ލަދަކްވެސް ހިމެނޭ ގޮތަށް ޖައްމުއާއި ކަޝްމީރަށް ދާދިފަހުން ގެނެވުނު ބަދަލަކީ "ސަރަހައްދީ" ގޮތުން ބަލާއިރު ބޮޑެތި ފައިދާތަކެއް ލިއްބައިދެނިވި ބަދަލަކަށް ވެގެންދާނެކަމަށް އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދު ވިދާޅުވެއްޖެއެވެ.

އޯގަސްޓް މަހުގެ 15 ވަނަ ދުވަހު ފާހަގަކުރާ އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބާއާއި ގުޅުވައިގެން ދެއްވި ހިތޯބުގައި ކޯވިންދް ވިދާޅުވީ، މި ބަދަލަކީ، އިންޑިއާގެ އެހެން ހިސާބުތަކުގައި ދިރިއުޅޭ މީހުންނަށް ލިބިދޭ ހައްގުތަކާ އިމްތިޔާޒުތައް ޖައްމުއާއި ކަޝްމީރު ސަރަހައްދުގެ ރަށްވެހިންނަށްވެސް ލިއްބައިދާނެ ބަދަލެއް ކަމަށާ، މި ބަދަލަކީ، އެހެން ރައްޔިތުންނަށް ލިބިދޭ ވަސީލަތްތައްވެސް ޖައްމުއާއި ކަޝްމީރުގެ ރަށްވެހިންނަށް ލިއްބައިދޭނެ ބަދަލެއް ކަމަށެވެ.

އިންޑިއާއާއި ޕާކިސްތާނުންވެސް އެ ސްޓޭޓެއްގެ ފުރިހަމަ މިލްކުވެރިކަމަށް ދައުވާ ކުރަމުންދާ ޖައްމުއާއި ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅިއަށް ލިބިދީފައި އޮތް މިނިވަންކަމާ އިސްތިގުލާލަށް އުނިކަން ލިބޭގޮތަށް، އިންޑިއާގެ ގާނޫނު އަސާސިއިން މާއްދާ 370 އުވާލާ، ކަޝްމީރަށް ލިބިފައިވާ އޮތް ހާއްސަ ދަރަޖައަށް އުނިކަން އަންނަ ލިބޭ ގޮތަށް އިންޑިއާގެ މައި ސަރުކާރުން ބަދަލުގެނައީ މި ހިނގާ އޯގަސްޓް މަހުގެ 9 ވަނަ ދުވަހުއެވެ.

ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ކޯވިންދް އިތުރަށް ވިދާޅުވީ، މިނިވަން ގައުމެއްގެ ގޮތުގައި އިންޑިއާއިން 72 އަހަރު ފުރިހަމަކުރިއިރު މި ދަނޑިވަޅަކީ އެތައް ގޮތަކުން އިންޑިއާއަށް މުހިންމު ދަނޑިވަޅެއް ކަމަށެވެ. އެގޮތުން މާގިނަ ދުވަހެއް ނެތި، އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހަކީ، އިންޑިއާގެ ބާނީ އަދި މިނިވަންކަމުގެ ދަންމަރުގެ ގޮތުގައި އެގައުމުން ސިފަކުރަމުން ގެންދާ މަހާތަމާ ގާންދީ، ދުނިޔޭގެ އަލިކަން ދުށްތާ 150 އަހަރު ފުރޭ ދުވަސްކަން ކޯވިންދް ވަނީ ފާހަގަކުރައްވާފައެވެ.

މިމޭރުމުން ހިތޯބު ކުރިއަށް ގެންދަވަމުން ކޯވިންދް ވިދާޅުވީ، ތަނަސްވަކަން ކުޑަ ހިސާބުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޑިއާއިން މިހާރުވެސް އަމަލުކުރަމުންދަނީ ގާންދީ ގެންގުޅުއްވި ފަލްސަފާއަށް ކަމަށެވެ. މީގެ އިތުރުން ކޯވިންދް ވަނީ، މިއަހަރުގެ ކުރީކޮޅު އެގައުމުގައި ކުރިއަށްގެންދިޔަ 17 ވަނަ އާންމު އިންތިހާބުގައި ބައިވެރިވި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ، މަރުޙަބާވެސް ދަންނަވާފައެވެ.