އަންހެނުުން ޝަރުއީ ކޯޓުތަކުގެ އެއްވެސް މަރުހަލާއެއްގައި ގާޒީކަމަށް އައްޔަން ކުުރުމަކީ އިސްލާމީ ޝަރީއަތާ ހިލާފު ކަމެއް ކަމަށް ޝެއިހް އަލީ ޒައިިދު ވިދާޅުވެއްޖެ އެވެ.
ޝެއިހް އަލީ ޒައިދު މިގޮތަށް ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޑރ. އަޒްމިރަލްދާ ޒާހިރު އަދި އައިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރުމާ މެދު ޖޭއެސްސީގެ ލަފަޔަކަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހްް މިއަދު އެދިވަޑައިގަތުމާ ގުޅިގެންނެވެ. މިކަމާ ގުޅިގެން ޒައިދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، އަންހެނުުން ޝަރުއީ ކޯޓުތަކުގެ އެއްވެސް މަރުހަލާއެއްގައި ގާޒީކަމަށް އައްޔަން ކުުރުމަކީ އިސްލާމީ ޝަރީއަތާ ހިލާފު ކަމެއް ކަމަށާ އަދި އެއީ އުސޫލުތަކާއި ހަމަތަކާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށެވެ.
މިކަމާއި ގުޅިގެން ޒައިދު ވަނީ އޭނާގެ ޓްވީޓާގައި، އެކަމުގައި އޮންނަ ގޮތް ހިއްސާ ކުރައްވައިފައެވެ. އެގޮތުން އެ އޭނާ ވިދާޅުވެފައި ވަނީ އަންހެނުން ގާޒީ ކަމަށް އިސް ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ގިނަ ޖުމްހޫރު ދަންނަ ބޭކަލުން ބުރަވާ ކަމަށެވެ. އޭގެތެރޭގައި ހަތަރު މަޒްހަބުގެ ކުރީގެ ދަންނަ ބޭކަލުންނާއި ފަހުގެ ދަންނަ ބޭކަލުންވެސް ހިމެނިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވެއެވެ.
ޒައިދު ވަނީ ދީނުގައި ހުރި ބައެއް ދަލީލުތައްވެސް ޓްވިޓާގައި އާންމު ކުރެއްވި ލިޔުމުގައި ހިމަނުއްވާފައެވެ. އެގޮތުން ނަބިއްޔާއާއި ހަތަރު ހަލީފާއިންގެ ޒަމާނުގައިވެސް ދުވަހަކުވެސް އަންހެނަކު ގައުމެއްގެ ވެރިއަކަށް އަދި ގާޒީ ކަމަކަށް އައްޔަން ކޮށްފައި ނުވާ ކަމަށް ވިދާޅުވެފައި ވެއެވެ. އަދި އެކަމަކީ ކުރެވޭނެ ކަމެއް ކަމަށް ވަނީ ނަމަ އެކަން އެބޭކަލުން ކުރެއްވީސް ކަމަށްވެސް ވިދާޅު ވެއެވެ.
ޒައިދުގެ މި ޓްވީޓުގައި މިސްރުގެ އަޒްހަރު ޔުނިވާސިޓީގެ ފަތުވާއާ ބެހޭ ލަޖްނާއިން ނެރެފައިވާ ފަތުވާވެސް ވަނީ ހިމަނުއްވާފައެވެ. އެ ފަތުވާގައި އަންހެނުންނަށް ގާޒީކަން ނުކުރެވޭނެ ކަމަށާ އެކަމަކީ އެމީހުންނަށް ހުއްދަ ނުވާ ކަމެއް ކަމަށް ބަޔާން ކޮށްފައި ވާއިރު އެ ފަތުވާ ނެރެފައި ވަނީ ނަބިއްޔާގެ ހަދީޘް ބަސްފުޅަށް ރިއާޔަތް ކޮށް ކަމަށްވެސް ބަޔާން ކުރައްވާފައި ވެއެވެ.
ޒައިދުގެ މި ޓްވީޓަށް ތާއީދު ކުރައްވާ ޑރ އިޔާޒުވެސް ވަނީ ޝުއޫރު ފާޅުކުރައްވާފައެވެ.
އަލީ ޒައިދު މިފަދައިން ޓްވީޓު ކުރައްވާފައި މިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަގާމަށް ޑރ. އަޒްމިރަލްޑާ ޒާހިރާއި އަލްއުސްތާޒާ އައިޝާ ޝުޖޫން އައްޔަން ކުރުމާއި ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފަޔަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެދިވަޑައިގެންފައި ވަނިކޮށެވެ.