްގެ ޖަންގަލިތަކަކުގައި ރޯކުރި މިންވަރު 85 ޕަސެންޓް އިތުރުވެފައިވާ އަހަރެކެވެ. މީގެ ބޮޑު ބައެއް ހިއްސާކުރަނީ އެމޭޒަން ޖަންގަލި ސަރަހައްދުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އެމޭޒަން ޖަންގަލީގައި ރޯވަމުންދާ އަލިފާންގަނޑުތަކުގެ ޒިންމާ، ތިމާވެށި ހިމާޔަތްކުރާ ފަރާތްތަކުން އަޅުވަނީ ބޮލްސޮނާރޯގެ ސަރުކާރުގައެވެ. އެހެނީ، އެ ސަރުކާރަކީ ޖަންގަލިތަކުގެ ހުޅުޖަހައިގެން ދަނޑުވެރިކަމަށް ބިން ސާފުކުރުމަށް ހިތްވަރުދޭ ސަރުކާރެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ސަރުކާރަކަށްވާކަމެވެ. މިއީ ބްރެޒީލްގެ އަމިއްލަ ކަމެއް ކަމަށާ، މިކަމާ އެހެން ގައުމުތަކާ ޖަމިއްޔާތަކުން ނުބެހުމަށްވެސް ބޮލްސޮނާރޯ ވަނީ ގޮވާލައްވާފައެވެ.