ދުނިޔޭގައި މިވަގުތު އޮތް އެންމެ ބިޔަ އަދި ގުދުރަތީ ދިރުންތަކުގެ މުއްސަނދިކަން އިންތިހާއަށް ލިބިފައިވާ ބްރޭޒިލްގެ އެމޭޒަން ޖަންގަލީގައި އަލިފާންގަނޑުތައް ރޯކޮށްފައިވަނީ، އެގައުމުގައި މަސައްކަތްކުރާ ސަރުކާރު ހިއްސާނުވާ އަމިއްލަ ޖަމާއަތް (އެންޖީއޯ)ތަކުން ކަމަށާ، އެ ޖަމާއަތްތަކުން އެކަން ކޮށްފައިވަނީ ސަރުކާރުގެ ތަސައްވުރު ކިލަނބު ކުރުމުގެ ނިޔަތުގައި ކަމަށް ވިދާޅުވެ، ބްރެޒީލްގެ ރައީސް ޖެއިރް ބޮލްސޮނާރޯ ކުރެއްވީ ދޮގު ތުހުމަތުތަކެއް ކަމަށް ބްރެޒީލްގެ އެންޖީއޯތަކާ ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރާ ފަރާތްތަކުން ބުނަން ފަށައިފިއެވެ.

ތިމާވެށި ހިމާޔަތްކުރުމުގެ ނަމުގައި ހަރަކާތްތެރިވާ އެކްޓިވިސްޓުންނާ އެންޖީއޯތަކުން ބުނާ ގޮތުގައި ސަރުކާރުގެ ތުހުމަތުތަކަކީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ބިޔަ ޖަންގަލީގެ

ދުނިޔޭގައި މިވަގުތު އޮތް އެންމެ ބިޔަ އަދި ގުދުރަތީ ދިރުންތަކުގެ މުއްސަނދިކަން އިންތިހާއަށް ލިބިފައިވާ ބްރޭޒިލްގެ އެމޭޒަން ޖަންގަލީގައި އަލިފާން ރޯވެފައި/ފޮޓޯ: ބްރޫނޯ ކެލީ

ހިމާޔަތާ ރައްކާތެރިކަމަށް ސަރުކާރުން ކުރާ މަސައްކަތްތައް ހަނިކޮށްފައި އޮތް އޮތުން ފޮރުވުމުގެ ގޮތުން ދަމާލި "ދުމުގެ ފަރުދާ"އެކެވެ. އަދި ޖަންގަލީގައި މިހާރު ހަލުވިކަމާއެކު އަލިފާންގަނޑު ފެތުރެމުންދަނީ، ދަނޑުވެރިކަމުގެ ބޭނުމަށް ޖަންގަލީގެ ބައިތައް ސާފުކޮށް ބިންތައް ސާފުކުރަމުންދާތީކަމަށްވެސް އެ ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.

ބޮލްސޮނާރޯއަކީ ދަނޑުވެރިކަމާ މައިންކުރުމުގެ މަސައްކަތަށް ޖަންގަލި ބޭނުން ކުރުމަށް ތާއީދުކުރައްވާ ބޭފުޅެކެވެ. އެކަމާ ކަންބޮޑުވެގެން އެހެން ގައުމުތަކުން ވާހަކަ ދެއްކުމުން، "ނުބެހޭ ކަންކަމާ ނުބެހި، އަމިއްލަ ކަންކަމާ ބެހުމަށް" ބޮލްސޮނާރޯ ވަނީ އެ ގައުމުތަކަށް ދަންނަވާފައެވެ.

ބޮލްސޮނާރޯ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، ޖަންގަލީގައި ރޯކުރަމުންދަނީ އެންޖީއޯތަކުން ކަމަށާ، އެ ޖަމާއަތްތަކުން އެކަންކުރަނީ އެންޖީއޯތަކަށް ދެމުންދިޔަ މާލީ އެހީ ކަނޑާލުމުން، ފައިސާ ހުސްވެގެން ކަމަށެވެ. ޖަންގަލީގައި ރޯވަމުންދާ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ނުވާކަމަށް ބުނެ އަމާޒުކުރަމުންދާ ފާޑުކިއުންތަކަށްވެސް ބޮލްސޮނާރޯ ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން މިއީ ދަނޑުވެރިކަމަށްޓަކައި ދަނޑުވެރިން ބިން ސާފުކުރުމުގެ ގޮތުން ހުޅުޖަހާ ދުވަސްވަރު ކަމަށް ވިދާޅުވެ، ބޮލްސޮނާރޯ ވަނީ ދިފާއަށް ކުޅުއްވާފައެވެ.

މިއީ ތާރީހަށް ބަލާއިރުވެސް އެމޭޒަންޖަންގަލީގައިވެސް މިހާ ބޮޑު އަލިފާންގަނޑެއް ކޮންޓްރޯލް ނުކުރެވި، ފެތުރެމުންދާ ފުރަތަމަ ފަހަރެވެ.