މިލާދީ ސަނަތުން އޮނަވިހިސަތޭކަ ފަންސާސް ދެވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ސާދަވަނަ ދުވަހު، އިންޑިއާގެ ހަރިޔާނާގެ މެދުފަންތީގެ އާއިލާއަކަށް އުފަންވި ސުޝްމާ ސުވަރާޖަކީ ގިނަ ބަޔަކު ސިފަކުރާ ގޮތުގައި އިންޑިއާގެ "ހިލަރީ ކްލިންޓަން"އެވެ. ޗަންދިގަރުގެ ޕަންޖާބު ޔުނިވާސިޓީއިން 1973 ވަނަ އަހަރު ގާނޫނީ ރޮނގުން ޑިގްރީ ހާސިލު ކުރެއްވުމަށް ފަހު ގާނޫނީ ދާއިރާއިން މަސައްކަތް ކުރެއްވުމަށްޓަކައި އިންޑިއާގެ ސުޕްރީމު ކޯޓުން ހުއްދަ ހޯއްދެވިއެވެ. އެއިރުވެސް ސުޝްމާއަކީ ސިޔާސީ ގޮތުން ބަލާއިރު ނުފޫޒުގަދަ ޒުވާނެކެވެ. ތައުލީމު ހާސިލު ކުރެއްވި ދުވަސްވަރު ސުޝްމާ ވަނީ އޭރުގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ސަރުކާރާއި ދެކޮޅަށް ފާޅުގައި ދެކޮޅު ހައްދަވާފައެވެ. ތައުލީމީ ހަޔާތްޕުޅު ނިންމަވާ، ސުޕްރީމް ކޯޓުގެ އިޒުނައިގެ ސިއްކަ ކަށަވަރު ކުރެއްވިތާ މާ ގިނަ ދުވަހެއް ނުވެ، ޒަވާޖީ ހަޔާތްޕުޅު ފެއްޓެވީވެސް ގާނޫނީ ވަކީލު އަދި ސިޔާސީ ޝަހްސު ސުވަރާޖު ކޯޝާލްއާ އެކުގައެވެ.

ސިޔާސީ މައިދާނަށް ސީދާ ގޮތުން ނިކުމެވަޑައިގަތީ 1977 ވަނަ އަހަރު، ޖަނާތާ ޕާޓީގެ މެމްބަރެއްގެ ގޮތުގައެވެ. އެފަހަރު ގާނޫނު ހަދާ މަޖިލީހުން ސުޝްމާ ޖާގަ ކަށަވަރު ކުރެއްވިއެވެ. އުފަން، ހަރްޔާނާ ސްޓޭޓްގެ މެމްބަރުގެ ގޮތުގައެވެ. މަޖިލީހުގައި ދެދައުރު ހޭދަކުރެއްވި އިރު، މި މުއްދަތުގެ ތެރޭގައި އެކަމަނާ ވަނީ ލޭބާ އެންޑް އެމްޕްލޮއިމަންޓް މިނިސްޓަރު ކަމާއި، އެޑިއުކޭޝަން މިނިސްޓަރު ކަމުގެ އިތުރުން ފުޑް އެންޑް ސިވިލް ސަޕްލައިޒް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ.

ޖަނާތާ ޕާޓީގެ މެމްބަރުންގެ ބަޔަކު އެކުލަވާލި ބާރްތިޔާ ޖަނާތާ ޕާޓީއާއި ސުޝްމާ ގުޅިވަޑައިގަތީ 1984 ވަނަ އަހަރުގެ ތެރޭގައެވެ. އަދި ޕާޓީގެ ސެކްރެޓަރީ ކަމުގެ ބުރަ މައްސޫލިޔަތާއި ހަވާލުވެ ވަޑައިގެންނެވިއެވެ. ގަދަ ހިތްވަރާއި މަސައްކަތްޕުޅުން މާ ގިނަދުވަހެއް ނުވެ، ޕާޓީގެ ޖެނެރަލް ސެކްރެޓަރީ ކަމުގެ މަގާމަށް ޕްރޮމޯޓް ވެގެން ދިޔަތަން ފެނުނެވެ.

