އެހީގެ ގޮތުގައި ގައުމުތަކުން ފޯރުކޮށްދޭން ވައުދުވި ފައިސާ އަމަލީ ގޮތުން ފޯރުކޮށްދީފައި ނުވުމުގެ ސަބަބުން މާލީ ހީނަރުކަން ކުރިމަތިވެ، ޔަމަނުގައި އެ އިދާރާއިން ހިންގަމުންދިޔަ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ބައެއް މަރުކަޒުތައް ބަންދުކުރަންޖެހިފައިވާކަމަށް ޔަމަނަށް ކަނޑައަޅާފައި ހުންނަވާ އދގެ އިންސާނީ އެހީގެ ކޯޑިނޭޓަރު ލިޒީ ގްރާންޑޭ ވިދާޅުވެއްޖެއެވެ.

ޔަމަނަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މިއަހަރުގެ ފެބުރުވަރީ މަހު ކުރިއަށް ގެންދިޔަ ހާއްސަ އިވެންޓެއްގައި، އެހީގެ ގޮތުގައި 2.6 ބިލިއަން ޑޮލަރު ފޯރުކޮށްދިނުމަށް ގައުމުތަކުން ވައުދުވި ކަމަށާ، މި ފައިސާއަކީ، 20 މިލިއަނެއްހާ މީހުންގެ ޒަރޫރީ ބޭނުންތަކަށް މިހާރުން މިހާރަށް ބޭނުންވާ ފައިސާއަށް ވީ ކަމުގައި ވީ ނަމަވެސް، މިހާތަނަށް ލިބިފައިވަނީ މީގެ ދެބައިކުޅަ އެއްބަޔަށްވުރެވެސް މަދު ފައިސާކަން އދއިން ފާހަގަކުރެއެވެ.

އިންސާނީ އެހީދޭ މަޝްރޫއުތަކުގެ ގޮތުގައި އދއިން 34 މަޝްރޫއެއް ޔަމަނުގައި ހިންގަމުންދިޔަ ނަމަވެސް، މިއަހަރުގެ ނިޔަލަށް ފަންޑު ހަމަޖެހިފައިވަނީ މީގެ ތެރެއިން އެންމެ 3 މަޝްރޫއަށް ކަމަށް އދއިން ބުނެއެވެ. ބައެއް މަޝްރޫއުތައް ފައިސާ ނެތިގެން ހުއްޓާލާފައިވާއިރު، އަނެއް ބައި މަޝްރޫއުތައް އަދި ހުރީ ނުވެސް ފެށިކަމަށް އދއިން ބުނެއެވެ.

މަސްރަހު އޮތް ގޮތުން ލަދު ގަންނަ ކަމަށާ، ހާލުގައި ޖެހިފައިވާ ޔަމަނުގެ އާއިލާތަކަށް ސީދާ ބަލަހައްޓައިގެން ހުރެ، އެމީހުންނަށް އެހީވެދޭނެ ފައިސާ އަތުގައި ނެތް ކަމަށް ބުނަންޖެހުމަކީ ހިތްކުދިކުދި ވެގެންދާ ފަދަ ކަމެއް ކަމަށްވެސް އދގެ އޮފިޝަލު ވަނީ ސިފަކުރައްވާފައެވެ.

5 އަހަރު ފުރެންދާ ޔަމަނު ހަނގުރާމައިގެ ސަބަބުން ކުށެއް ނެތް އެތައް މިލިއަން އާންމުންނެއް ވަނީ ހަނގުރާމައިގެ ޝިކާރައަކަށްވެފައެވެ. ތުއްތު ކުދިންގެ ޖީލުތައް ދަނީ ނަފްސާނީ ގޮތުންނާ ޖިސްމާނީ ގޮތުން ހަލާކުވެ، ހަރުދަނާ ތައުލީމަކުން މަހްރޫމުވަމުންނެވެ. ޔަމަނުގެ ހަނގުރާމައިގެ ސަބަބުން އުފެދިފައިވާ އިންސާނީ ކާރިސާއަކީ ފަހުގެ ތާރީހެއްގައި ދުނިޔެ ދުށް އެންމެ ހިތްދަތި އަދި އެންމެ ބޮޑު އިންސާނީ ކާރިސާއެވެ.