ދަރިފުޅު ބޮޑުވަމުން އަންނަ ވަރަކަށް ދީނީ ވާޖިބުތަކާ، ފަރުޟާ ސުންނަތް އަދި ޙަރާމް ޙަލާލް ބަޔާންކޮށްދިނުމަކީ ކޮންމެ މަންމައަކާ ބައްޕައެއްގެވެސް ޒިންމާއެކެވެ. އަދި ކުއްޖަކު ބަލަމުން އަންނަ ކޮންމެ ބެލެނިވެރިއަކުވެސް އުފުލަންޖެހޭ ޒިންމާއެކެވެ.

ޙައްޖުގެ މަތިވެރިއަޅުކަމަކީ، ޙައްޖުގެ މަނާސިކު ތައް އަދާ ކުރުމަށް ގަސްތު ކޮށްގެން ހާއްސަ ވަގުތެއްގައި، މައްކާގައި ހުންނަ ގެފުޅާއި އެހެނިހެން މުޤައްދަސު ތަންތަނަށް ޒިޔާރަތް ކުރުންކަން އުމުރުން 9 ވަރަކަށް އަހަރު ފުރޭ އިރު ކުއްޖާއަށް އެނގެއެވެ. އެހެންނަމަވެސް ޙައްކުގެ މަތިވެރިއަޅުކަމުގެ އިހަސާސް އެކުއްޖަކަށް ކުރެވުން އޮންނަނީ ވަރަށް ދުރުގައެވެ. މާލީ ތަނަވަސްކަމާ، އެނޫންވެސް އެފަދަ ސަބަބުތަކެއް ހުރި ގޮތުން ބާލިޣުވާތަނުން ޙައްޖަށް ދެވެނީ މަދު ކުއްޖަކަށެވެ. ކަންމިހެން އޮތް ނަމަވެސް، އެފަދަ ތަނަވަސްކަމެއް ލިބި، މަގުފަހިވުމާއެކު ޙައްޖުގެ ދަތުރަށް ފުރަން، ދުރާލާ ކުއްޖާ ތައްޔާރުކުރެވިދާނެ ގޮތްތަކެއް އެބަހުއްޓެވެ.

1. މެޕް ކުރެހުން

ޙައްޖުގެ މަތިވެރި އަޅުކަމަށް ފެށުމާއެކު، މި އަޅުކަމާ ގުޅިފައިވާ ތަންތަން ފެންނަ ފަދަ ޗާޓެއް ނުވަތަ މެޕެއް ޕްރިންޓްކޮށްލާށެވެ. އަދި އެއް އަޅުކަމުން އަނެއް އަޅުކަމަށް ދަތުރުކުރަމުންދާ ގޮތް އެ ޗާޓުގައި ދަރިފުޅަށް ފާހަގަކޮށްދެމުންދާށެވެ. އަދި އެވަނީ ކީއްކަންވެސް އެކުއްޖެއްގެ އުމުރާ އެކަށޭނަ ގޮތަކަށް ކިއާދޭށެވެ. މި ވާހަކަތައް ކިއާދޭއިރު އެތަންތަނާ ބެހޭ ތާރީހީ މައުލޫމާތުކޮޅެއް ދުރާލާ ކިޔާލައިގެން ހުރުން ބުއްދިވެރިއެވެ.

މެލޭޝިއާގެ ކުޑަކުދިންނަށް ޙައްޖުގެ މަނާސިކުތައް ދަސްކޮށްދިނުމަށް ހިންގި ހަރަކާތުގެ ތެރެއިން/ފޮޓޯ: އަރަބްނިއުސް

2. ޙައްޖު ޑައިރީ މަޝްވަރާކުރުން

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ނަސީބު ލިބިފައިވާ މީހުން ލިޔެފައިވާ ހިތްވަރު ލިބެނިވި ބައިވަރު ފޮތްތައް މިއަދު ލިބެން އެބަހުއްޓެވެ. ކުއްޖާގެ އުމުރާ އެކަށޭނަ ލިޔުމެއް ބަލާ، ދަރިފުޅާއެކު އެލިޔުން ކިއާލެވިދާނެއެވެ. އަދި އޭގައި ބުނާ ވާހަކަތައް ދަރިފުޅަށް އެނގުނު މިންވަރެއް ބެލުމަށްޓަކައި އާއިލާގެ މެމްބަރުންނަށް ޕްރެޒެންޓޭޝަންއެއް ހުށަހެޅުމަށްވެސް ދަރިފުޅާ ހަވާލުކުރެވިދާނެއެވެ. މިއީ ހަމަ ޔަގީނުންވެސް ކުދިން ވަރަށް ޝައުގުވެރިވާނެ މަސައްކަތެކެވެ.

