ބަންގްލަދޭޝްގެ ކޮކްސް ބާޒާރު ސަރަހައްދުގެ ހަނި ގޯޅިތަކުގެ ހަތަރު އަނގަޅިއަށް ހުއްޓި ބަލާލި ކޮންމެ ދިމާލަކުންވެސް ފެންނަނީ އޮނުން ޖަހާފައިވާ ޖިފުޓިތަކެކެވެ. ލޮލުކޮޅަށް މަންޒަރު އޮބާލަންދެކަށްވެސް މިނޫން އެއްޗެއް ނުފެނެއެވެ. ކުދި ފަރުބަދަތަކެއް ހުންނަ މި ސަރަހައްދުގެ އެކި ދިމާލުން ފެންނަނީ، އެހީދޭ ކޮންމެވެސް ޖަމިއްޔާއެއްގެ ދިދައެއް ވައިގެ ތެރޭގައި ވިހުރެމުންދާ މަންޒަރެވެ.

މައި މަގަށް ބަލާއިރު ފެންނަނީ އޮރެންޖު ޖުލައިގެ ހަންބުރި ތަކެއް ހިފައިގެން ސަފަކަށް އެތުރެމުންދާ ޅަ އުމުރުގެ ފިރިހެން ކުދިންނެވެ. އެއީ އެ ދުވަހުގެ ކެއްކުމަށް ބޭނުންވާ ތެޔޮ ހޯދުމަށް ދަމާލާފައިވާ ސަފުތަކެކެވެ. ހަރު އުމުރުގެ ފިރިހެން ވެރިން އުފުލަނީ ހުދު ބަސްތާތަކެކެވެ. އެ ބަސްތާތަކުގައި ހުރީ އެމީހުންގެ އާއިލާތަކަށްވީ ހަނޑުލެވެ.

މާ ދުރު ނޫން ހިސާބަކުން ސްކޫލެއް ފެންނަން ހުއްޓެވެ. ވިނަގަނޑު ތެރޭގައި އަޅާފައި ހުރި އެ ސްކޫލް އޮތީ ފަޅަށޭވެސް ދެންނެވިދާނެއެވެ. ދެތިން ކުއްޖަކު ފެނުނުއިރު ގަމީހެއްހާ ހިސާބުވެސް ލާފައި ނެތެވެ. ސްކޫލްތެރޭގައި ޓީޗަރެއްގެ ހިލަމެއް ނެތެވެ. ތައުލީމަށް ބޭނުންވާ ވަސީލަތެއް ނެތެވެ. ފެނުނު ހާވެސް އެއްޗަކީ ގެރި ބަކަރިތަކެކެވެ.

"މިޔަންމާއާއި އަޅާ ބަލާއިރު ބަންގްލަދޭޝް ވަރެއް ހަމަ ނެތް. އެކަމަކު، މިއީ އިންސާނަކު އުޅެން ހެޔޮވާވަރުގެ ތަނެއް ނޫން" މިތުން (އަސްލު ނަމެއް ނޫން) ބުންޏެވެ. މިތުންއަކީ، މިޔަންމާގެ އަސްކަރިއްޔާއިން ރޯހިންޏާ ދަރިކޮޅާ ދެކޮޅަށް މިޔަންމާގައި ހިންގި ގަތުލުއާންމުން ސަލާމަތްވުމަށް ބަންގްލަދޭޝްއަށް އެތެރެވި ރެފިއުޖީއެކެވެ.

