ޕާކިސްތާނުގެ އަޚުންނާ އުޚުތުންނަށް އަބަދުވެސް އެދިވަޑައިގަންނަވަނީ އުފާވެރިކަމާ، ސުލްހައާއި، ކުރިއެރުން ލިބިގެން ދިއުން ކަމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އޯގަސްޓް މަހުގެ 14 ވަނަ ދުވަހުގެ ފާހަގަކުރި ޕާކިސްތާނުގެ މިނިވަންދުވަހުގެ މުނާސަބާގެ ތަހުނިޔާ އަރިސްކުރައްވަމުން ކުރެއްވި ޓްވީޓެއްގައި މިނިސްޓަރު ޝާހިދު ވަނީ، ޕާކިސްތާނުގެ ސަރުކާރާ ރައްޔިތުންނަކީ، ދިވެހިރާއްޖޭގެ އިހުތިރާމް ލިބިފައިވާ އަވަށްޓެރިންގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.

ޕާކިސްތާނުގެ މިނިވަންދުވަހުގެ މުނާސަބާގައި އެގައުމުގެ ހާރިޖީ ވަޒީރު ޝާހް މަޙްމޫދު ގުރައިޝީއަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، މިނިސްޓާ ޝާހިދު ވަނީ، ދިވެހިރާއްޖޭގެ އިޖުތިމާއީ-އިގުތިސޯދީ ތަރައްގީއާއި ގުޅުންހުރި ކަންކަމުގައި ޕާކިސްތާނުން ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެގައުމުގެ މަސްލަހަތު އެކުލެވޭ ކަންކަމާ، ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައިދާންތަކުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަމާ އިތުބާރު އެބައޮތްކަމަށްވެސް ޕާކިސްތާނުގެ ޚާރިޖީ ވަޒީރަށް ދިވެހި ޚާރިޖީ ވަޒީރު ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ.

ދިވެހި ހާރިޖިއްޔާގެ ރެކޯޑްތައް ދައްކާ ގޮތުން، ޕާކިސްތާނާއެކު ދިވެހިރާއްޖެއިން ޑިޕްލޮމެޓިކް ގުޅުން ރަސްމީކޮށް ބަދަހިކޮށްފައިވަނީ 1966 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.