އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް ސިޓީގެ ދާރުލްއަމާން ސަރަހައްދުގައި މީހަކު އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ހަމަލާއެއްގައި 40 މީހުން މަރުވެ، 100 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ ޒަހަމްތައް ލިބިއްޖެއެވެ.

ހަމަލާ އަމާޒުކޮށްފައިވަނީ ކައިވެނި ހަފުލާއަކަށް ކަމަށް މައުލޫމާތު ލިބެއެވެ.

މިފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން އަފްޣާނިސްތާނުގެ ދާހިލީ ވުޒާރާއިން ކަށަވަރުކޮށްދީފައިވާއިރު، ޚަބަރު ލިބޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ، ރޭ ދަންވަރާ ވުމާ ގާތްވެފައިވަނިކޮށެވެ.

މަންޒަރު ދުށް މީހުން ކިޔައިދިން ގޮތުގައި، ބޮން ގޮއްވާލި މީހާ އެކަން ކޮށްފައިވަނީ، ކައިވެނި ހަފުލާއަށް ގޮސްތިބި މެހެމާނުންގެ ތެރޭގައި ގޮވާތަކެތި ހަރުކުރުމަށްފަހު، އެތަކެތިވެސް ގޮއްވާލައިގެންނެވެ. ފެތުރެމުންދާ ޚަބަރުތަކަށް ބަލާއިރު، ބޮން ގޮއްވާލި ހަފުލާއަށް ދައުވަތު ދީފައިވާ މީހުންގެ އަދަދު، ގާތްގަނޑަކަށް ހާހަކަށް އަރައެވެ.

މިއީ މި ފަހަކަށް އައިސް އަފްޣާނިސްތާނުގައި ދިން މިފަދަ އެންމެ ވަރުގަދަ ހަމަލާގެ ގޮތުގައި ބައިނަލްއަގުވާމީ މީޑިއާއިން ސިފަކުރެއެވެ.

މި ހަމަލާގެ ޒިންމާ "ރަސްމީ" ސިފައެއްގައި އެއްވެސް ފަރާތަކުން އަދި އުފުލާފައި ނުވި ނަމަވެސް، ގިނަ ބަޔަކު އިއްތިފާގުވާ ގޮތުގައި މިއީ ތޯލިބާނުންގެ ކަމެކެވެ.

ބޮމުގެ ވަރުގަދަ ހަމަލާއެއް އަފްޣާނިސްތާނުގައި ދީފައި މިވަނީ، އެގައުމުގެ މިނިވަން ކަމަށް 100 އަހަރުފުމުގެ ތާރީހީ މުނާސަބާއަށް ވަގުތު ކުޑަތަންވެފައިވަނިކޮށެވެ.