މިޔަންމާ އަސްކަރިއްޔާގެ އަތްދަށުން ސަލާމަތްވުމަށްޓަކައި 7 ލައްކައަށްވުރެ ގިނަ މީހުން ރެފިއުޖީންގެ ގޮތުގައި ބަންގްލަދޭޝްއަށް އެތެރެވެ، އެތަނުގައި ވަގުތީ ވަޒަންވެރިންގެ ގޮތުގައި ދިރިއުޅެމުންދާތާ 2 އަހަރު ފުރުނީއެވެ. ބަންގްލަދޭޝްއާއި މިޔަންމާ ހިއްސާކުރާ ބޯޑަރު ސަރަހައްދުގައި އޮތް ރެފިއުޖީ ކޭމްޕަކީ، ދުނިޔޭގެ އެކި ހިސާބުތަކުގައި ހުރި ރެފިއުޖީ ކޭމްޕްތަކާ އަޅާ ބަލާއިރު އެންމެ ބޮޑަށް ތޮއްޖެހިފައިވާ ކޭމްޕެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާ ފޯޓިފައި ރައިޓްސްއަށް މަސައްކަތްކޮށްދެމުން އަންނަ ޖޯން ކުއިންލީ 3 ބުނި ގޮތުގައި، ކޮންމެ ދުވަހަކީވެސް ރޯހިންޏާ ދަރިކޮޅުގެ މީހުންނަށް ތަކުލީފުތަކުން ފުރިގެންވި ދުވަހެކެވެ.

"ކުރިއަށް އޮތް 5 ވަރަކަށް އަހަރު ތެރޭވެސް އަމިއްލަ ވަޒަނަކަށް ދެވޭނެ ހެނެއް ހިއެއް ނުވޭ. އެހެންވެ، ގިނަ ދުވަހު މިތަނުގައި ވަޒަންވެރިވެ ހުންނަން ވިސްނައިގެން މި ހުންނަނީ" މިތުން ބުނެލިއެވެ.

ބަންގްލަދޭޝްގެ ކޮކްސް ބާޒާރު ސަރަހައްދުގައި ދިރިއުޅެމުންދާ ރޯހިންޏާ ދަރިކޮޅުގެ ރެފިއުޖީން/ފޮޓޯ: މުޙައްމަދު ހުސައިން

ރޯހިންޏާ ދަރިކޮޅުގެ ރެފިއުޖީ ޖީލު ބޮޑުވަމުން ދަނީ އިލްމުން މަހްރޫމުވެފައިވާ ހާލުގައެވެ. ބަންގްލަދޭޝްގެ ތައުލީމީ މަންހަޖުގެ އިތުރުން މިޔަންމާގެ މަންހަޖަށް ކޭމްޕުތަކުގައި ކިޔަވާދިނުމުގެ ހުއްދައެއް ނެތެވެ. މިއާއެކު 683000 އަށްވުރެ ގިނަ ކުޑަކުދިންވަނީ ތައުލީމުން މަހްރޫމުކުރެވިފައެވެ.

"ކުދިންނަށް ސްކޫލަށް ދެވެންޖެހޭނެ. އެކަމަކު މިތާނުގައި އެކަމެއް ނެތް. މާ ގިނަ ދުވަހު މިހެން ތިބެންވެއްޖެނަމަ އެކުދިން ސްކޫލަށް ފޮނުވަން ވަރަށް އުނދަގުވާނެ. އެކުދިން ސްކޫލަށް ދާ ހިތެއްވެސް ނުވާނެ. ޖީލެއް ގެއްލިދާނެ" މިތުން، އޭނާގެ ކަންބޮޑުވުންތައް ފާޅުކުރަމުންދިޔައެވެ.

