އެނބުރި ގައުމަށް އައުމަށް މިޔަންމާއިން ހުޅުވާލާފައިވާ ފުރުސަތުގައި، 3000 އެއްހާ ރެފިއުޖީން، މިޔަންމާއަށް ބަދަލުވާން އެއްބަސްވޭތޯ، ރެފިއުޖީންނާ ބެހޭ އދގެ އިދާރާއާ އެކު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ބަންގްލަދޭޝުން ބުނެފިއެވެ.

މިޔަންމާގެ ރާހީން ސްޓޭޓްގައި ދިރިއުޅެމުން ދިޔަ ރޯހިންޏާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން ހިންގި ގަތުލުއާންމާއި ދެމުންދިޔަ ލާއިންސާނީ އަނިޔާތަކުން ސަލާމަތްވުމަށް 2017 ވަނަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން 730000 އަށްވުރެ ގިނަ މީހުން ދަނީ ރެފިއުޖީންގެ ގޮތުގައި ބަންގްލަދޭޝްގައި ދިރިއުޅެމުންނެވެ. އޭރުވެސް މިޔަންމާގެ 2 ލައްކައެއްހާ ރެފިއުޖީން ބަންގާޅުގައި ތިއްބެވެ.

ރެފިއުޖީން އަމިއްލަ ވަޒަނަށް ފޮނުވުމާ ބެހޭ ބަންގްލަދޭޝްގެ ކޮމިޝަނަރު ޢަބްދުލް ކަލާމް ވިދާޅުވީ، ރެފިއުޖީން އަނބުރާ މިޔަންމާއަށް ގެންދިއުމުގެ މަސައްކަތަކީ، ރެފިއުޖީންނާ ބެހޭ އދގެ އިދާރާ (ޔޫއެންއެޗްސީއާރް)އާއި ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ. މިކަމާ ބެހޭ ގޮތުން އދގެ ސަލާމަތީ މަޖިލީހުގައި ހާއްސަ ބައްދަލުވުމެއްވެސް ބުދަ ދުވަހު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިޔަންމާ ސަރުކާރުގެ ތަރުޖަމާނެއް ކަމަށްވާ ޒައު ހަތޭ ވިދާޅުވީ، ބަންގްލަދޭޝްއިން ފޮނުވާފައިވާ 22000 ރެފިއުޖީންގެ ނަން އެކުލެވޭ ލިސްޓުން 3450 މިޔަންމާއަށް އެތެރެވުމަށް މިޔަންމާގެ ސަރުކާރުން ރުހުން ދީފައިވާނެ ކަމަށެވެ. އޯގަސްޓް 22 ވަނަ ދުވަހުން ފެށިގެން އެމީހުންނަށް މިޔަންމާއަށް ވަދެވޭނެ ކަމަށާ، އެމީހުން މިޔަންމާއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 7 ގުރޫޕަކަށް ބަހާލައިގެން ކަމަށްވެސް މިޔަންމާގެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.

ބަންގްލަދޭޝްގެ ކޮމިޝަނަރު ޢަބްދުލް ކަލާމް ވިދާޅުވި ގޮތުގައި ދުވާލެއްގެ މައްޗަށް 300 އެއްހާ ރެފިއުޖީން މިޔަންމާއަށް ބަދަލުކުރުމަށް ވަނީ ރާވާފައެވެ. ރެފިއުޖީން މިޔަންމާއަށް ބަދަލުކުރުމުގެ އިންތިޒާމުތައް އެކަށީގެންވާ ގޮތެއްގައި ހަމަޖެހިފައިވާކަމަށާ، ބުރާސްފަތި ދުވަހު މަސައްކަތް ފެށޭނެ ކަމުގެ ބޮޑު އުއްމީދެއް އެބައޮތްކަމަށްވެސް ޢަބްދުލް ކަލާމް ވަނީ ފާހަގަކުރައްވާފައެވެ.

ރެފިއުޖީން މިޔަންމާއަށް އެނބުރި ދާނީ އަމިއްލަ އިހުތިޔާރުގައި ކަމަށާ، އެއްވެސް މީހަކީ މަޖުބޫރީ ހާލަތުގައި މިޔަންމާއަށް ފޮނުވާލެވޭ މީހެއް ނޫންކަމަށްވެސް ބަންގްލަދޭޝްގެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.