ވިދިވިދިގެން މަޖިލީހުގެ 3 އިންތިހާބެއްގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ނަމަވެސް ސިޔާސީ މައިދާނުގައި ސުޝްމާ ވަޑައިގެންނެވީ ކުރިއަށެވެ. 6 އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު މަޖިލީހުގެ ގޮނޑިއެއް އަނެއްކާވެސް ކަށަވަރު ކުރެއްވިއެވެ. އަދި އަތަލް ބިހާރީ ވަޖުޕާއީގެ ސަރުކާރުގެ އިންފޮމޭޝަން އެންޑް ބްރޯޑާކާސްޓިންގް މިނިސްޓަރުކަމުގެ ޒިންމާތައް އުފުއްލެވިއެވެ. މީގެ އިތުރުން، ގާނޫނު ހަދާ މަޖިލީހުގެ މަތިގެއިންވެސް ޖާގަ ހޯއްދެވިއެވެ. ނަމަވެސް އެ ފަހަރު މެމްބަރުކަން އަމިއްލަފުޅަށް ދޫކޮށްލެއްވީ، ދެކުނު އޭޝިއާގެ ނިއުކްލިއާ ބާރުގެ ގޮތުގައި އޮތް އިންޑިއާގެ ވެރިކަން ކުރާ ނިއުދިއްލީގެ ޗީފް މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށެވެ. ސުޝްމާއަކީ އިންޑިއާގެ ތާރީހުގައިވެސް ދިއްލީގެ ޗީފް މިނިސްޓަރުކަމާއި ފުރަތަމަ ހަވާލުވެވަޑައިގެންނެވި އަންހެންބޭފުޅާއެވެ. އެއަށްފަހު އަނެއްކާވެސް މަޖިލީހަށް ވާދަކުރައްވާ، ނާކާމިޔާބީއާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ނަމަވެސް، ހިތްވަރު އެލުވާނުލައްވާ ކުރިއަށް ގެންދެވުމުގެ ނަތީޖާއަކަށްވީ މަޖިލީހުން އަނެއްކާވެސް ސުޝްމާއަށް ޖާގަ ކަށަވަރުމެވެ.

ދެން ފެނިގެންދިޔައީ އިހުނަށްވުރެ ގަދައަށް ސިޔާސީ މައިދާނުގައި ސުޝްމާ ގޮންޖައްސަވަމުން ގެންދެވި މަންޒަރެވެ. އެގޮތުން ކޮންގްރެސް ޕާޓީގެ ސޯނިއާ ގާންދީއަށް ބޮޑުވަޒީރުކަން ލިބިވަޑައިގެންފިނަމަ އިސްތަށިފުޅު ބާލައްވާ، ހުދުކުލައިގެ ސާޅިކޮޅެއްގައި ނޫނީ ނުފެންނާނެ ކަމަށް ވިދާޅުވެ، ސުޝްމާ ގޮންޖެއްސެވިއެވެ. އޭގެ ފަހުން ފެނިގެންދިޔައީ ގާނޫނު ހަދާ މަޖިލީހަށް މެމްބަރުން ހޮވުމަށް ކުރިއަށް ގެންދިޔަ އިންތިހާބުތަކުގައި ބޮޑު ތަފާތަކުން ސުޝްމާ ކުރި ހޯއްދަވަމުން ގެންދެވި މަންޒަރެވެ. އަދި ބީޖޭޕީގެ ފަރާތުން މަޖިލީހުގައި އެންމެ އިސްކޮށް ހުންނަވާ މެމްބަރަކީވެސް ސުޝްމާކަމުގައި ވެގެންދިޔަތަނެވެ. ނަތީޖާއަކަށްވީ ބީޖޭޕީއަށް އިންޑިއާގެ ވެރިކަން އަލުން ލިބި، އިންޑިއާގެ ނުފޫޒުގަދަ ހާރިޖީ ވަޒީރު ކަމުގެ މަގާމަށް ސުޝްމާ އިސްކުރެވިގެންދިއުމެވެ.

