އޯގަސްޓް މަހުގެ 22 ވަނަ ދުވަހުން ފެށިގެން މިޔަންމާއަށް އެތެރެވެވޭނެ ކަމަށް އެގައުމުން ހުއްދަ ދީފައިވާ 3000 އެއްހާ ރެފިއުޖީންގެ ތެރެއިން، މިޔަންމާއަށް އެނބުރިދާން ބޭނުންވަނީ ކޮންކޮން ބައެއްތޯ ބެލުމަށް ރެފިއުޖީންނާ ބެހޭ އދގެ އިދާރާއާއި ބަންގްލަދޭޝް ގުޅިގެން ހާއްސަ ސާވޭއެއް ފަށައިފިއެވެ.

މިޔަންމާގެ ރާހީން ސްޓޭޓްގައި ދިރިއުޅެމުންދިޔަ ރޯހިންޏާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން 2017 ވަނަ އަހަރުގެ އޯގަސްޓް މަހު ހިންގި ޖަރީމާތަކާ ގުޅިގެން 700000އަށްވުރެ ގިނަ މީހުން ރެފިއުޖީންގެ ގޮތުގައި ދިރިއުޅެމުން ދަނީ ބަންގްލަދޭޝްގައެވެ. އޭރުވެސް މިޔަންމާގެ 200000 އެއްހާ ރެފިއުޖީން ބަންގްލަދޭޝްގައި ތިއްބެވި.

ބަންގްލަދޭޝްގައި ތިބި ރެފިއުޖީންގެ ތެރެއިން 3450 ރެފިއުޖީއަކަށް އަނބުރާ މިޔަންމާއަށް ވަދެވޭނެކަމަށް މިޔަންމާއިން ބުނެފައިވާއިރު، މިމީހުން އަނބުރާ މިޔަންމާއަށް ފޮނުވާލާނީ އެމީހުންގެ އަމިއްލަ ރުހުމުގައި ކަމަށާ، އެއްވެސް މަޖުބޫރުކަމެއް އެކަމުގައި ނުއޮންނާނެ ކަމަށް ބަންގްލަދޭޝްއިން ވަނީ ބުނެފައެވެ.

މިޔަންމާއަށް ދާން ހުއްދަ ލިބުނު ރެފިއުޖީންގެ ތެރެއިން އަމިއްލަ އިހުތިޔާރުގައި މިޔަންމާއަށް އެނބުރިދާން ބުނާ ރެފިއުޖީންނާ ސިއްރު އިންޓަވިއުތަކެއްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ޚަބަރު ލިބެއެވެ. އެއީ އެމީހުންގެ ނިންމުމަކީ އެއްވެސް މަޖުބޫރުކަމެއް ނެތި، އަމިއްލަ އިހުތިޔާރުގައި ނިންމި ނިންމުމެއްތޯ ބެލުމަށް ކުރިއަށް ގެންދާ ހާއްސަ އިންޓަވިއުތަކެއް ކަމަށް މައުލޫމާތު ލިބެއެވެ.

ބަންގްލަދޭޝްގައި ތިބި ރޯހިންޏާ ރެފިއުޖީން އަނބުރާ މިޔަންމާއަށް ބަދަލު ކުރުމުގެ މަސައްކަތް ބުރާސްފަތި ދުވަހު ފަށާއިރު، އެކަމަށް ބޭނުންވާ ހުރިހާ ކަމެއް މިހާރު ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބެއެވެ. ރެފިއުޖީން އަނބުރާ މިޔަންމާއަށް ގެންދިއުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުވެސް ވަނީ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް އެފަހަރުގެ މަސައްކަތްތައް ކާމިޔާބުވެފައި ނުވަނީ، ރެފިއުޖީންގެ އާބާދީއިން އެކަމާ ދެކޮޅު ހެދުމުގެ ސަބަބުންނެވެ.