ބަންގްލަދޭޝްގައި މާލީ ތަނަވަސްކަން ނެތް ގިނަ ބަޔަކު ދިރިއުޅެމުންދާ ޖިފުޓިތަކެއް ޖަހާފައި ހުންނަ ޗަލަންތިކާ އަވަށްގަނޑުގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގާ، ބައި ލައްކައެއްހާ މީހުންގެ ގެދޮރު ގެއްލިއްޖެއެވެ.

މި ހާދިސާގައި އެއްވެސް މީހެއްގެ ފުރާނަ ގެއްލުނު ކަމަކަށް އަދި ރިޕޯޓްކޮށްފައެއް ނުވެއެވެ. ނަމަވެސް އެކި ކަހަލަ ޒަހަމްތައް ލިބިގެން ރިޕޯޓްކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާގައި 15000 އެއްހާ ގެ ހަލާކުވެފައިވާކަމަށް ޚަބަރު ލިބެއެވެ. މައުލޫމާތު ލިބޭ ގޮތުގައި، ހާދިސާ ހިނގި ސަރަހައްދުގެ ގިނަ ގެތަކުގެ ފުރާޅު އަޅާފައި ހުރީ ޕްލާސްޓިކުންނެވެ. އަލިފާންގަނޑު ހަލުވިކަމާއެކު ފެތުރިގެން ދިއުމަށް އެހީތެރިވި އެއްސަބަބަކީ މިއީ ކަމުގައިވެސް ބުނެވެއެވެ.

ހާދިސާ ހިނގި ވަގުތަކީ، އަޟްޙާ ޢީދުގެ އުފަލުގައި ބައިވެރިވުމަށް، އަވަށްގަނޑުގެ ގިނަ ބަޔަކު، އެހެން ހިސާބުތަކަށް ދަތުރުކޮށްފައިވާ ވަގުތެއްކަމަށް މައުލޫމާތު ލިބެއެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ހޯދިފައި ނުވާއިރު، ކަމާބެހޭ ފަރާތްތަކުން ދަނީ މި ހާދިސާ އިތުރަށް ތަހްގީގު ކުރަމުންނެވެ.

ބަންގްލަދޭޝްގެ ސަރުކާރުންވަނީ، މިހާދިސާގައި ބޯހިޔާވަހިކަން ގެއްލިދިޔަ އެތައް ހާސް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދޭނެކަން ހާމަކޮށްފައެވެ.