ޔަމަނުގެ ވެރިކަން ހޯދުމަށް މަސައްކަތް ކުރަމުންދާ ހޫތީންނާ ދެކޮޅަށް، ސައުދީ އަރަބިއްޔާއާއި އެކުވެރި އަރަބި އިމާރާތް އިސްވެ އޮވެގެން އެކުލަވާލާފައިވައި އަސްކަރީ ކޯލިޝަންގެ ތެރޭގައި ހަމަނުޖެހުންތަކެއް ހިންގަމުންދާ ކަމަށް ޚަބަރު ލިބިއްޖެއެވެ.

ހަމަނުޖެހުން ހިންގާފައިވަނީ އެކުވެރި އަރަބި އިމާރާތުގެ ތާއީދު އޮންނަ، ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތުގެ މެމްބަރުންނާ، ޔަމަނުގެ ރިޔާސީ ގާޑުންނާ ދެމެދުގައި ކަމަށް ޚަބަރު ލިބެއެވެ.

މިދަނޑިވަޅަކީ ޔަމަނުގައި ހަމަނުޖެހުންތައް ގަދަވަމުންދާ ދަނޑިވަޅަކަށްވާއިރު، އދއިން ވަނީ މިކަމަށް ފުރުސަތު ނުދިނުމަށް ގޮވާލާފައެވެ.

އެކުވެރި އަރަބި އިމާރާތުގެ އެއްބާރުލުމާއެކު ޔަމަނުގެ ދެކުނުގައި ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކާ، ބައިނަލްއަގުވާމީ ދުނިޔެ ބަލައިގެންފައިވާ ޢަބްދު-ރައްބު މަންސޫރު ހާދީގެ ސަރުކާރަކީ އާންމު ގޮތެއްގައި ހޫތީ ހަނގުރާމަވެރިންނާ ދެކޮޅުވުމަށް އެއްގަލަކަށް އަރާ ބައެކެވެ. ނަމަވެސް ޔަމަނުގެ ކުރި މަގާ މެދު މި ފަރާތުގެ މެދުގައި ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޔަމަނުގެ ހަނގުރާމަ ހުއްޓި، ސިޔާސީ މަސްރަހު ހިނގައިގަތުމުން އިސް ދައުރެއް އަދާކުރުމުގެ ފުރުސަތު، ދެކުނުން ވަކިވެގަންނަ ފަރާތްތަކަށް ދިނުމަށް އެކުވެރި އަރަބި އިމާރާތުން އެއްބާރުލުން ދޭނެކަމަށް ބުނާ އަޑުތަކާއެކު ހާދީއާއި އެކުވެރި އަރަބި އިމާރާތުގެ ގުޅުން ވަނީ އިންތިހާއަށް ހީނަރުވެފައެވެ. ހާދީ ދެކެވަޑައިގަންނަވާ ގޮތުގައި އެކުވެރި އަރަބި އިމާރާތުން ދަނީ ޔަމަނުގެ އިސްތިގުލާލާ ކުޅެމުންނެވެ.

ޔަމަނުގެ ދާހިލީ ވަޒީރު އަހުމަދު އަލް-މައިސަރީ ވިދާޅުވީ، މިހާތަނާ ޖެހެންދެންވެސް ޔަމަނުގެ ސަރުކާރުން ބަލާފައިވަނީ ހަމަޖެހުން ނަގާނުލާ ވޭތޯ ކަމަށާ، ނަމަވެސް ކުރިމަތިލާންޖެހިއްޖެ ހިނދެއްގައި އެކަންވެސް ކުރާނެ ކަމަށެވެ.

އދއިން ޔަމަނަށް ކަނޑައަޅާފައި ހުންނަވާ ހާއްސަ މަންދޫބު މާޓީން ގްރިފިތްސް ވަނީ ޔަމަނުގެ އަދުގެ މަސްރަހުގައި ކަން ހިނގަމުންދާ ގޮތާ މެދު ކަންބޮޑުވުންފާޅުކުރައްވާފައެވެ.