ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ސެކިއުރިޓީ ވަރުގަދަ ކޮށް، ފާސްކުރުން ކުރިއަށް ދާ ކަން އިތުބާރު ހުރި ފަރާތަކުން 'ދަ ޕްރެސް' އަށް އެނގިއްޖެއެވެ.

ރާއްޖޭގެ މައި ވައިގެ ބަނދަރުގައި ސެކިއުރިޓީ ވަރުގަދަ ކުރީ ކޮން ސަބަބަކާ ހުރެކަން ސާފު ނުވި ނަމަވެސް މައުލޫމާތު ލިބިފައި ވަނީ ސެކިއުރިޓީ ވަރުގަދަ ކޮށް ބަލާ ފާސް ކުރަމުން ދާ ކަމަށެވެ. އޭގެ ތެރޭގައި ދަތުރުފެރިންގެ ލަގޭޖުވެސް ހިމެނޭ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދިން ފަރާތުން ބުނީ އެއާޕޯޓުގައި ސެކިއުރިޓީ ވަރުގަދަ ކޮށް ފާސް ކުރުމުގެ މަސައްކަތް ހިނގާތާ ދެދުވަހެއް ވެއްޖެ ކަމަށާ މާ ހާއްސަ ކަމެއް ފާހަގަ ނުކުރެވޭ ކަމަށެވެ. އަދި އެއާޕޯޓުގެ އާންމު ހާލަތުވެސް ރަނގަޅުކަމަށް މައުލޫމާތު ދިން ފަރާތުން ވަނީ ބުނެފައެވެ. އަދި ފާސްކުރުމުގެ ކަންކަމުގައި ހަރަކާތްތެރިވަނީ ފުލުހުން ކަމަށާ އެއާޕޯޓުގެ އެއްވެސް ހިދުމަތަކަށް ބުރޫ އަރާފައި ނުވާކަމަށްވެސް މައުލޫމާތު ދިން ފަރާތުން ވަނީ ބުނެފައެވެ.

އޭނާ އިތުރަށް ބުނީ އިތުރު ކަމަކަށް ފާހަގަ ކުރެވެނީ ހުޅުލެއާ ގުޅޭ ބުރިޖު ކޮޅުގައި ފުލުހުންގެ ޗެކްޕޮއިންޓެއް ގާއިމުކޮށްފައި ހުރިކަން އެކަނި ކަމަށެވެ.

އެއާޕޯޓު އެލާޓު ކުރީ ގޮވާ އެއްޗެއް ފެނިގެން ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކުރިނަމަވެސް، ސަލާމަތީ ބާރުތަކުން އެފަދަ އެއްވެސް ކަމެއް ޔަގީން ކޮށްދީފައި ނުވާ އިރު، ފެތުރެމުންދާ ހަބަރުތަކަށް ޖަވާބު ނުދީ ހަނު ތިބިކަންވެސް ފާހަގަ ކުރަމެވެ.