އިސްރާއިލުން ކުރިމަތިކޮށްފައިވާ ފިއްތުންތައް ބޮޑު ޝަރުތުތައް ގަބޫލުކޮށްގެން ހުޅަނގު އައްސޭރިއަށް އެތެރެވެވަޑައިގަތުމަށް ބޭނުންފުޅު ނުވާކަމަށް، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ފަލަސްޠީނު ދަރިކޮޅަށް ނިސްބަތްވާ މުސްލިމު މެމްބަރު ރަޝީދާ ތޯލިބު ވިދާޅުވެއްޖެއެވެ.

ރަޝީދާ ތޯލިބު މިފަދަ ނިންމެވުމެއް ނިންމަވާފައިވަނީ، އޭނާއާއިއެކު މަޖިލީސް މެމްބަރު އިލްހާން އުމަރުވެސް ހުޅަނގު އައްސޭރިއަށް އެތެރެވެވަޑައިގަތުމަށް މަސައްކަތްކުރެއްވުމުން، އިސްރާއީލުން އެކަމަށް ހުރަސްއަޅާ، އޭގެ ވަގުތުތަކެއް ފަހުން، ހަރުކަށި ޝަރުތުރުތަކަކާއެކު އެ ސަރަހައްދަށް އެތެރެވެވަޑައިގެންނެވިދާނެކަން އިސްރާއީލުން ހާމަކުރުމާ ގުޅިގެންނެވެ.

މެމްބަރު ރަޝީދާއާއި އިލްހާން އުމުރަށް ހުޅަނގު އައްސޭރިއަށް ވަދެވަޑައިނުގެންނެވޭ ގޮތަށް އިސްރާއީލުން ފުރަތަމަ ހުރަސްއެޅީ، އެ ދެމެމްބަރުންނަކީވެސް އިސްރާއީލު ބޮއިކޮޓްކުރުމަށް ފާޅުގައި ވަކާލާތު ކުރައްވަމުން ގެންދަވާ 2 މެމްބަރުންނަށް ވެވަޑައިގަތީތީއެވެ. ނަމަވެސް ރަޝީދާގެ މާމަ ގާތަށް ވަޑައިގަތުމަށްޓަކައި، އިސްރާއީލުން ކަނޑައަޅާ އުސޫލެއްގެ ދަށުން އެތެރެވެވަޑައިގެންނެވިދާނެ ކަމަށް ފަހުން އެންގެނެވެ.

އިސްރާއީލުގެ ޝަރުތުތަކައް އިންކާރު ކުރައްވަމުން ކުރެއްވި ޓްވީޓެއްގައި ރަޝީދާ ވިދާޅުވީ، އެ ޝަރުތުތަކާއެކު ދިއުމަށް މާމަވެސް ބޭނުންނުވާނެ ކަމަށާ، ރަޝީދާ ހަނުހުންނަން ޖައްސާ، ޖިނާއީ ކުށްވެރިއެއްގެ ގޮތުގައި ހުޅަނގު އައްސޭރިއަށް އެތެރެވުމަށް މާމަ ބޭނުން ނުވާނެ ކަމަށެވެ. މިފަދަ ހަރުކަށި ޝަރުތުތަކަކާއެކު ހުޅަނގު އައްސޭރިއަށް އެތެރެވުމަކީ މިވީހާތަނަށް އޭނާ ގަބޫލުކުރައްވަމުން ގެންދެވި ހަމަތަކާ އުސޫލުތަކާ ހިލާފު ކަމެއްކަންވެސް ރަޝީދާ ވަނީ ފާހަގަކުރައްވާފައެވެ.

ގާނޫނު ހަދާ މަޖިލީހުގެ ގޮނޑި ކަށަވަރުވުމަކީ ފަލަސްޠީނުގެ ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު އުއްމީދެއް ކަމަށާ، އެއް އުއްމީދުގައި ކޮޅުފައިން ޖަހާ، އާއިލީ ލޯތްބަށްޓަކައި އިސްރާއީލުގެ ކުރިމަތީގައި އިސްޖަހަން ޖެހޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށްވެސް ރަޝީދާ ވަނީ ވިދާޅުވެފައެވެ.

އިލްހާން އުމަރާ ރަޝިދާ ތޯލިބަކީ، މިފަހަކަށް އައިސް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ފަރާތްޕުޅުންވެސް ބޮޑެތި ފުރައްސާރަކުރުންތަކަކާ ކުރިމަތިލައްވަންޖެހިވަޑައިގެންފައިވާ 2 މެމްބަރުންނެވެ.