ދެން އޮތީ ސަލާމަތާ ރައްކާތެރިކަމުގެ ވާހަކައެވެ. ކޭމްޕު ވަށައިގެންވާ ސަރަހައްދުގައި ސަލާމަތީ ފިޔަވަޅުތައް ކިތަންމެހާވެސް ވަރުގަދައެވެ. ނަމަވެސް ކޭމްޕުތެރޭގައި އެކަމެއް ނެތެވެ. ރޭގަނޑުގެ ވަގުތުތައް ހޭދަކުރަނީ ކަނު އަނދިރީގައެވެ. ކަރަންޓްގެ ހިދުމަތް ނެތުމުންނެވެ. ނަތީޖާއަކަށްވަނީ އިންސާނީ ވަގުފާރީގެ ޝިކާރައަކަށް އަންހެނުންނާ ކުޑަކުދިން ވެގެން ދިއުމެވެ. މިކަމަށް މަގުފަހިކޮށްދިނުމުގައި ބަންގްލަދޭޝްގެ ސެކިއުރިޓީ ގާޑުންގެ އަތެއް ވާކަމަށްވެސް ތުހުމަތުތަކެއް ކުރެވެއެވެ. ކޭމްޕު ވަށާ ފެންސް ޖެހުމަށް ބަންގްލަދޭޝްގެ ސަރުކާރުން ވިސްނާފައިވާއިރު، މިއީ ސަލާމަތީ ގޮތުން ބަލާއިރު އިތުރު ނުރައްކަލެއް ކަމުގައި ރޯހިންޏާ ރެފިއުޖީން ސިފަކުރެއެވެ.

ޝަރުއީ ހައްގުތަކުންވެސް ރެފިއުޖީން ދަނީ މަހްރޫމުވަމުންނެވެ. ހާދިސާއެއް ހިނގައިފިނަމަ ޝަރުއީ އެހީތެރިކަން ހޯދޭނެ ފަސޭހަ މަގެއް ނޯވެއެވެ. ކޭމްޕުގައި ކަމެއް ހިނގައިފިނަމަ ރިޕޯޓްކުރަންޖެހޭނީ ކޭމްޕު ބަލަހައްޓަން ހަވާލުކޮށްފަތި ތިބޭ ބަންގްލަދޭޝް ސަރުކާރުގެ މުވަޒަފުންނަށެވެ. އެމީހުންނަކީ ބަންގްލަދޭޝްގެ އަސްކަރިއްޔާއާއިއެކުގައި މަސައްކަތްކުރާ ބައެއްކަމަށް ބުނާއިރު، ގިނަ މައްސަލަތަކަށް ކުރި ލިބޭ ގޮތް ނުވާކަމުގެ ޝަކުވާ ރެފިއުޖީން އުފުލައެވެ.

ބަންގްލަދޭޝްގެ ކޮކްސް ބާޒާރު ސަރަހައްދުގައި ދިރިއުޅެމުންދާ ރޯހިންޏާ ދަރިކޮޅުގެ ރެފިއުޖީން/ފޮޓޯ: މުޙައްމަދު ހުސައިން

2017 ވަނަ އަހަރުގެ އޯގަސްޓް މަހު ބަންގްލަދޭޝްއަށް އެތެރެވި 7 ލައްކައެއްހާ ރެފިއުޖީންގެ އިތުރުން، އޭގެ ކުރިން ބަންގްލަދޭޝްއަށް އެތެރެވި މިޔަންމާގެ 2 ލައްކާއެއްހާ ރެފިއުޖީންވެސް އަދި ތިބި ބަންގްލަދޭޝްގައެވެ. ބަންގްލަދޭޝްގައި ތިބި މިޔަންމާގެ ރެފިއުޖީންގެ ޖުމުލަ އަދަދު 1.2 މިލިއަނަށް އަރާއިރު، ބައިނަލްއަގުވާމީ އެހީތެރިކަމަށް ބަންގްލަދޭޝް އޮތީ ބޭނުންވެފައެވެ. މިހުރިހާ އެންމެންގެ ތެރެއިން މިޔަންމާއަށް އެތެރެވޭވެނަކަމުގެ ހުއްދަ ލިބިފައިވަނީ 3450 މީހަކަށެވެ. އެމީހުންނަށްވެސް ދީފައިވަނީ ރަށްވެހިކަމެއް ނޫނެވެ. ކާކުކަން އަންގައިދޭ ކާޑުތަކެކެވެ. މިއާއެކު ރޯހިންޏާ ދަރިކޮޅުގެ ރެފިއުޖީން އަދިވެސް ތިބީ އަމިއްލަ ވަޒަނެއް ނެތިފައެވެ.