ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ނިޔަތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން 1.8 މިލިއަން މުސްލިމުން ސައުދީ އަރަބިއްޔާއަށް މިހާރު ދަތުރު ކޮށްފައި ވާކަމަށް އެގައުމުން ހާމަކޮށްފިއެވެ.

ސައުދީގެ ޑައިރެކްޓާ ޖެނެރަލް އޮފް ޕާސްޕޯޓްސް ޖެނެރަލް ސުލައިމާން އަލް ޔަޙްޔާ، ބުދަ ދުވަހުގެ ހަވީރު ވިދާޅުވީ، ގާތްގަނޑަކަށް 970000 އެއްހާ ފިރިހެނެނުންނާ، 868000 އަންހެނުން، ޙައްޖުގެ އަޅުކަން އެދިގެން ސައުދީ އަރަބިއްޔާއަށް މިއަހަރު ދަތުރު ކޮށްފައި ވާކަމަށެވެ. ސައުދީއަށް އުފަން މުސްލިމުންނާއި، ސައުދީގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ މުސްލިމުންގެ ތެރެއިން ޙައްޖުގެ އަޅުކަމުގައި ބައިވެރިވާ މީހުންނާއެކު، 1440 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވާ މުސްލިމުންގެ އަދަދު 2 މިލިއަނަށް އަރާނެކަމަށް ބެލެވެއެވެ.

ސަޢުދީ ޢަރަބިއްޔާގައި ހުންނަވާ ދިވެހި ސަފީރު (ކ)، ދިވެހި ޙައްޖުވެރިންނާ ބައްދަލުކުރައްވަނީ/ފޮޓޯ: އެމްވީޙައްޖުމިޝަން

1440 ވަނަ އަހަރުގެ ދިވެހި ދައުލަތުގެ އަމީރުލްޙައްޖު މިނިސްޓާ އޮފް ޕްލޭނިން އެންޑް އިންފުރާސްޓްރަކްޗާ އަލްފާޟިލް މުޙައްމަދު އަސްލަމް ވަނީ ސައުދީގައި މިވަގުތު ތިބި ދިވެހި ޙައްޖުވެރިންނާ ބައްދަލު ކުރައްވާފައެވެ. އަމީރުލްޙައްޖު، މިނިސްޓާ އަސްލަމް ސައުދީއަށް ވަޑައިގެންފައިވަނީ މި އޯގަސްޓް މަހުގެ 6 ވަނަ ދުވަހުއެވެ.

ސަޢުދީ ޢަރަބިއްޔާގައި ހުންނަވާ ދިވެހި ސަފީރުވެސް ވަނީ ދިވެހި ޙައްޖުވެރިންނާ ބައްދަލުކުރައްވާފައެވެ.

1440 ވަނަ އަހަރުގެ ބަރަކާތްތެރި ޢަރަފާތު ދުވަސް ދިމާވަނީ މީލާދީ ކަލަންޑަރުން، އޯގަސްޓް 10 އެއްވާ ހޮނިހިރު ދުވަހާއެވެ.