މިދިޔަ ޖުލައިމަހުން ފެށިގެން ޑައިރިއާ ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ ނިސްބަތް އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

އެ އެޖެންސީން ބުނީ އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރު ވެސް ޑައިރިއާ ޖެހިގެން ރިޕޯޓް ކުރާ މިންވަރު ޖުލައި މަހުން ފެށިގެން އިތުރުވެފައިވާ ކަމަށެވެ. އަދި މިއީ ވައިރަލް ޑައިރިއާއެއް ކަމަށާ، އެ ބަލި ފެތުރެމުން ދަނީ، ޑައިރިއާ ޖެހިފައި ހުރި މީހަކު އަތް ރަނގަޅަށް ސާފު ނުކޮށް ކާތަކެތީގައާއި، އެހެން ތަންތަނާގައި އަތްލުމުގެ ސަބަބުން ކަމަށެެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ ޖުލައި މަހު ޑައިރިއާގެ 3808 ކޭސްއެއް ވަނީ ރިޕޯޓް ކުރެވިފައެވެ. ނަމަވެސް މިއީ މިދިޔަ އަހަރަށްވުރެ މަދު އަދަދެކެވެ. މިދިޔަ އަހަރު ޖުލައި މަހު ޑައިރިއާ ޖެހިގެން 4000 އަށްވުރެ ގިނަ މީހުން ރިޕޯޓް ކުރިއެވެ.

މި އަހަރުގެ ޖޫން މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޑައިރިއާ ޖެހިފައިވަނީ 1711 މީހުންނެވެ. އެއީ މިދިޔަ އަހަރުގެ ޖޫން މަހަށްވުރެ ދެގުނަ ދަށް އަދަދެކެވެ.

އެޗްޕީއޭއިން ބުނީ ޑައިރިއާއިން ސަލާމަތްވެ ތިބުމަށް ގިނަ ގިނައިން ސައިބޯނި ލައިގެން އަތްދޮވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ކެއުމުގެ ކުރިންނާ، ފާހާނާ ކުރުމަށްފަހުގައި އަދި ބޭރުގައި އުޅުމަށްފަހު އަތް ދިނުމަށް ހާއްސަ ސަމާލުކަމަށް ދިނުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

މީގެ އިތުރުން ޓައިފޮއިޑް ހުމުގެ ސަބަބުން ވެސް ޑައިރިއާގެ އަލާމާތްތައް ފެނިދާނެ ކަމަށާ، ކޮންމެ އަހަރެއްގައި ވެސް މަދުން ނަމަވެސް ޓައިފޮއިޑް ހުމުގެ ކޭސްތައް ރިޕޯޓް ކުރާކަމަށް އެޗްޕީއޭއިން ބުނެއެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ޓައިފޮއިޑް ހުމުގެ ހަތަރު ކޭސްއެއް ރިޕޯޓްކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.