މިދިޔަ ހޮނިހިރު ދުވަހަކީ އެދުވަހެއްގެ އިންތިޒާރުގައި މިރްވައިސް އިލްމީ އެތައް ހުވަފެންތަކެއް ދުށް ދުވަހެކެވެ. އެއީ އޭނާގެ ކައިވެނި ކުރެވުނު ދުވަހެވެ. ހުވަފެނުގައި ހަގީގީ ކުލަޖެހި، ދިރިއުމުގެ ބަގީޗާގައި މާމުއިހަނދުގެ ދުވަސްތަކަށް ނުފެށި އުޅެނިކޮށް އިލްމީގެ ކައިވެނީގެ ވަލީމާގައި ގޮއްވާލި ބޮމާއެކު އޭނާގެ މުޅި ދިރިއުޅުން "ހަފުސް"ވެއްޖެ ކަހަލައެވެ. އޭނާ ބުނާ ގޮތުގައި އެ ހަމަލާއަށްފަހު އޭނާގެ ހުރިހާ އުއްމީދެއް ގެއްލިއްޖެއެވެ.
ކައިވެނީގެ ހަފުލާއަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 60 އަށްވުރެ މައްޗަށް އަރާފައިވާ މި ހަމަލާގެ ޒިންމާ އުފުލާފައިވަނީ ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި އައިސިސް ޖަމާއަތުންނެވެ.
މި ހަމަލާގައި އިލްމީއާއި އޭނާގެ އަނބިމީހާ ސަލާމަތްވި ނަމަވެސް، އޭނާގެ ބޭބެއާއި އާއިލާގެ ގިނަ ބަޔަކު ހިމެނުނީ ބޮމުގެ ހަމަލާގެ ޝިކާރައަކަށްވީ މީހުންގެ ތެރޭގައެވެ.
ވަލީމާ ފެށިގެންދިޔައިރު ހިނިތުންވެ އޭނާގެ ހަޔާތަށް މަރުހަބާ ކިޔަމުންދިޔަ މީހުން ދެން އޭނާއަށް ފެނުނީ ފުރާނަނެތް މަސްގަނޑުތަކެއްގެ ހާލުގައި ވަނިކޮށެވެ. ވަލީމާ ކުރިއަށްދިޔަ ސަރަހައްދުން ނެރެމުންދިޔައީ އެމީހުންގެ ހަށިގަނޑުތަކެވެ.
"އާއިލާއާއި އަންހެނުން އަދިވެސް ތިބީ ޝޮކެއްގަ. އެމީހުންނަކަށް އަދިވެސް ވާހަކައެއް ނުދެއްކޭ. އަންހެނުންވެސް އިރު އިރުކޮޅާ އަނބުރައިގަނޭ"، ވަރަށް ހިތްވަރާއެކު މީޑިއާއާއި ވާހަކަ ދައްކަމުން އިލްމީ ކިޔައިދިނެވެ. އިލްމީގެ އަންހެނުންގެ އާއިލާގެ 14 މެންބަރަކު ވަނީ މި ހަމަލާގައި މި ދުނިޔެއާއި ވަކިވެފައެވެ.
"ހުރިހާ އުއްމީދެއް ގެއްލިއްޖެ. އެއް ލޭ ހިނގާ އަޚުން ގެއްލިއްޖެ. ރަހުމަތްތެރިން ގެއްލިއްޖެ. ގާތް ތިމާގެ މީހުން ގެއްލިއްޖެ. ދިރިއުޅުމުން އުފާވެރިކަންވެސް ގެއްލިއްޖެ." ނަމަވެސް އިލްމީއަށްވެސް އޭނާގެ އިހުސާސްތައް ކޮންޓްރޯލް ކުރެވޭ ގޮތެއް ނުވިއެވެ.
އިލްމީ ބުނި ގޮތުގައި ޖަނާޒާތަކަށް ދާނެ ހިތްވަރެއް މިއަދު އޭނާގެ ގަޔަކު ނެތެވެ. އަދި މިއީ އަފްޣާނިސްތާނުގެ މީހުން ތަހައްމަލުކުރާނެ މިފަދަ ފަހު ހާދިސާ ނޫންކަން އެނގޭކަމަށްވެސް އިލްމީ ބުނެއެވެ.
ހަމަލާގެ ޒިންމާ އުފުލި އައިސިސްއިން އާންމުކުރި ބަޔާނެއް ބުނާ ގޮތުގައި މި ހަމަލާ ދީފައިވަނީ އެއްޗެއް ގޮއްވާލައިގެން މީހަކު އަމިއްލައަށް މަރުވެގެންނެވެ. އަދި އެހެން މީހުންތަކެއްވެގެން، ގޮވާއެއްޗިހި ހަރުކޮށްފައި އޮތް އިތުރު ވެހިކަލެއްވެސް ގޮއްވާލާފައިވާ ކަމަށް އައިސިސްގެ ބަޔާނުގައި ވެއެވެ.
މި ހަމަލާތަކާ ގުޅިގެން އެންމެ ފުރަތަމަ ތުހުމަތުގެ އިނގިލި އަމާޒުކުރެވުނީ ތޯލިބާނުންނަށް ކަމަށްވާއިރު، އަފްޣާނިސްތާނުގެ ފަސްގަނޑުގައި ޓެރަރިސްޓުންނަށް ފަހި ފުރުސަތުތަކެއް ތޯލިބާނުން ފަހިކޮށްދީފައިވާކަމަށް ވިދާޅުވެ އަފްޣާނިސްތާނުގެ ރައީސް އަޝްރަފު ޣަނީ ވަނީ ތޯލިބާނު ހަނގުރާމަވެރިންނަށް ފާޑުވިދާޅުވެފައެވެ.
މިދަނޑިވަޅަކީ އަފްޣާނިސްތާނުގެ މައި ސަރުކާރާ ތޯލިބާނު ޖަމާއަތް ސުލްހަ ކުރުމުގެ ނަމުގައި އެމެރިކާއިން ސުލްހައިގެ މަޝްވަރާތަކެއް ކުރިއަށް ގެންދާ ދަނޑިވަޅެކެވެ.