ނަސްލީ ތަފާތުކުރުންތަކަކީ އެންމެ ރަނގަޅު ކަމެއް ކަމަށް ވިދާޅުވުމުގެ އިތުރުން ނަފްރުތަރު އުފެއްދެވުމުގެ ރޫހުގައި ވާހަކަފުޅު ދައްކަވާ ލީޑަރުންގެ އަޑު ނުއެއްސެވުމަށް، އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާ ގޮވާލައްވައިފއެވެ.

އެމެރިކާގެ ރައްޔިތުންނާ މުހާތަބު ކުރައްވާ އޮބާމާ މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައިވާއިރު، އެމެރިކާގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް އަމާޒުކޮށް ގިނަ ބަޔަކު ދަނީ މިފަދަ ފާޑުކިއުންތަކެއް އަމާޒުކުރަމުންނެވެ. ނަމަވެސް އޮބާމާގެ ވާހަކަފުޅުގައި ވަކި ލީޑަރެއްގެ ނަން ބަޔާން ކުރައްވާފައެއް ނުވެއެވެ.

މި ދަނޑިވަޅަކީ އެމެރިކާގެ އެކި ހިސާބުތަކުގައި ބަޑީގެ ހަމަލާތަކެއް ދީ 31 މީހެއްގެ ފުރާނަ ދުއްވާލާފައިވާ ދަނޑިވަޅަކަށްވާއިރު، ނަސްލީ ހިޔާލު ތަފާތުވުންތައް އެގައުމުގައި ދަނީ ގުގުމަމުންނެވެ.

ބަރާކް އޮބާމާއަކީ އެމެރިކާގައި ބަޑި ގެންގުޅުމުގެ ގާނޫނަށް އިސްލާހީ ބަދަލުތަކެއް ގެންނެވުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ރައީސްއެކެވެ. 2015 ވަނަ އަހަރު ދެއްވި ބަސްދީގަތުމެއްގައި އޮބާމާ ވަނީ، އެކަން ކާމިޔާބު ނުކުރެވުމަކީ ވެރިކަމުގައި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އެންމެ ބޮޑު ނުތަނަވަސްކަން ކަމުގައި ސިފަކުރައްވާފައެވެ.

އޮބާމާ ވިދާޅުވީ އެމެރިކާ މީހެކޭ ބުނާ ތައްގަނޑަށް ނުފެތޭ މީހުންނާ މެދު ނަފުރަތު އުފައްދާ ލީޑަރުންގެ ވާހަކަތައް އެހުމުން ދުރުވާންޖެހޭ ކަމަށާ، އެމެރިކާއަކީ ވަކި ކަހަލަ ބަޔަކަށް އޮތް ގައުމެއް ކަމަށާ، އެމެރިކާއަށް އެތެރެވާ މީހުންގެ ސަބަބުން އެމެރިކާގެ ރައްޔިތުންގެ ފުރާނައަށް ނުރައްކާވާ ކަމަށާ، އެމެރިކާއަށް އެތެރެވާ މީހުންނަކީ ފުރިހަމަ އިންސާނޫން ނޫންކަމަށް ދޭހަވާ ފަދަ ގޮތަކަށް ވާހަކަފުޅު ދައްކަވާ ލީޑަރުންގެ ފިކުރުތަކާވެސް ދުރުވާންޖެހޭ ކަމަށެވެ.

ކޮންމެ ނަސްލެއްގެ، ކޮންމެ ދީނެއްގެ އަދި ކޮންމެ ސިޔާސީ ފިކުރެއްގެ މީހަކީވެސް އެމެރިކާގައި ހަމަހަމަކަން ލިބިފައިވާ މީހެއްކަމަށް އޮބާމާ ވިދާޅުވިއެވެ.

އޮބާމާ މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައިވާއިރު، ޓްރަމްޕްވަނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ތިއްބަވާ އިދިކޮޅު ޑިމޮކްރަޓިކް މެމްބަރުންގެ ތެރެއިން، ދޮން ނަސްލު ނޫން ނަސްލުތަކުން އައިސްފައި ތިބި އަންހެން މެމްބަރުންނަށް އިޝާރާތް ކުރައްވާ ބަހުގެ ވަރުގަދަ ހަމަލާތަކެއް ދެއްވާ، ބޮޑެތި ފާޑުވިދާޅުންތަކެއް ވިދާޅުވެފައެވެ.