ހއ. ކެލާގައި އާދަޔާ ހިލާފު ބާރުމިނެއްގައި ފެތުރެމުން ދިޔަ ހުން ކޮންޓްރޯލުވެ ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު މަދުކަމަށް އެރަށު ސިއްހީ މަރުކަޒުން ބުނެފިއެވެ.

"ދަޕްރެސް" އަށް މައުލޫމާދު ދެއްވަމުން ކެލާ ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓިވް ހެލްތް ސާވިސަސް އިބްރާހިމް ރުޝްދީ ވިދާޅުވީ ހުން އައިސްގެން ހޮޑު ލާތީ އިއްޔެ ދައްކާފައި ވަނީ 25 މީހަކު ކަމަށެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު އެކަނި ވެސް 40 މީހުން ޑޮކްޓަރަށް ދެއްކި ކަމަށެވެ. އަދި އޭގެ ތެރޭގައި ގިނައީ ކުޑަކުދިން ކަމަށާއި، މިހާތަނަށް ސީރިއަސް ކޭސްއެއް ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ރުޝްދީ ވިދާޅުވީ ހުން ޖެހިގެން އަންނަ މީހުންގެ އަދަދު މިހާރު މަދުކަމަށް ފާހަގަ ކުރެވޭ ކަމަށެވެ. އަދި ރަށުގައި ބަލިމީހުން ބަލަމުން ދިޔަ ޑޮކްޓަރު ވެސް ހުންޖެހިގެން އެޑްމިޓް ކޮށްފައިވާ އިރު، ހއ. ދިއްދޫން އެހެން ޑޮކްޓަރެއް ގެނެސްގެން ފަރުވާ ދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރުޝްދީ ވިދާޅުވީ ޑޮކްޓަރު ބަލިވެގެން އެހެން ޑޮކްޓަރެއް ގެނެވެންދެން ބަލި މީހުން ބަލަމުން ދިޔައީ ހެލްތް ވޯކަރުން ކަމަށާ، ދިއްދޫ އިން ޑޮކްޓަރެއް ގެނެސް ފަރުވާގެ ކަންކަން ރެއިން ފަށައިގެން ކުރިއަށް ދާކަމަށެވެ. ރުޝްދީ ވިދާޅުވީ ހުން ފެތުރިފައި ވަނީ އީދު ބަންދަަށް ގިނަ އަދަދެއްގެ މީހުން ރަށަށް އައުމާ ގުޅިގެން ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މި ދުވަސްވަރު ގިނަ އަދަދެއްގެ ބަޔަކު ބަލިވެގެން ޑޮކްޓަރަށް ދެއްކި ނަމަވެސް، އެޑްމިޓްކޮށް ފަރުވާ ދެމުން ދަނީ ދެ މީހުންނަށް ކަމަށް ކެލާ ސިއްހީ މަރުކަޒުން ބުނެއެވެ.

ކެލާގައި އާދަޔާ ހިލާފަށް ހުންޖެހިގެން މީހުން ޑޮޮކްޓަރަށް ދައްކާ އިރު، މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން ފެތުރެމުންދާ ކަމަށް އެޗްޕީއޭއިން ވެސް ވަނީ ބުނެފައެވެ. އަދި ބަލިން ރައްކާތެރިވެ ތިބުމަށް ސަމާލުކަން ދިނުމަށް އެ އެޖެންސީން ވަނީ އިލްތިމާސް ކޮށްފައެވެ.