3. މޫވީ ނައިޓް

މިޒަމާނަކީ ސްކްރީންތަކުގެ ޒަމާންތާއެވެ. ދަރިންގެ ހިތްތަކުގައި ކަމަކަށް ލޯބިޖައްސަންވެއްޖެނަމަ އެންމެ ގާތުން ފެންނަ އެކުވެރިޔަކީ ގިނަ ފަހަރަށް އެ ސްކްރީންއެވެ. މާގިނައިން ސްކްރީން ބޭނުންކުރުމަކީ އެންމެ އެދެވޭ ގޮތެއް ނޫނެވެ. ނަމަވެސް ޙައްޖުގެ އަޅުކަމާ ދިމާކޮށް އާއިލާ އެއްކޮށް، ގޭގައި ފިލްމު ޝޯއެއް ބާއްވާލެވިދާނެވެ. މި ޝޯގައި އަޅުވާ ފިލްމަކީ ޙައްޖުގެ މަތިވެރި އަޅުކަމާ ގުޅޭ، ޝައުގުވެރި ފިލްމަކަށްވުން މުހިންމެވެ. މިފަދަ އެއް ފިލްމަކީ "ދަ ޙައްޖު: ވަން އެމެރިކަންސް ޕިލްގްރިމޭޖު ޓު ޙައްޖު" މި ފިލްމެވެ.

ފިލްމް ބަލާ ނިމިގެން، އެ ފިލްމާ ބެހޭ ގޮތުން މަޝްވަރާކޮށް، ވާހަކަ ދައްކާލަން ވަގުތުކޮޅެއް ހުސްކޮށްލާށެވެ.

4. ރަމްޒީ ޙައްޖަކަށް ފަރިތަކުރުން

މިއީ އާއިލާގެ ކުދިން އެއްކޮށްލައިގެން ކުރަން ވަރަށް ޝައުގުވެރިވާނެ ކަމެކެވެ. ޖާގަ އޮތް ވަރަކުން، ޙައްޖުގެ އަޅުކަމާ ގުޅިފައިވާ ރަމްޒީ ބިނާތަކެއް ގޭގައި ތައްޔާރުކުރާށެވެ. އަދި ޙައްޖަށް އިހުރާމް ބަންނަ ގޮތަށް ދަރިފުޅަށް އިހުރާމް ބަންނަން ދަސްކޮށްދީ، ޙައްޖުގެ މަނާސިކުތައް އެތަރުތީބުން ދަރިފުޅު ލައްވާ ކުރުވާށެވެ. މިއީ ރަމްޒީ ގޮތުން، ފަރިތަކޮށްދިނުމަށް ކުރެވޭ ކަމެއްކަން ދަރިފުޅަށް އަބަދުވެސް ބުނެދެމުންދާންވާނެއެވެ.

މެލޭޝިއާގެ ކުޑަކުދިންނަށް ޙައްޖުގެ މަނާސިކުތައް ދަސްކޮށްދިނުމަށް ހިންގި ހަރަކާތުގެ ތެރެއިން/ފޮޓޯ: އަރަބްނިއުސް

މިގޮތަށް ތަން ތައްޔާރުކުރާއިރު، މިނާއިން ފެންނަ ޓެންޓުތައްވެސް ޓެރަސް ނުވަތަ ގޯތި ތެރޭގައި ބެހެއްޓިދާނެއެވެ. އަދި މި ފަރިތަކުރުން ކުރިއަށް ގެންދާއިރު ވީހާވެސް އާދައިގެ ގޮތަކަށް ކަންކަން ރޭވުމަށް ސަމާލުކަން ދޭންވާނެއެވެ. އިސްރާފުކުރުމާ ދުރުވާންވާނެއެވެ.