ހާރިޖީ ވަޒީރު ކަމުގެ މަގާމާއި ސުޝްމާ ހަވާލުވެވަޑައިގެންނެވި ދުވަސްވަރަކީ ދުނިޔޭގެ ސިޔާސީ އޮއެވަރަށް ބޮޑެތި ބަދަލު އައިސްފައިވާ ދުވަސްވަރެކެވެ. އެދުވަސްވަރު ވީ، ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުގެ މަގާމަށް އެމެރިކާއާއި އެންމެ ގާތުން ވާދަކުރަމުން އަންނަ ޗައިނާ، ދެކުނު އޭޝިއާގެ ގައުމުތަކަށް އަތްގަދަ ކުރަމުންދިޔަ ދުވަސްވަރަށެވެ. ސްރީލަންކާއާއި ޕާކިސްތާނުގެ އިތުރުން ދިވެހިރާއްޖެއަށް ވެސް ޗައިނާގެ ނުފޫޒުން ސަލާމަތްނުވެވުނު ދުވަސްވަރަކަށެވެ. ނަތީޖާއަކަށްވީ ސަރަހައްދީ ސިޔާސީ ކޯޅުންތަކުގައި ބައިވެރިނުވެ ހިމޭނުން އޮތް ދިވެހިރާއްޖެއާއި އިންޑިއާއި ދެމެދުވެސް ހިސާބެއްގެ ފިތުނަވެރިކަމެއް އުފެދިގެންދިއުމެވެ. ނަމަވެސް މި ދަނޑިވަޅުގައި ސުޝްމާ ވަނީ އެކަމަނާގެ ހިތްވަރުފުޅާއި ސިޔާސީ ފިކުރުގެ ހަރުދަނާކަން ސާބިތު ކޮށްދެއްވާ، ދެގައުމުގެ އެކުވެރި ގުޅުން އަލުން ބަދަހި ކުރައްވަން ހިކުމަތްތެރި ކަމާއެކު މަސައްކަތްޕުޅު ކުރައްވާފައެވެ. ދިވެހި ދައުލަތާ ސަރުކާރުން މިއަދު އެކަން ފާހަގަކުރަނީ އުފަލާއެކުގައެވެ.

ދެކުނު އޭޝިއާގައި ނެގި ސިޔާސީ ރާޅުބާނީތައް މުޅިން "މައިތިރި" ނުވެ އުޅެނިކޮށް އިންޑިއާ އަނެއްކާވެސް އެހެން ތޫފާނަކާއި ކުރިމަތިލިއެވެ. އިންޑިއާއާއި ޕާކިސްތާނުގެ ޒަމާންވީ ހަތުރުވެރިކަން ހިސާބެއްގެ ހަނގުރާމައަކަށް ބަދަލުވެފައިވާއިރު، ބައިނަލްއަގުވާމީ ސަމާލުކަން މުޅިންހެން ހުއްޓިފައިވަނީ އިންޑިއާއަށެވެ. މިހާލަތުގައިވެސް ބައިނަލްއަގުވާމީ މުޖުތަމައުއާއި އިސްލާމީ ދުނިޔޭގެ އިތުބާރު ސުޝްމާއަށް އޮތްކަން ދޭހަކޮށްދިން އެއްކަމަކީ، މިއަހަރުގެ ކުރީކޮޅު، އެކުވެރި އަރަބި އިމާރާތުގައި ކުރިއަށްދިޔަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ ކޮންފަރެންސްގައި ހާއްސަ، ޝަރަފުވެރި މެހެމާނާއެއްގެ ހައިސިއްޔަތުން ސުޝްމާއަށް ބައިވެރިވެ ވަޑައިގެންނެވުނުކަމެވެ.

ސިއްހީ ހާލުކޮޅު ހުރި ގޮތުން ކިޑްނީ ޓްރާންސްޕްލާންޓު ކުރުމަށް އޮޕަރޭޝަނެއްވެސް ކުރައްވައިގެން އޭރު ހުންނެވި ސުޝްމާއަކީ ބައިނަލްއަގުވާމީ ފެންވަރުގައި ސިޔާސީ ރޮނގުން ކުރިއަރާ ދާން ބޭނުންވާ ކަނބަލުންނަށް މިސާލަކަށްވިއެވެ. މި އަހަރުގެ މެއި 29 ވަނަ ދުވަހާ ޖެހެންދެކަށްވެސް ސުޝްމާ އިންނެވީ އިންޑިއާގެ ހާރިޖީ ޒިންމާތަކާ ހަވާލުވެވަޑައިގެންނެވެ. ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ދެވަނަ ދައުރުގައި ވަޒީރުކަމުގެ މަގާމާ ސުޝްމާ ހަވާލުވެވަޑައިގެންފައެއް ނުވެއެވެ.

ސުޝްމާ ސުވަރާޖު އަވަހާރަވީ އުމުރުފުޅުން 67 އަހަރުގައި، އިންޑިއާގެ ވެރިރަށް ނިއުދީއްލީގެ އެއިމްސް ހޮސްޕިޓަލުގައި އޯގަސްޓް 6 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކާޑިއެކްއެރެސްޓެއްގައެވެ. އަވާހަރަވީއިރު، ފިރިކަލުންނާ ދަރިކަނބަލަކު ދުނިޔޭގައި އެބައިންނެވިއެވެ.