5. މައްކާއިން ވަގުތުން

އާއިލާ މެމްބަރަކު ނުވަތަ ގާތް ރަހުމަތްތެރިއަކު ޙައްޖުގެ އަޅުކަން އެދިގެން ސައުދީއަށް ގޮސް ހުރިނަމަ މިއީ ރަނގަޅު ފުރުސަތެކެވެ. އެމީހަކަށް ވަގުތު ވާ ވަރަކުން، ގޭގައި ހުރި ދަރިފުޅާ ސްކައިޕްކޮށްލެވިދާނެއެވެ. އަދި އެތަންތަނުގައި އެމީހާ ކޮށް އުޅޭ ކަންކަން ކުއްޖާއަށް ދައްކާލެވިދާނެއެވެ. ލައިވް ވީޑިޑޯއިން އެ ފެންނަނީ ކުއްޖާ ދަންނަ މޫނަކަށް ވެފައި، އެއީ ކުއްޖާއާއި ގާތް މީހެއް ކަމަށް ވަނީ ނަމަ، އެކަމަށް ކުއްޖާގެ ހިތުގައި އޮންނަ ޝައުގުވެރިކަން ބޮޑުވުމުގެ ފުރުސަތުވެސް އޮވެއެވެ.

6. ފެމިލީ ގުރޫޕް ޗެޓް

ޙައްޖަށް ގޮސް އުޅޭ އާއިލާމީހަކަށް ވަގުތު ވީ ވަރަކުން އޭނާގެ އިހުސާސްތަކާ ޝުއޫރު ބަޔާންކޮށް އާއިލީ ސޯޝަލް މީޑިއާ ގްރޫޕުތަކުގައި ފޮޓޯ ހިއްސާކުރުމަށްވެސް މަސައްކަތްކުރެވިދާނެއެވެ. މިސާލަކަށް "ދެންމެ ކަޢުބާ ފެނިއްޖެ"، "މީހުން ކޮއްޕާއިރުވެސް ވަރަށް ކެތްކުރަން އެބަ" ފަދަ މެސެޖުތަކާއެކު ފޮޓޯ ފޮނުވުމުން، ޙަޖީއަކު ކަޑަތު ކުރަމުންދާ ދަތުރުގެ އިހުސާސް ކުއްޖާއާއި ގާތުން ހިއްސާކުރެވެއެވެ.

މެލޭޝިއާގެ ކުޑަކުދިންނަށް ޙައްޖުގެ މަނާސިކުތައް ދަސްކޮށްދިނުމަށް ހިންގި ހަރަކާތުގެ ތެރެއިން/ފޮޓޯ: އަރަބްނިއުސް

7. ޙައްޖު ލިބޭ ތޯ ދުޢާ ކުރުން

ކޮންމެ ނަމާދަކަށް ފަހުގައްޔާ، އެނޫންވެސް ވަގުތުތަކުގައި ޙައްޖުގެ އަޅުކަން އަދާކުރުމުގެ ނަސީބު މިންވަރުކުރައްވާތޯ ދުޢާ ކުރުމަށް ދަރިފުޅަށް ދަސްކޮށްދީ، އާދަކޮށްދޭށެވެ. އަދި ޙައްޖަށް ގޮސް ތިބި މުސްލިމު އަޚުންނާ އަޚުތުންގެ ޙައްޖަކީ މާތް ﷲގެ ޙަޟްރަތުގައި ޤަބޫލުވެވޮޑިގެންވާ ޙައްޖަކަށް ވޭތޯ ދުޢާކޮށްދިނުމަށްވެސް ދަރިފުޅަށް ދަސްކޮށްދޭށެވެ.

8. އަންނަ އަހަރުގެ ޙައްޖަށް ތައްޔާރުވުން

ހިނގަމުން މިދާ 1440 ވަނަ އަހަރު ނިމި، 1441 ވަނަ އަހަރުގެ ފަރުޟު ޙައްޖަށް ތައްޔާރުވުމަށް ދަރިފުޅަށް ދަސްކޮށްދޭށެވެ. އެގޮތުން އެކި ގުރޫޕުތަކުން އެކުލަވާލާފައި ޙައްޖު ޕެކޭޖުތައް ބަލާ ހޯދުމާ، ކަމާ ބެހޭ އިދާރާތަކުން ނިންމަންޖެހޭ ކަންކަން ހުރި ނެތް ގޮތެއް ބެލުމަށް ދަރިފުޅާ ހަވާލުކުރެވިދާނެއެވެ. މިކަމަކީ ފުރާވަރު އުމުރުގެ ކުދިންނަށް ޙާއްސަ ކަމެކެވެ. އެއަށްވުރެ ހަގު ކުދިންނަށް މިއީ މާ ފަސޭހަކަމަކަށް ނުވެ ހިނގައިދާނެއެވެ.

މެލޭޝިއާގެ ކުޑަކުދިންނަށް ޙައްޖުގެ މަނާސިކުތައް ދަސްކޮށްދިނުމަށް ހިންގި ހަރަކާތުގެ ތެރެއިން/ފޮޓޯ: އަރަބްނިއުސް

9. ޙައްޖުގެ ޚަބަރުތައް އެއްކުރުން

މިއީ ހުރިހާ ޚަބަރެއް ފޯނަށް އަންނަ ޒަމާނެވެ. ފޯނާ ޓީވީއިން ކަމުގައި ވިއަސް ޙައްޖާ ގުޅުންހުރި ޚަބަރުތައް ވަގުތުން ވަގުތަށް ހޯދުމަށް ދަރިފުޅަށް އާދަކޮށްދޭށެވެ. ކޮންމެ ދުވަހެއްގެވެސް ވަކި ވަގުތެއް އެކަމަށް ކަނޑައަޅާދޭށެވެ. އަދި ޙައްޖާ ގުޅޭ ގޮތުން އެދުވަހަކު ލިބުނު މުހިންމު ޚަބަރުތައް އެކުއްޖާލައްވާ ލިޔުއްވާ، ކަމާ ގުޅޭ ފޮޓޯއަކާއެކު ޙައްޖު ނޫހެއްވެސް ތައްޔާރުކޮށްލެވިދާނެއެވެ. އަތުލިޔުމަށް ޝައުގުވެރި ނުވާ ކުއްޖެއް ނަމަ އ-މެގަޒިންއެއް ހަދާ، އާއިލާގެ މެމްބަރުންނާ ހިއްސާވެސްކޮށްލެވިދާނެއެވެ.

މެލޭޝިއާގެ ކުޑަކުދިންނަށް ޙައްޖުގެ މަނާސިކުތައް ދަސްކޮށްދިނުމަށް ހިންގި ހަރަކާތުގެ ތެރެއިން/ފޮޓޯ: އަރަބްނިއުސް

10. ޙާޖީންނަށް މަރުޙަބާ ކިއުން

އާއިލާއާއި ގާތްތިމާގެ މީހުންގެ ތެރެއިން ޙައްޖުގެ އަޅުކަމަށް ސައުދީއަށް ދިޔަ މީހުންނަ އަންނަ ވަގުތަކަށް ދަރިފުޅު އިންތިޒާރު ކުރުވާށެވެ. އަދި އެ މެމްބަރުންނަށް މަރުޙަބާ ކިއުމަށް ގޭގައި ކުޑަ ޙަފުލާއެއްވެސް ބާއްވާށެވެ. މި ޙަފުލާއަކީ ޙާޖީގެ ޝުއޫރުތައް ދަރިފުޅާ ހިއްސާކުރެވޭ، އަދި ދަރިފުޅުގެ ހިތުގައި ހުރި ސުވާލުތަކަށް ޖަވާބު ލިބެނިވި މާހައުލެއްކަމުގައި ހަދާށެވެ.

މިއިން ކޮންމެ ކަމެއް ކުރާއިރުވެސް މެދު މިނުގައި ހިފަހައްޓަން ހަނދާން ބަހައްޓަންވާނެއެވެ. އެއްވެސް ކަމެއްހައި ހައްދުފަހަނައަޅާ ދިއުމެއް ނެތެވެ.